ބޮލީވުޑްގައި މިހާރު ރަސްކަން ކުރަމުން އަންނަ ބަތަލް، އާމިރް ހާންގެ ޑްރީމް ޕްރޮޖެކްޓް "މަހާބާރަތާ" ގެ ވާހަކަތައް މިހާރު ބީޓައުންގައި ދެކެވެމުން އަންނަތާ ދުވަސްތަކެއްވެއްޖެ އެވެ. އެ ފިލްމުގެ މަސައްކަތްތަކާއި ބެހޭ ގޮތުން އާމިރް އަދި މާ ގިނަ ވާހަކަތަކެއް މީޑިއާ އާއި ހިއްސާ ކޮށްފައި ނުވި ނަމަވެސް ވަރަށް އަވަހަށް އެ ފިލްމާއި ބެހޭގޮތުން މީޑިއާގައި އޭނާ ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ.
ސަބަބަކީ އެ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފިލްމުގެ ބަޖެޓަށް އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ މުކޭޝް އަންބާނީ، 1000 ކަރޯޑު ރުޕީސް ދޭން ނިންމާފައިވާތީ އެވެ. އެ ފިލްމުގެ މަސައްކަތް އާމިރް ފަށަން އުޅޭ ވާހަކަ ބުނުމުން ބޮލީވުޑްގެ ފުންނާބު އުސް އެތައް އުފެއްދުންތެރިންނާއި ޕްރޮޑިއުސަރުން އެ ފިލްމު ޕްރޮޑިއުސް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
ފިލްމާއި ބެހޭގޮތުން މީގެ ކުރިން އާމިރް ބުނެފައި ވަނީ މިއީ އޭނާގެ ޑްރީމް ޕްރޮޖެކްޓަކަށް ވާތީ މި ފިލްމަކީ ބްލޮކްބާސްޓާ ފެންވަރުގައި ތައްޔާރު ކުރެވޭ ފިލްމަކަށް ނުވާހާ ހިނދަކު ފިލްމުގެ މަސައްކަތް ނުފަށާނެ ކަމަށެވެ.
"އަހަރެންގެ ޑްރީމް ޕްރޮޖެކްޓަކީ 'މަހާބާރަތާ' ފިލްމަކަށް ހެދުން. މި ފިލްމުގެ މަސައްކަތައް އަހަރެން ހަޔާތުން 15 ނޫނީ 20 އަހަރު ހޭދަ ކުރަން ޖެހޭނެ." އާމިރް އިތުރަށް ބުނެފައިވެ އެވެ. މި ފިލްމުގެ މަސައްކަތައް އާމިރް ބޮޑު ޝައުގުވެރިކަމެއް ހުރިއިރު އެނާ ބޭނުންވަނީ މި ފިލްމަކީ "ވޯލްޑް ކްލާސް ފިލްމު ސީރީޒް" އަކަށް ހަދާށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާމިރް މަހާބާރަތާ ގެނެސްދޭނީ ތިނެއް ނޫނީ ފަސް ފިލްމަށް ބަހާލައިގެންނެވެ. ކޮންމެ ފިލްމެއް ވެސް އުފެއްދުމަށް އާ ފަރާތްތައް ހޯދާއި ފިލްމު ވާހަކަ މުއްސަނދި ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ލިޔުންތެރިން ނަގާނެ ކަމަށް ވާހަކަ ދެކެވެ އެވެ.
މަހާބާރަތްއަކީ ހިންދޫން އެންމެ ޒަމާންވީ ސާންސްކްރިތް ވާހަކަތަކުގެ ތެރޭގައި ހިމެނޭ ހިޔާލީ ތާރީހީ ދެ ވާހަކައިގެން ތެރެއިން އެއް ވާހަކަ އެވެ. އަނެއް ވާހަކަ އަކީ "ރަމަޔާނާ" އެވެ. މަހާބާރަތްއަކީ ދުނިޔޭގައި މިހާތަނަށް ލިޔެފައިވާ އެންމެ ދިގު ޅެމުގެ ގޮތުގައި މަޝްހޫރުވެފައިވާ ވާހަކައެކެވެ. އެ ޅެމުގައި ދެ ލައްކައަށްވުރެ ގިނަ ކަޑި ހިމެނޭއިރު، ޖުމަލް 1.8 މިލިއަން ބަސް ލިޔެފައިވެ އެވެ.
އާމިރް ހާންގެ ފިލްމުތައް މިހާރުވެސް އަންނަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އާމިރްގެ އެންމެ ފަހުން ނިކުތް ފިލްމު "ސީކްރެޓް ސުޕަސްޓާ" އަށް ވަނީ ދާދިފަހުން ޗައިނާގެ ބޮކްސް އޮފީހުގައި 700 ކަރޯޑު ހޯދާފަ އެވެ. އިންޑިއާ އާއި ދުނިޔޭގެ އެކު ހިސާބުތަކުގައި ފިލްމު ދައްކައިގެން ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.