(20 މާރިޗު 2018 އާ ގުޅޭ)
އަޖައިބުވެފައި ހުރި މީހަކު ފަދައިން އަރްސަލްގެ ފަހަތުން ކީފާ އައެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެ އަންހެންކުއްޖާ ގޮވައިގެން އަރްސަލް ކޮޓަރިއަށް ވަދެ ކުރީ ކީއްކަމެއް އެނގެން ކީފާ ބޭނުންވަނީއެވެ. ކިތަންމެ ސުވާލެއް ކުރިޔަސް އަރްސަލް ޖަވާބު ދޭނީ އޭނާ ދޭން ބޭނުންވި ސުވާލަކަށްކަން ކީފާއަށް އެނގެއެވެ.
ސޯފާގައި އައިސް އަރްސަލް އިށީނެވެ. އިހު އިން ގޮތަށް ޓީވީ ކުރިމަތީ ހުރި ސޯފާގައި ރާދިން އިންއިރު އޭނާގެ ކަނާތް ފަރާތުގައި އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި ކީފާ އިނެވެ. ކީފާއާ ކުރިމަތިވާނޭހެން ރާދިންގެ ވައަތް ފަރާތުގައި ހުރި ބޮޑު ސޯފާގައި އަރްސަލް އިނެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު ފިޔަވައި އިތުރު އަޑެއް ނުވެއެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން މެޔާ ހިސާބުގައި ދެއަތް ހުރަސްކޮއްލައިގެން ރާދިން އިންއިރު އޭނާގެ މޫނުމަތިން ފާޅުވާ ހިތްހަމަނުޖެހުމުގެ އަސަރު ސިއްރު ކުރާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އަރްސަލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ދެ ޒުވާނުންނަށް ވަކިވަކިން ކީފާ ބަލާލިއެވެ. ތަނަށްވެރިފައިވާ ނުތަނަވަސްކަން އިތުރުވަމުންދިޔައެވެ. ޚުދު ކީފާގެ ސިކުނޑި ވެސް ވަނީ އެތައް ސުވާލުތަކަކުން ފުނިޖެހިފައެވެ. ހިމޭނުން އިނދެގެން އަރްސަލްގެ ކިބައިން އެއްވެސް ކަމެއް އޮޅުން ނުފިލާނޭކަން ކީފާގެ ހިތް ބުންޏެވެ. ސުވާލެއް ކުރަން ކީފާ މި ނޫނީ މިހާ ޖެހިލުމެއްނުވެއެވެ. ލޫން ވަކިވެ ދިއުމާއެކު އޭނާ އަރްސަލްގެ ދިރިއުޅުމަށް އެނބުރި އައީ އޭނާގެ ރަޙުމަތްތެރިޔާ އަލުން ހޯދުމަށް ޓަކައެވެ.
"ލޫންގެ ހަނދާންތަކުން އަރްސަލް އަރައިގަތީތަ؟ އޭނާގެ ހަޔާތައް ދެވަނަ ބައިވެރިއަކު ގެނައީތަ؟... ނޫން! ނޫން!... އޯ ގޯޑް!... ޕްލީޒް... އަހަންނަށް ހީވާ ހީވުން ދުވަހަކުވެސް ތެދަކަށްވާކަށް ބޭނުމެއްނޫން. އަރްސަލް! އަރްސަލް!... އެކަމަކު... އެއްވެސް ގުޅުމެއްނެތް އަންހެންކުއްޖަކު އަރްސަލް ގެއަށް ގެނެސްފާނެތަ؟... އެ އަންހެންކުއްޖާ ގޮވައިގެން އަރްސަލް ދިޔަ ގޮތުން ހިޔެއްނުވޭ އެއީ އަރްސަލްގެ ތިމާގެ ކުއްޖަކަށް ވެދާނޭހެން... ސީ އިޒް ސޯ ޔަންގް... ޑިފަރެންޓް... އަރްސަލްމެންގެ ޢާއިލާ މީހަކާ ވައްތަރެއް ވެސް ނޫން" ކީފާގެ ހިތުގައި ދެކެވެމުންދިޔަ ވާހަކަތައް މެދުކެނޑުނީ ކުއްލިއަކަށް ރާދިން ތެދުވުމުންނެވެ.
"އެކަކު ވެސް ކާން ބޭނުންތަ؟ އަހަރެން ވަރަށް ބަނޑުހައި... އަހަރެން މި ދަނީ ކާން... ބައިވެރިވާން ބޭނުމިއްޔާ އަންނަންވީ" ރާދިން ބުނެލިއެވެ. އަދި އެކަކަށް ވެސް ބަލާލުމެއްނެތި އޭނާ ބަދިގެ ފަރާތަށް އައެވެ.
ކާމޭޒުމަތީ އެރެއަށް ތައްޔާރުކޮއްފައި ހުރި އެއްޗެހި ތަށިތަކަށް އަޅާފައި ހުއްޓެވެ. ކެއުމަށް ބޭނުންވާނޭ ތަށިތައް ކެބިނެޓުން ނެގުމަށްފަހު އަރްސަލް ތަށިތައް ދޮންނަން އުޅުނެވެ. އެވަގުތު ކީފާ އޭނާގެ ގާތަށް އައެވެ.
"ގެނޭ އަހަރެން ތިކަން ކޮއްލާނަން" ރާދިންގެ ވައަތްފަރާތުން ކީފާގެ އަޑު އިވުނެވެ.
"އިޓްސް އޯކޭ.. ކީފާ އިށީނދޭ" ރާދިންގެ ފަރާތުން އެހެންޏާ ފެންނަ ސަމާސާ ގޮތެއް ނުފެނުނެވެ. މާނަފުން ބަލާލުމަކުން ރާދިންއަށް ބަލާލާފައި ކީފާ އައިސް މޭޒު ކައިރީ އިށީނެވެ.
ތަށިތައް ހިފައިގެން ސިންކުގެ ކައިރިން ރާދިން އެނބުރިލުމާއެކު މޭޒު ދޮށުގައި ކީފާއާއެކު އަރްސަލް ވެސް އިންތަން އޭނާއަށް ފެނުނެވެ. މޭޒުމަތީ ތަށިތައް ބެހެއްޓިއިރު އަރްސަލްގެ ކުރިމަތީ ރާދިން ތަށި ބެހެއްޓީ ތަންކޮޅެއް ބާރަށެވެ. ފެން އަޅަން ވެގެން ބިއްލޫރި ތަށި ބެހެއްޓީ ވެސް ތަންކޮޅެއް ބާރަށެވެ.
"މައި ގޯޑް! ރާދު!... އެންގްރީ ވައިފްއެއް އުޅޭހެން ތިއުޅެނީ ކިހިނެއްތަވީ؟ މިރޭ އަހަރެން މި އެޕާޓްމެންޓަށް ވަނީއްސުރެ ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގޭ... ދި އެއަރ އިސް ސޯ ޓެންސް، އައި ފީލް ލައިކް އައި އޭމް ގެޓިންގ ސްމަތާޑް" މޭޒު ދޮށުގައި ތިބި އަރްސަލްއާއި ރާދިންއަށް ކީފާ ކަޅި އަޅާލިއެވެ.
"މީދަ މީހާ ގާތު އަހާބަލަ" ތަރުކާރީބަތް އަޅަން ސަމްސަލުގައި އަރްސަލް ހިފަން އުޅުމުން އޭނާއަށް ފުރުޞަތު ނުދީ ރާދިން އަވަސް އަވަހަށް ސަމްސާ ނަގާ ބަތް އަޅަން ފެށިއެވެ.
"ރިއަލީ ރާދު" އަރްސަލް ލޯ ހިމަކޮއްލި ގޮތުން ހީވީ ރާދިންއަށް އިންޒާރެއް ދިންހެނެވެ. އެހެންވިޔަސް ރާދިން އަޅައެއްނުލިއެވެ. އޭނާ އަވަސްއަވަހަށް ތަށްޓައް ކާއެއްޗެހި އެޅުމައިގެން އުޅުނެވެ.
"އަހަންނަށް ވާނެ" އަރްސަލްގެ ތަށްޓަށް އެއްޗެހި އަޅައިދޭން ކީފާ އުޅުމުން އޭނާ ބުނެލިއެވެ.
"އަރްސަލްއަށް ނުވާނެ ކަމަކަށްނޫނޭ އަހަރެން އެއްޗެހި މި އަޅާދެނީ" ކީފާއާ ދިމާއަށް ބަލާލި ނަމަވެސް އަރްސަލް އިތުރަށް އޭނާ މަނާކުރާކަށް ނޫޅުނެވެ.
ތިން މީހުން މޭޒު ދޮށުގައި ތިބެ ކަމުން ދިޔައިރު އެކަކު ވެސް އަނގަޔަކުން ނުބުންޏެވެ. ކީފާ އިރުއިރުކޮޅާ އޭނާގެ ދެފަރާތުގައި ތިބި އަރްސަލްއާއި ރާދިންއަށް ބަލާލައެވެ. އެ ދެމީހުންކުރެ މީހަކު ކުރީން އެއްޗެއް ބުނޭތޯއެވެ. އެންމެފަހުން ރާދިން ކައި ނިންމާފައި ތެދުވަން އުޅުނު ހިނދު ކީފާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
"ސިޓް..." އަމުރުވެރި ގޮތަކަށް ކީފާ ބުންޏެވެ. އެއާއެކު ރާދިން ފާޑަކަށް އަރްސަލްއަށް ބަލާލާފައި އަލުން ގޮނޑީގައި އިށީނދެއްޖެއެވެ.
"ކަމޯން ގާއީޒް!... ޓެލް މީ... އަރްސަލް!... އެއީ ކާކުތަ؟ ތި ދެމީހުންނަށް ބަދަލެއް އައިސްގެން ތި އުޅެނީ އެ އަންހެންކުއްޖާއާ ހެދި... ބުނެބަލަ! އެއީ ކާކުތަ؟" އެންމެފަހުން ކީފާގެ ހިތުގައިވާ ސުވާލުތަކުން ބައެއް ނަމަވެސް ދުލާ ހަމައަށް ގެނައެވެ.
"ތެދެއް އަރްސަލް... އެއީ ކާކުތަ؟" ރާދިން ހީވީ ޖެއްސުމަށް ބުނެލިހެނެވެ. އެއާއެކު އަރްސަލް ދަތްކުނޑި ވިކާލަމުން ރާދިންއަށް ކަޅި އަޅާލީ ހުއްޓާލާށޭ ބުނާ ފަދަ ގޮތަކަށެވެ.
"އެއީ ކީފާއަށް އެނގުން މުހިންމު މީހެއްނޫން... ޝީ އިޒް ނަތިންގ... ޖަސްޓް ނަތިންގ" ފަހު ޖުމްލަ އަރްސަލް އިއްވާލީ ރާދިންއަށް ބަލަން އިނދެ އޭނާއަށް ފޮނުވާލި ސިއްރު މެސެޖެއް ފަދައިންނެވެ.
"އެހެނެއްނުވާނެ... އެއީ އެއްވެސް މީހެއްނޫންނަމަ ކޮންހާ ޑްރާމާއެއް ކުރިއަށް މިދަނީ" ކީފާއަށް ވެސް އަރްސަލްގެ ޖަވާބުތައް ހުރި ގޮތް ކަމަކު ނުދިޔައެވެ.
"ދެޓްސް ސޯ ޕެތެޓިކް" ފާޑަކަށް ޗޮކެއް ކަނޑާލި ފަދަ ގޮތަކަށް ރާދިން ބުނެލީ މަޑުންނެވެ. އަދި ނޭނގޭ ކަމަށް ހަދާ ދުރު ބަލަން ފެށިއެވެ.
"ރާދު..." އަރްސަލް ގޮވާލި ގޮތުން ކިތަންމެ މަޑުން ބުނި ނަމަވެސް ރާދިން ބުނި އެއްޗެއް އަރްސަލްއަށް އަޑުއިވުނުކަން ޔަގީންވިއެވެ. ނަމަވެސް އިވުނު ކަމަށް ނުހަދާ ރާދިން އިންގޮތަށް އިނީއެވެ.
"ޝަޓް އަޕް ރާދު" ކީފާ ނުރުހުމާއެކު ބުނެލިއެވެ.
"އަރްސަލް ޕްލީޒް... ކޮންކަމަކާތަ ތިހާ ރުޅި އައިސްގެން ތިއުޅެނީ. އަހަރެން ބުނިން ދޯ މި ރަޙުމަތްތެރިކަން ދެން ދުވަހަކު ވެސް ނުކެނޑޭނެއޭ... ސޯ ޕްލީޒް... ރުޅި އައިސްގެން އުޅުމަށްވުރެ ވެގެން އުޅޭ ގޮތެއް ބުނީމައެއްނު އަހަންނަށް ވެސް އެހީއެއް ވެވޭނީ... ޔޫ ގާއީޒް އާ ލައިކް ބްރަދާސް... އެންޑް ޔޫ ރާދު... އަރްސަލް ކޮންމެ ކަމެއް ކުރިޔަސް ރާދު އަބަދުވެސް ހުންނަނީ އަރްސަލްއާ އެއްކޮޅަށް... ދެން މިފަހަރު ކީއްވެ؟ އަހަރެން ބޭނުމެއްނޫން ފާޑެއްގެ އަންހެނަކާ ހެދި ތި ދެ މީހުން ތިހެން ފައިޓުކުރާތަން ދުށުމަކަށް... ފޯ ގޯޑް ސޭކް... ވީ ގޮތެއް އަހަންނަށް ވެސް ކިޔައިދީބަލަ" ކީފާގެ އަޑުގައިވި ކަންބޮޑުވުމުން އަރްސަލްއާއި ރާދިންއަށް ވެސް ނަގައިގަނެވުނެވެ. ދެ މީހުން ވެސް މިފަހަރު ކީފާއަށް ބަލާލިއެވެ. އަދި އަރްސަލްއާއި ރާދިން ވެސް އެކަކު އަނެކަކަށް ބަލާލިއެވެ.
"ޝީ އިޒް ހިއާ ޓު ޑޫ ހައުސް ވޯކްސް" އިރުކޮޅަކު އިނުމަށްފަހު އަރްސަލް މަޑުމަޑުން ބުނެލީ އިސްޖަހާލައިގެން އިނދެއެވެ.
"ބަޓް ޝީ ލުކް ސޯ ޔަންގް... އެހެންނޫނަސް ތި ކޮމްޕެނީގެ ދަށުން މަސައްކަތް ކުރާ ބިދޭސީ މީހުން މަދީތަ؟ ގެސްޓު ހައުސްއަށް ގެންނަ މީހުންތަކުން މީހެއް ވެސް ހަމަޖެއްސުނީހެއްނު... ކީއްކުރަން ދިވެއްސެއް... އެވެސް އަންހެންކުއްޖަކު" ކީފާއަށް އަރްސަލްގެ ވާހަކަތައް އެހާ ފަސޭހައިން ޤަބޫލެއްނުކުރެވުނެވެ. އުފެދުނު ސުވާލުތައް އިތުރުވީއެވެ.
"ޓެލް ހާ އަރްސަލް" ރާދިން ވެސް މިފަހަރު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އަރްސަލް ބަލާލީ އޭނާ ހަޤީޤަތް ހާމަކުރަން ބޭނުންނުވާ ފަދަ ގޮތަކަށެވެ. ނަމަވެސް އޭނާއަށް ބަލަން އިން ރާދިން މަޑުމަޑުން ބޯޖަހާލިއެވެ. އެހިނދު އަރްސަލްގެ ޖަވާބަކަށްވީ ދެފަރާތަށް ބޯހޫރުވާލުމެވެ. ނުބުނާނަމޭ ބުނާ ފަދައިންނެވެ.
"ލޫންގެ އެކްސިޑެންޓް ހިނގީ އޭނާ..." ރާދިން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް އަރްސަލް ނިކަން ބާރަށް ރާދިންއަށް ގޮވާލިއެވެ. ވަށައިގެންވި ފާރުތަކަށް ވެސް ލޮޅުން އެރި ކަހަލައެވެ. ކީފާއަށް ވެސް އަރްސަލްއަށް ބަލަން އިނދެވުނީ ދެ ލޯ ބޮޑުކޮއްގެންނެވެ.
"ވަޓް؟... އެކްސިޑެންޓްގަ އިންވޯލްވާ ކުއްޖާތަ އެއީ... ޔޫ ވޯންޓް ރިވެންޖް އަރްސަލް..." އިރުކޮޅަކު ބަލަން އިނުމަށްފަހު ކީފާ ބުނެލިއެވެ.
"ދެޓްސް އިނަފް... އަހަރެން ބުނީމެއްނު އެއީ ކީފާ ބަލަން ޖެހޭ ކަމެއްނޫނޭ. މިރޭ ދެން ގެއަށް ދޭ" ކާމޭޒުމަތީ ދެއަތްތިލަ ޖައްސާލައިގެން ކޮޅަށް ހުރެ އަރްސަލް ބުނެލިއެވެ.
"އަރްސަލް" ކީފާ ތެދުވެ އަރްސަލްގެ ކަނާތު މުލައްދަނޑީގައި ހިފާލަމުން ގޮވާލީ އަސަރާއެކުއެވެ. އޭނާ ފޮނުވާނުލާށޭ ބުނާ ކަހަލައެވެ.
"ޕްލީޒް... މިރޭ ދެން ދޭ... ރާދު!... ޓޭކް ހާ ހޯމް" އަރްސަލްގެ ބާލާލުމުން އެ ދެ ލޮލުގައިވި ރިހުން ކީފާއަށް ފާޅުވިއެވެ. އޭނާގެ މެޔަށް ތޫނު ތަދެއް އިހުސާސް ކުރެވިގެންދިޔައެވެ. އަރްސަލްގެ އަތުން ކީފާގެ އަތް މަޑުމަޑުން ވަކިކޮއްލުމާއެކު ކީފާގެ ކޯތާފަތުގައި އަރްސަލްގެ ކަނާއަތް ޖައްސާލިއެވެ. އިތުރަށް އަރްސަލްއާ ދެކޮޅު ހެދުމުގެ ބާރު ކީފާގެ ނަފްސުން ވަގުތުން ފިލައިގެން ދިޔަ ކަހަލައެވެ.
"ޓޭކް ހާ ހޯމް" އަރްސަލް ކާމޭޒު ކައިރިން ދުރަށް ދަމުން ރާދިންގެ ކޮނޑުގައި އެއްއަތް ބާއްވާލިއެވެ.
"އައި ކާންޓް ލީވް ދިސް ހައުސް... ނޯ... ނޮޓް ޓުނައިޓް" ރާދިން ކުއްލިއަކަށް ދެކޮޅު ހެދިއެވެ. އޭނާއާ ނަޒަރު ސީދާކޮއްލައިގެން އަރްސަލް ސިކުންތުކޮޅަކު މަޑުކޮއްލިއެވެ.
"ނަތިން ވިލް ހެޕަން... ޖަސްޓް ޓޭކް ހާ ހޯމް... ޕްލީޒް" އަރްސަލްގެ ރުޅިވެރިކަމުން ފުރިފައިވި ދެ ލޯ ބަދަލުވެފައިވާކަން ރާދިންއަށް ވެސް ނަގައިގަނެވުނެވެ. އޭނާ ގެއިން ނުކުންނަން ބޭނުންނުވިޔަސް މަޑުމަޑުން ބޯޖަހާލީއެވެ. އެއާއެކު އަރްސަލް އެތެރެއަށް ދިޔައެވެ. ގިނައިރެއްނުވެ އޭނާގެ ކޮޓަރީގެ ދޮރު ލެއްޕުނު އަޑު މަޑުމަޑުން އިވުނެވެ.
"ހިނގާ ދާން... ކޯލް އިޓް އަ ނައިޓް" ރާދިން ބުނެލިއެވެ. އަދި އޭނާ ސޯފާތަކުގެ މެދުގައި ހުރި ކޮފީ މޭޒު މަތީގައި ހުރި ކުޑަވަށިގަނޑެއްގެ ތެރެއިން ކާރުގެ ތަޅުދަނޑި ނެގިއެވެ. ކީފާ އަނގައިން ނުބުނެ ރާދިންއާއެކު އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. އޭރު ވެސް އޭނާގެ ވައަތްތިލަ ހުރީ ކޯތާފަތުގައި ޖައްސާލެވިފައެވެ. އެތައް އަހަރުތަކަކަށްފަހު އަރްސަލްގެ އެ ކުޑަކުޑަ ބީހިލުން ކީފާގެ ހިތުގެ އަޑީގައިވި އިހުސާސްތައް އޮޅުންބޮޅުން ކުރުވައިފިއެވެ. ހިނދުކޮޅަކަށް ވިޔަސް ނޭވާލާން އޭނާ ހަނދާންނެތުނެވެ. ކުޑަކުޑަކޮށް "ނޫޑް" ކުލައިގެ ގްލޮސްއެއް ޖައްސާފައި ހުރި ދެތުންފަތުގެ ކަން މައްޗަށް ދެމިލިއެވެ. ނަމަވެސް ފުރިހަމަ ހިނިތުންވުމަކަށް ނުވިއެވެ. އިސާހިތަކު އެ އަސަރު ފިލައިގެން ހިނގައްޖެއެވެ. ކީފާގެ ހިތަށް ރިހުން ގެނުވާފައެވެ.
"ޔޫ އޯލް ރައިޓް" ކާރު ދުއްވާލަމުން ރާދިން އަހާލިއެވެ. އޭނާއާ ޖެހިގެން ކުރީ ސީޓުގައި ކީފާ އިނީ ތަންކޮޅެއް ބޮޑަށް ދޮރުގެ ބިއްލޫރިގަނޑާ ދިމާއަށް އެނބުރިލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ހިމޭންކަން ރާދިންގެ ސިކުނޑިއަށް އުނދަގޫކުރީއެވެ. ނަމަވެސް ކީފާ ބަހެއްނުބުންޏެވެ. ބަދަލުގައި ރާދިންއަށް ބަލާލާފައި ލުއި ހިނިތުންވުމެއް ބަދަލުކޮއްލިއެވެ.
* * * *
އެނދުގެ ހުރަހަށް އުއްޑުން ވެއްޓިގަނެގެން އޮތް އަރްސަލް، އޭނާގެ ދެއަތްތިލަ އުފާލިއެވެ. ދެއަތަށް ބަލަން އިރުކޮޅަކު އޭނާ އޮތެވެ. ދެބުމަ ކައިރިވެ ނިތްކުރިއަށް ރޫގިނަވިއެވެ. އެ ދެ ލޯ ފެންކަޅިވާން ފެށިއެވެ. މައްޗަށް އުފުލާލެވިފައިވާ ދެއަތްތިލަ ބާރަށް މުއްކަވާލިއެވެ. ކުއްލިއަކަށް އޭނާގެ ދެ ފަރާތުން ގޮދަޑިމަތީގައި މުއްކަވާލި ދެއަތުން ބާރަށް ޖެހިއެވެ. އަދި ކަނާއަތް ގެނެސް މޫނުމަތީ ބާއްވާލީ އޭނާގެ ދެ ލޯ ފޮރުވާލަމުންނެވެ. ލޮލުގެ ހިމަކޮޅުން މޫނުގެ ދެފަރާތުން ފައިބައިގެން ދިޔަ ހޫނު ކަރުނައާއެކު އަރްސަލް އަވަސް އަވަހަށް ލޯ މަތީ އޮތް އަތް ދެ ފަރާތަށް ހިންގާލިއެވެ. އަދި އޮތް ގޮތް ބަދަލުކޮއްލިއެވެ. އެނދުގެ ދިގަށް އޮށޯވެ ބާލީހުގައި މޫނު ފޮރުވާލައިގެން އޮތެވެ.
މަޑުމަޑުން އަރްސަލް ލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ނަފްސުވަނީ ހަމައަކަށް އެޅިފައެވެ. އަތްފައި ދަމާލަމުން އެނދުމަތީ ފެތުރިގަތެވެ. އަދި ބާލީސް ކައިރީގައި އަތް ހިންގާލެވުނީ ފޯނު ހޯދުމަށެވެ. އެއާއެކު ހަނދާނަށް އައީ އޭނާ ކޮޓަރިއަށް ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަތީ ލައިގެން ހުރި ހެދުން ބަދަލު ނުކޮށްކަމެވެ. އަވަހަށް ޖީބުގައި އަތް ހިންގާލެވުނެވެ. ފޯނު އޮތީ ޖީބުގައިކަން ޔަގީންވުމުން ފޯނު ނަގާ ގަޑި ބަލާލިއެވެ. ދަންވަރު އެކެއްޖެހީއެވެ. ދެ ލޯ ބޮޑުވެގެން ދިއުމާއެކު އަރްސަލްއަށް ތެދުވެވުނެވެ.
"އަހަންނަށް ނިދުނީތަ؟" އަރްސަލް އަމިއްލަ ނަފްސާ ސުވާލުކޮއްލިއެވެ. މޫނާއިއެކު އިސްތަށިގަނޑުގައި ދެއަތްތިލަ ހިންގާލާފައި ފޯނު ހިފައިގެން އަރްސަލް އެނދުން ތެދުވީ ކޮޓަރިން ނުކުންނާށެވެ.
މުޅި އެޕާޓްމެންޓަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އަނދިރިކޮށް އޮތް ސިޓިންރޫމަށް އޮތީ ބެލްކަނީގައި ދިއްލާފައި ހުރި ބޮކީގެ އަލި އެޅިފައެވެ. ކާމޭޒު މައްޗަށް އަރްސަލްގެ ނަޒަރު ހިންގާލިއެވެ. މޭޒުމަތީގައި އެއްވެސް ތަށްޓެއް ފެންނާކަށް ނެތެވެ. އެއާއެކު އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ.
"އޭނަ އޭރުއްސުރެ ކޮޓަރީގަބާ؟ ރާދު އޭނާއަށް ގޮވީކަމަށްވާނީ...ތަށިތައް ނެގީ ވެސް އޭނާ ކަމަށްވެދާނެ... އައި ޝުޑުންޓް ހޭވް ޑަން ދެޓް" ކަބަޑު ސެޓުގައި ލައްވެލުމާއެކު އަރްސަލްއަށް އޭނާގެ ދެއަތަށް ބަލާލެވުނެވެ. ކުރެވުނު ކަންތަކާމެދު އަރްސަލްގެ ޟަމީރުގެ ހަމަޖެހުން ގެއްލިފައިވާ ކަހަލައެވެ.
"އައި ޝުޑް ޗެކް އޮން ހާ" އަރްސަލްގެ ހިތް އަނެއްކާ ވެސް ބުނެލިއެވެ. އެއާއެކު ދެފައި ކުރިއަށް އަޅަން ފެށީ އޭގެ އަމިއްލަ ޒާތުގައި ކަހަލައެވެ. މަޑުމަޑުން އައިސް ނިމްރާގެ ކޮޓަރީގެ ދޮރު ކައިރީ އަރްސަލް މަޑުކޮއްލިއެވެ. ދޮރުގައި ޓަކި ދޭން އަތް ހިއްލާލާފައި ވެސް އޭނާ ފަސްޖެހުނެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު ފުންނޭވާއެއް ދޫކޮއްލާ ހަށިގަނޑަށް ހަރުކަށިކަން ވެރިކޮއްލިއެވެ. އަދި ދޮރުގައި ޓަކި ދިނެވެ. ދެފަހަރަކު ޓަކި ދިނުމުން ވެސް ޖަވާބެއް ނައެވެ.
"ހުޅުވަން ބޭނުންނުވީ ކަންނޭނގެ" އެނބުރިލަމުން އަރްސަލް ހިތަށް އެރިއެވެ. ދާންވެގެން ފިޔަވަޅެއް އަޅާލާފައި ވެސް އަނެއްކާ އަރްސަލް އެނބުރިލިއެވެ.
"އަހަރެން ބުނީމަ ހުޅުވަން ޖެހޭނީ... ނުހުޅުވާ ހުރެގެން ނުވާނެ" ކުއްލިއަކަށް އަރްސަލްގެ ޠަބީޢަތް ބަދަލުވި ކަހަލައެވެ. ދޮރު ކައިރިއަށް ޖެހިލާ ތަޅުގައި ހިފާ އަނބުރާލިއެވެ. އެއާއެކު ކޮޓަރިތެރެއަށްވާ ގޮތަށް ދޮރުހުޅުވުނެވެ. އެހިނދު އަރްސަލްގެ ނަޒަރު ހުއްޓުނީ އެނދުގެ އަރިމަތީގައި ދެއަތް އަޅުވާލައިގެން ތިރީ ކާޕެޓުމަތީ އިން ނިމްރާއަށެވެ. ބޭއިޚްތިޔާރުގައި އަރްސަލްއަށް ހިންދިރުވާލެވުނެވެ. ސިއްރުން ކަހަލަ ގޮތަކަށް ކުރިއަށް އަރްސަލް އައިސް ނިމްރާ ފެންނަ ހިސާބުގައި މަޑުކޮއްލިއެވެ. ކޮޓަރީގައި ހުރި ހުދު އަލީގެ ތެރޭ އޭނާ ނިމްރާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މި ނޫނީ ޚުދު އޭނާއަށް ވެސް ނިމްރާއާ ދިމާއަށް ބަލާލާނޭ ފުރުޞަތެއް ނުލިބެއެވެ. ދެއަތްމަތީ ބޯއަޅާލައިގެން ނިމްރާއަށް ނިދިފައި އިންއިރު އޭނާގެ ނިތްކުރިމަތިން ލޯ ނިވާވެފައިވަނީ އިސްތަށިތަކުންނެވެ. ލާފައި ހުރި އޯވާސައިޒްގެ ކަޅާއިފެހިކުލައިގެ ގޮޅިޖެހި ބެގީ ގަމީހުގެ ތެރެއިން އެ ހަށިގަނޑުގެ ބައްޓަން ވަކިކުރާކަށް ނޭނގެއެވެ. އެހެންނަމަވެސް ހާމައަށް އޮތް މުލައްދަނޑީގެ ބަޔަކާއި ކަނާތު އުޅަންބޮއްޓާ ހަމައިގައި އަޅުވާލާފައި އޮތް ނިމްރާގެ ވައަތުގެ އިނގިލިތަކަށް އަރްސަލް ބަލާލިއެވެ. އަރްސަލްގެ ހަ ފޫޓު ހަ އިންޗީގެ އިސްކޮޅާ އެއްވަރު ނުވިޔަސް އާންމު އަންހެންކުދީންނަށް ވުރެ ދިގު އިސްކޮޅެއް ނިމްރާއަށް ލިބިފައިވެއެވެ. އަތްތިލަ ވެސް ހިމަވެފައި އިނގިލިތައް ދިގު އިރު ނިޔަފަތިތައް ހުރީ ކުރުކޮށެވެ. އެއްވެސް ކުލައެއް ނިޔަފަތި ތަކުގައި ޖައްސާ ނުވާއިރު ވެސް މަޑުމަޑު ފިޔާތޮށި ކުލައެއް އެ ހިމަ ނިޔަފަތިތަކުގައި ވިއެވެ. އަރްސަލްގެ ހަށިގަނޑުގައިވި ހަރުކަށިކަން ކެނޑިގެން ދިޔައީ އަޖައިބެއް ފަދައިންނެވެ. މަޑުމަޑުން ދެ ކޮނޑު ތިރިވެ ނަފްސަށް ހަމަޖެހުން ލިބުނު ކަހަލައެވެ.
"ސްކާލެޓް... ޕްރިޝިއަސް އެންޑް ބިއުޓިފުލް ލައިކް އަ ރޫބީ... ހޫ ޑަޒް ދެޓް... ރިޑިކިއުލަސް ރެޑް ހެއަރ... ހެ ހެ ހެ... ރަތްޖިންނި... ހެ ހެ ހެ... ނޯ އިޓްސް ސްކާލެޓް. އިޓް ސޫޓްސް ޔޫ ބެޓާ... ސްކާލެޓް... ދަ ގާލް ވިތް ރެޑް ހެއަރ" އަމިއްލަ ޟަމީރާއި ހިތާއި ދެމެދު ކުރެވެމުން ދިޔަ މަޝްވަރާގައި ދެ ފަހަރެއްގެ މަތީން އަރްސަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔަކަން ޚުދު އޭނާއަށް ވެސް ނޭނގޭ ކަހަލައެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ކަނާތުފައިގެ ކަކޫ ކާޕޭޓުމަތީ ޖައްސާލާ ނިމްރާއާ ގާތްވެލިއެވެ. ފޮރުވިފައިވާ ދެ ލޯ ހާމަކޮއްލާ ނިމްރާގެ މޫނު ފުރިހަމައަށް ބަލާލުމުގެ ޝައުގު އުފެދުނީ ކިހިނެއްކަމެއް އަރްސަލްއަކަށް ނޭނގެއެވެ. ވަރަށް މަޑުމަޑުން އަރްސަލްގެ ކަނާތުގެ ޝަހާދަތް އިނގިލިން ނިމްރާގެ ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި އެއްފަރާތް ކޮއްލިއެވެ. އެ މޫނު އެއްކޮށް ފެނުނު ހިނދު އަރްސަލް މޫނުމަތި މިލައިގެން ދިޔައެވެ. ރަތްކަމަކާއެކު ދުޅަކަމެއް ހުރި ނިމްރާގެ މަރާލެވިފައިވާ ދެ ލޯ ފެނި އޭނާގެ އަތް މުއްކަވާލެވުނެވެ.
"ސްކާލެޓް... އޯ... އައި އޭމް... ސޮ..." އޯގާތެރިކަމާއެކު ނިމްރާގެ އިސްތަށިގަނޑުގައި އަތްލަން އުޅުނު އަރްސަލް ގަނޑުވީ ނިމްރާ ހަރަކާތްކޮއްލުމުންނެވެ. ފަޅިސިކުންތެއްގެ ތެރޭގައި އަރްސަލް ހީވީ އެއްލިގެން ދިޔަ ހެނެވެ. ފެނުނީ ނިމްރާއާ ހަތަރުވަރަކަށް ފިޔަޅު ދުރުގައި ކޮޅަށް ހުރި ތަނެވެ. އޭނާގެ ހަރުކަށިކަމާއި ނުރުހުން އެކުލެވިފައިވި ޠަބީޢަތް އެނބުރި އައިސް އަރްސަލްގެ މުޅި ނަފްސު ހިޞާރުކޮއްލީއެވެ.
މީހެއްގެ ހިލަމެއްވީހެން ހީވެ ނިމްރާ ބޯ ހިއްލާލީ ކުޑަކުޑަކޮށް ލޯ ހުޅުވާލަމުންނެވެ. ކޮޓަރިތެރޭ ހުރި އަރްސަލްއާއި އޭނާގެ ނުރުހުންތެރިކަން އެކުލެވިފައިވި ބަލާލުން ފެނުމުން ސިހިފައި ފުންމައިގެން ގޮސް ފަހަތަށް ޖެހެވުނެވެ. (ނުނިމޭ)