ކުޅިވަރު

ދެބެން އެކުގައި ގައުމީ ޓީމަށް، ޝާފީ، ދާދު، ލިލީއަށް ޖާގައެއް ނެތް

ޑިފެންޑަރު، ޝާފިއު އަހްމަދު (ޝާފީ) އާއި އަހްމަދު އަބްދުﷲ (ލިލީ) އަދި އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) އާއި ހަސަން ނާއިޒު (ދާދު) ޓީމުން ޖާގަ ގެއްލިއްޖެ އެވެ. ޓީމުން ޖާގަ ލިބުނު އެންމެ ފާހަގަ ކުރެވޭ ދެ ކުޅުންތެރިންނަކީ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ، ކުލަބު އީގަލްސްގެ އަހްމަދު ނޫމާން (ހެލްމެޓް) އާއި އޭނާގެ ކޮއްކޮ މުހައްމަދު ނާއިމް އެވެ.

ގައުމީ ޓީމަށް މީގެ ކުރިން އެއްބަނޑުއެއްބަފާ ދެބެން އެކުގައި ބައެއް އެހެން ކުޅުންތެރިން ވެސް ހިމެނިފައި ވެއެވެ. ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އޭނާގެ ބޭބެ އަލީ އަޝްފާން ހިމެނިފައި ވެއެވެ. އަދި ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި އޭނާގެ ކޮއްކޮ އަކުރަމް އަބްދުލް ގަނީ އެވެ. އަކުރަމް ވަނީ މިފަހަރުގެ ޓީމުންވެސް ފުރުސަތު ދީފަ އެވެ.

މިފަހަރުގެ ސްކޮޑުން ވަނީ އާ ކުޅުންތެރިންނަށް ފުރުސަތު ދިފަ އެވެ. ގައުމީ ޓީމުން އަލަށް ފުރުސަތު ދިން ކުޅުންތެރިންނަކީ، ވިކްޓަރީގެ ހުސައިން ނިހާން (ނިހާޓް) އާއި އީގަލްސްގެ މުހައްމަދު ނާއިމު އާއި ގްރީން ސްޓްރީޓްގެ އުމުރުން 17 އަހަރުގެ އަބްދުﷲ ޔާމީނެވެ. ޔާމީން އަކީ މިޑްފީލްޑްގައި ހުނަރު ހުރި ކުޅުންތެރިޔެކެވެ.

މިއަހަރު ނިއު ރޭޑިއަންޓަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ހިޝާމް ސަލީމް (މުހައްމަދު) އަށްވެސް ވަނީ މެދުކެނޑުމަކަށް ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ނޮވެމްބަރު މަހު އެކުލަވާލި ގައުމީ ސްކޮޑުން ފުރުސަތު ނުލިބުނު މާޒިޔާގެ ޔަޝްފާދު ހަބީބު (މުލަކޭ) އަށް ވަނީ ޓީމުން ފުރުސަތު ދީފައިވެއެވެ.

މިދިޔަ ނޮވެމްބަރު މަހު ފަލަސްތީނާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ސްކޮޑުން ފުރުސަތު ނުލިބޭ އެހެން ކުޅުންތެރިންނަކީ:

  • މުހައްމަދު ރަޝީދު (ހޮކޭ)
  • ރިލްވާން ވަހީދު (ކަކާ ރިލޭ)
  • އަމްދާން އަލީ (އެންޑީ)
  • ނާއިޒް ހަސަން (ދާދު)
  • އިމްރާން ނަޝީދު (އިންމަ)
  • އަހްމަދު ޒާދު
  • މުހައްމަދު ސާއިފް
  • އިބްރާހިމް ރިޒްހާން (ރިޒްކޯ)
  • އަބްދުﷲ ޒިޔަޒަން

ޓީމުގެ ގޯލްކީޕިން ޑިޕާޓްމެންޓަކީ، ކުޅުންތެރިން ހޯދަން އެންމެ އުނދަގޫ ޑިޕާޓެމެންޓެވެ. ގޯލްކީޕަރުންގެ ގޮތުގައި މިފަހަރުވެސް ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފަށްވެސް ވަނީ ފުރުސަތު ދީފަ އެވެ. މި ސީޒަންގައި ޔުނައިޓަޑް ވިކްޓަރީގެ ފުރަތަމަ 11 ގައި ކުޅެމުން އަންނަ ކީޕަރު ތޮލާލްއަށްވެސް ވަނީ ފުރުސަތު ދީފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗަށް ތައްޔާރުވުމުގެ ގޮތުން މިރޭ ސިންގަޕޫރަށް ދާން ގައުމީ ޓީމު ފުރާނެ އެވެ. ސިންގަޕޫރުގައި އެ ގައުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.