ކުޅިވަރު

އަނިޔާގެ ސަބަބުން ދަގަނޑޭއަށް ޓީމާއެކު ނުދެވުނު

އަންނަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަށް، އެކުލަވާލި ސްކޮޑުގައި ހިމެނި ނަމަވެސް އަނިޔާގެ ސަބަބުން ސިންގަޕޫރަށް ދާން ފުރި ޓީމާއެކު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ބައިވެރި ނުވެވުނެވެ.

އޭނާ އަށް ޓީމާއެކު ނުދެވުނީ، އިއްޔަ ކުލަބު އީގަލްސް އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި އޭނާގެ ބުރަކައްޓަށް އެރި ތަދެއްގެ ސަބަބުން މުޅިން ރަނގަޅު ނުވާތީ އެވެ. ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ އިއްޔެގެ މެޗަށް ފަހު، ގައުމީ ފުޓްބޯޅަ ދަނޑުގެ ރޮސްޓޮމްގައި އަޝްފާގުއާ ބައްދަލު ކޮށްފަ އެވެ.

"އިއްޔެ މެޗަށް ފަހު އަޝްފާގް ބުނި އޭނާގެ ބުރަކަށްޓަށް ތަދެއް އަރައިގެން އުޅޭ ވާހަކަ، އޭނާ ބުނި އެހެންވިޔަސް ކޯޗު އޭ ތިމަންނަ ސިންގަޕޫރަށް ދާނަމޭ،" ޝެގަޓް މިއަދު ބުނެފައި ވެއެވެ. "ނަމަވެސް ރޭގަ ޑޮކްޓަރަށް ދެއްކީމަ އޭނާ އަރާމު ކުރަން ވަގުތު ކޮޅެއް ނެގުމަށް ޑޮކްޓަރު ބުނެފަ އޮތީ."

"ދެން އަހަރެން ވެސް ވިސްނީ އެއީ ކަމަށް އެންމެ ރަނގަޅު ގޮތަކީ، ބޫޓާން މެޗަށް އޭނާ ފިޓްވާނެ، އެއީ އަހަރެންގެ އުންމީދަކީ، އަޝްފާގް ޓީމުގައި ހުންނަންޏާ އަހަންނަށް ވެސް ވަރަށް ބޮޑު އިތުބާރަކަށް ވާނެ."

މިރޭ ޓީމު ފުރުވުމަށް އަޝްފާގް ވަނީ ދެ ނަންބަރު ފާލަމަށް ގޮސްފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދުވެސް ވަނީ ޓީމު ފުރުވާން ގޮސްފަ އެވެ.

ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗު އޮންނާނީ ރާއްޖޭގަޑިން ހުކުރު ދުވަހު ހަވީރު 4:30 ގައެވެ. ބޫޓާން އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.