މި ޓެނިސް ބޯޅަތަކުގައި މިހުރީ ރީދޫ ނޫނީ ފެހި ކުލަ ހެއްޔެވެ؟ މިއީ ޖަވާބު ދޭން ފަސޭހަ ސުވާލަކަށް ވެދާނެ އެވެ. ގިނަ މީހުން ބުނަނީ ޓެނިސް ބޯޅާގައި އަސްލު ހުންނަނީ ރީނދޫ ކުލަ ކަމަށެވެ. އެކަމަކު މި ބޯޅަތައް ހުންނަނީ ފެހި ކުލައިގައޭ ވެސް ބުނާ މީހުން އެބައުޅެ އެވެ.
ދެ ގޮތަށް ބުނާ މީހުންވެސް އެބަ އުޅެ އެވެ. ދެ ކުލައިގެން ފެންނަ މީހުންނެވެ. މި ބޯޅަތަކުގެ އަސްލުކުލައަކީ އެހެންވީމާ ކޮބާ ހެއްޔެވެ؟ މި ބޯޅަތަކުގެ ކުލަ އާއި ބެހޭގޮތުން ޝޯޝަލް މީޑިއާގައި ދަނީ މިހާރު ބަހުސް ކުރެވެމުންނެވެ.
ދުނިޔޭގެ މިހާރު ހުރި އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑްރާރް މި ސުވާލަށް ދިން ޖަވާބުގައި ބުނީ، "އެ ބޯޅަތައް ހުންނަނީ ރީނދޫ ކުލައިގަ އެއްނުން؟" އެވެ.
އެ ބޯޅާއިގެ ކުލައާއި ބެހޭގޮތުން ރޮޖާ އާއި ކުރި ސުވާލަށް ދިން ޖަވާބުގެ ވީޑިއޯ މިހާރު ޓުވިޓާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ މިހާތަނަށް 380 ހާހަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ. ރޮޖާ ދިން ޖަވާބު ގިނަ ބަޔަކަށް ކަމުވެސްދިޔަ އެވެ.
ރޮޖާގެ ޖަވާބު ކަމުދިޔަ މީހުން ބުނީ، "އެ ބޯޅަތައް ހުންނަނީ ރީނދޫ ކުލާގައި ކަމަށް ރޮޖާ ބުނެފިނަމަ، އެ ހުންނަނީ ރީނދޫ ކުލައިގަ،" އަދި "އަހަރެން މިއޮތްހާ ދުވަހު ހީކުރީ ޓެނިސް ބޯޅަ ހުންނަނީ ފެހި ކުލައިގައި ކަަމަށް، އެކަމަކު ރޮޖާ އެ ހުންނަނީ ރީނދޫ ކުލައިގައޭ ބުނެފިނަމަ ދެން ކޮން ބަހުސެއްތޯ ކުރެވޭނީ ވެސް." މިހެންނެވެ.
ރޮޖާގެ ޖަވާބު ބައެއް މީހުން ގަބޫލެއް ނުކުރި އެވެ. އެމީހުން ބުނަނީ ޓެނިސް ބޯޅަ ހުންނަނީ ފެހި ކުލައިގައި ކަމަށެވެ. ރޮޖާގެ ވާހަކަ ގަބޫލުނުކޮށް އެހެން މީހަކު ބުނެފައި ވަނީ ޓެނިސް ބޯޅަ ހުންނަނީ ފްލޮރިޒެންޓު ރީނދޫ ކުލާގައި ފެހިކުލަވެސް ފެންނަ ކަހަލަ ގޮތަކަށް ކަމަށެވެ.
ބައެއް މީހުން ވަނީ މިއީ މޮޔަ ބަހުސެއް ކަމަށާއި ޓެނިސް ބޯޅަ ހުންނަނީ ރީނދޫ ކުލައިގައި ކަން ކޮންމެ މީހަކަށްވެސް ފަސޭހަ އެނގޭނެ ކަމަށް ބުނެފަ އެވެ. "ވިމްބްލެޑަންގެ ދަނޑުގެ ވިނަތަށް ހުންނަނީ ފެހި ކުލައިގަ، އެހެންވީމަ ޓެނިސްކުޅޭ ބޯޅަ ފެހި ކުލައަކު ނުހުންނާނެ." މީހަކު ބުނެފައިވެ އެވެ.
އެއްޗެއްގެ ކުލަ ފެންނަ ގޮތާއި ބެހޭގޮތުން ޝޯޝަލް މީޑިއާގައި ބަހުސް ކުރެވޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2015 ގައި "ދަ ޑްރެސް" ގެ ނަމުގައި ޝޯޝަލް މީޑިއާގައި އާންމުވި ސްކޮޓްލޭންޑުގެ އަންހެނަކު އެނާގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ލީ ހެދުމުގެ ކުލަ އާއި ބެހޭގޮތުންވެސް ބޮޑު ބަހުސެއް ކުރެވުނެވެ. ބައެއް މީހުނަށް އެ ހެދުން ފެނުނީ ހުދާއި ރަންކުލައިން އަދި އަނެއްބައި މީހުނަށް ފެނުނީ ކަޅާއި ނޫކުލައިންނެވެ.
އެ ހެދުމުގެ ކުލައި އާއި ބެހޭގޮތުން ބޮޑު ބަހުސްތައް ކުރެވެމުންދަނިކޮށް، އިނގެރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސްގައި ކަލާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ކިޔަވައިދޭ ޕްރޮފެސަރު ސްޓެފަން ވެސްޓްލޭންޑްސް ވިދާޅުވީ މީހުނަށް އެއްޗެއްގެ ކުލަ ފެނުމުގައި ބައެއް ފަހަރު ބޮޑެތި ތަފާތުތަކެއް އުޅޭ ކަމަށެވެ.
"އަހަރެމެން އެންމެނަށް އެއްޗެއް ހަމަ ސީދާ އެއް ކުލައަކުން އަބަދަކު ނުފެނޭ." ސްޓީވެން ވިދާޅުވި އެވެ. "އެންމެ ހައިރާންވާ ތަންކޮޅަކީ މިއީ އެހާ އާންމުކޮށް ވާކަމަށް ނުވުން. މީހެއްގެ ބޮލުގައި އިންނަ އެއްޗެއް ނޭނގޭނެ."
އަޅުގަނޑަށް މި ބޯޅަތައް ފެންނަނީ ފެހި އަދި ރީނދޫ ކުލައިންނެވެ. ކިޔުންތެރިންނަށް މި ބޯޅަތައް ފެންނަނީ ކޮން ކުލައަކުން ހެއްޔެވެ؟