ހަބަރު

ގިނަ އަދަދެއްގެ ތެލަސީމިއާ ކުދިންގެ ބޯންމެރޯ ހަދަން ޒަކާތު ފަންޑުން އެހީވަނީ

ތެލަސީމިއާ ކުދިންގެ ތެރެއިން 34 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ހަރަދުކުރާ ގޮތަށް ނިންމައިފި އެވެ. މީގެ ކުރިން މި ފަރުވާ އަށް އެހީ ދެނީ އަހަރަކު ދެ ކުއްޖަކަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު މުނީޒާ މިއަދު ވިދާޅުވީ އެ 34 ކުދިން ހޮވާފައިވަނީ މޯލްޑިވިއަން ބްލަޑް ސާވިސްއިން ފޮނުވާފައިވާ ލިސްޓަކަށް ބިނާކޮށް ކަމަށެވެ. އަދި އެ ކުދިންނަށް ދޭނީ ބޯންމެރޯ ހެދުމަށް ހިނގާ ޚަރަދު ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.

"އެންސްޕާއާ ގުޅިގެން އަޅުގަނޑުމެން މިކަން ކުރިއަށް މި ގެންދަނީ، ޒަކާތު ފަންޑުން ޚަރަދުކޮށް ދޭނީ ބޯން މެރޯ ހެދުމަށް ހިނގާ ޚަރަދުތަކަށް އެކަނި،" މުނީޒާ ވިދާޅުވި އެވެ.

މުނީޒާ ވިދާޅުވި ގޮތުގައި އަންނަ ބުދަ ދުވަހު ހަވީރު ބާއްވާ ރަސްމިއްޔާތެއްގައި އެ 34 ކުދިންނަށް އެކަމުގެ ލިޔުން ރައީސް އަބްދުﷲ ޔާމީން ހަވާލުކޮށް ދެއްވާނެ އެވެ.

ތެލަސީމިއާ ނުވަތަ ލޭއަޅާ ބަލި ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ހެދުމަށް ހޮވާފައި ވަނީ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ޑޯނާއެއް ހަމަޖެހިފައިވާ ކުދިންނަށް ކަމަށް "އަވަސް" އަށް އެނގިފައިވެ އެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނީ ބުދަ ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުގަ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ލައްކައެއްހާ އެމެރިކާ ޑޮލަރު ހޭދަވެ އެވެ،