ބޮލީވުޑް

ބޮޑު ރެކޯޑެއް މުގުރަން "ބާހުބަލީ 2" ޗައިނާއަށް

އިންޑިއާގެ ފިލްމުތައް ޗައިނާގެ ބޮކްސް އޮފީހުގައި މިހާރު އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. "ޑަންގާލް" އާއި "ބަޖްރަންގީ ބައިޖާން" އަދި "ސީކްރެޓް ސުޕަސްޓާ" އަށް ވަނީ ރެކޯޑު އާމްދަނީއެއް ލިބިފަ އެވެ.

ޗައިނާގެ ސިނަމާތަކުގައި ދެއްކި އިންޑިއާ ފިލްމުތަކުގެ ލިސްޓަށް ދެން އެންމެ އަވަހަށް އިތުރު ވަނީ ދެކުނު އިންޑިއާގެ ފިލްމު "ބާހުބަލީ 2: ދަ ކޮންކުލޫޝަން" ކެވެ. ބާހުބަލީ 2 އަކީ މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ ފިލްމަށްވުމާއެކު ޗައިނާގައި ވެސް މި ފިލްމު އިތުރު ރެކޯޑުތައް މުގުރުން ގާތެވެ.

ޗައިނާގެ ސެންސަރު ބޯޑުން މިހާރު ވަނީ މި ފިލްމު އެ ގައުމުގައި ދެއްކުމުގެ ހުއްދަ ދީފަ އެވެ. ފިލްމު ޗައިނާގައި ދައްކާނެ ތާރީހު އަދި ޔަގީންނުވި ނަމަވެސް ފިލްމުގެ ޓީމުން ބުނެފައި ވަނީ ޗައިނާގައި ފިލްމުގެ ޕްރިމިއާ ކުރުމަށް ބޮޑު ހަފްލާއެއް ބާއްވާނެ ކަމަށެވެ.

"ބާހުބަލީ 1: ދަ ބިގިނިންގް" ވަނީ މީގެ ކުރިން ޗައިނާގައި ދައްކާ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ. އެހެންކަމުން މި ފިލްމަށް ލިބޭނެ ތަރުހީބު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ބާހުބަލީ 2 ގެ ޓްރެއިލާ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން ބާހުބަލީ 2 އަކަށް މިހާތަނަށް 1715 ކަރޯޑު ލިބިފައިވެ އެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި ޗައިނާގައި މި ފިލްމު ދައްކާ 300 ކަރޯޑު އިތުރަށް ހޯދާ މި ފިލްމަށް ލިބުނު އާމްދަނީ 2000 ކަރޯޑަށްވުރެ މައްޗަށް ދާނެ އެވެ. އެއާއެކު މި ފިލްމު ވެގެން އަންނާނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން 2000 ކަރޯޑު ހޯދި ފުރަތަމަ އިންޑިއާ ފިލްމަށެވެ.

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމުގެ މަގާމުގައި އޮތީ އާމިރް ހާންގެ ޑަންގާލް އެވެ. އެއީ 1900 ކަރޯޑު ރުޕީސްްއާއެކު އެވެ.

ބާހުބަލީއަކީ ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު، އެސްއެސް. ރާޖަމޯލީ ޑައިރެކްޓުކޮށް ގެނެސްދިން ފެންޓަސީ އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގެ ރަސްކަމެއްގައި ދެބެންގެ ދެދަރިންގެ ދެމެދުގައި ރަސްކަމުގެ ދަހިވެތިކަމުގައި އުފެދޭ ހަމަނުޖެހުންތަކެއްގެ ސަބަބުން ކުރިމަތިވާ ހާދިސާތަކެއް މައްޗަށެވެ.