މިއީ މިހާރު ޝޯޝަލް މީޑިއާގައި، ހާއްސަކޮށް އިންސްޓަގްރާމުގައި ވަރަށް ވައިގައި ހިފައިގެން އުޅޭ ކަމެކެވެ. އިނގިލީގައި އަނގޮޓި އެޅުމުގެ ބަދަލުގައި އިނގިލީގައި އަނގޮޓި ހަރުކުރަނީ އެވެ. ކަންފަތް ތޮރުފައިގެން ކަންފަތަށް މުދި ލައްވާހެނެވެ.
މީހުން އެންމެ އާންމުކޮށް އަނގޮޓި އަޅާ އުޅެނީ އެންގޭޖުވުމަށެވެ. ރީއްޗަށް އަޅާ މީހުން ވެސް މިހާރު މަދެއް ނުވާނެ އެވެ. އެންގޭޖުވުމަށް އަނގޮޓި އެޅުމަކީ އެންމެ އިހުޒަމާނުއްސުރެއް ކުރަމުން އަންނަ ކަމެކެވެ.
އެންގޭޖުމަންޓު އަނގޮޓީގެ ގޮތުގައި އަގު ބޮޑު ޖަވާހިރު ކަހަލަ އެއްޗެހި އާންމުކޮށް މީހުން ދޭން ފެށީ 1940 ގެ އަހަރުތަކުން ފެށިގެން ކަމަށް ބެލެވެ އެވެ. އެއީ އޭގެ ކުރިން ޖަވާހިރަކީ ވަރަށް އަގު ބޮޑު އެއްޗަކަށްވެފައި ވަރަށް މަތީ ފެންވަރުގެ މީހަކަށް ނޫނީ ޖަވާހިރުގެ އަނގޮޓިއެއް ދިނުމަކީ ދަތިކަމަކަށް ވާތީ އެވެ.
މިފަހަރު މި ދޭ އަނގޮޓިއަކީ ޖަވާހިރަށްވުރެ އަގުބޮޑު ނުވިޔަސް، އެއަށްވުރެ އަސަރުގަދަ ވާނެ އަނގޮޓިއެކެވެ. އިނގިލި ތޮރުފައިގެން އިނގިލީގައި އެއްޗެއް ހަރުކުރާނަމަ އަސަރުގަދަ ނުވެއެއް ނުދާނެ އެވެ. ވަރަށް ތަދުވާނެ ކަމެއް ކަމަށްވިޔަސް ގިނަ ބަޔަކު އަންނަނީ މިކަން މިހާރު ކުރަމުންނެވެ. އިނގިލި ތޮރުފައިގެން އިނގިލީގައި ޖަވާހިރުވެސް ހަރުކުރަނީ އެވެ.
އެއްބަޔަކު ބުނަނީ މިކަން ކުރަނީ ލޯބިވެރިޔާދެކެވާ ލޯބި ސާބިތުކޮށްދޭން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އަނގޮޓި ގެއްލިދާނެތީ އެކަމަށް ހައްލެއް ހޯދުމަށެވެ. ރީއްޗަކަށް މިކަން ކުރާ މީހުން ވެސް އެބައުޅެ އެވެ.
މިކަން އާންމުވެ ގިނަ ބަޔަކު ކުރަމުން އަންނައިރު ސިއްހީ ގިނަ ތަޖުރިބާކާރުންނާއި ބައެއް ޕްރޮފެޝަނަލުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
އިނގިޔައްކީ ހަށިގަނޑުގެ ނާޒުކު ބަޔަކަށްވެފައި މިގޮތަށް އިނގިލި ތޮރުފާނަމަ އިނގިލީގައި ހުންނަ ބައެއް މުހިންމު ހިމަ ނާރުތަކަށާއި ކައްޓަށް ގެއްލުންވެދާނެ ކަމަށް އެ މީހުން ބުނެ އެވެ. އަތަކަކީ އާންމު ދިރިއުޅުމުގައި ވަރަށް ހަރަކާތްރިކޮށް ގެންގުޅެންޖެހޭ ގުނަވަނަކަށް ވުމުން ތަންތަނުގައި އަތްލައި އުޅޭނަމަ އިނގިލި ދުޅަވެ އިންފެކްޝަން ވެސް އުފެދިދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް މިކަހަލަ ސިއްސައިގެން ދާކަހަލަ ޓްރެންޑްތައް ފެޝަންގެ ދުނިޔެއަށް އައިސްފައިވެ އެވެ. ފިޝްޓެއިލް އައިބްރޯ އިން ފެށިގެން ގޮސް އެވޮކާޑޯ ޕްރޮޕޯސަލްއަކީ ޝޯޝަލް މީޑިއާ އަދި ހާއްސަކޮށް އިންސްޓަގުރާމުގައި ފޯރި ގަދަވި ޓްރެންޑުތަކެވެ.