ފޭސްބުކް

އެފްބީގެ އިތުބާރު ގެއްލުމުން ޒަކަބާގް މާފަށް އެދިވަޑައިގެންފި

ސިޔާސީ މީހުނަށް ތާއީދު ހޯދައިދޭން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ކޭމްބްރިޖް އެނަ؛ލިޓިކާއިން ފޭސްބުކް ބޭނުންކުރާ 50 މިލިޔަން މީހުންގެ ޒާތީ މައުލޫމާތު ނަގައި ބޭނުން ކުރިކަން ފަޅާ އެރުމުން ފޭސްބުކްގެ ބާނީ މާކް ޒަކަބާގް މައާފަށް އެދިވަޑައިގެންފި އެވެ.

ކޭމްބްްރިޖް އެނަލިޓިކާއިން އެ މައުލޫމާތު ނަގައި ބޭނުންކުރީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ކެމްޕޭން ކުރުމަށް ކަން ފަޅާ އެރީ މިހަފުތާ ކުރީކޮޅުގަ އެވެ.

ކޭމްބްރިޖް އެނަލިޓިކާގެ މައްސަލައިގައި އެމެރިކާގެ ކޮންގްރެސްއަށް ހާޒިރުކޮށް ސުވާލުކުރި ފަހުން ފޭސްބުކްގައި ޒަކަބާކް ލިއުއްވި ބަޔާނެއްގައި ބުނީ "އިތުބާރު ގެއްލޭ ފަދަ ކަމެއް ހިނގާފައިވާ" ކަމަށެވެ. އޭގެ ފަހުން ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ ކިބައިން މައާފަށް އެދި ވަޑައިގެންފަ އެވެ. މަކަރުވެރި އެޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން އޭނާ ވައުދު ވެސް ވެވަޑައިގަތެވެ.

"ކޮންގްރެސްގެ ކުރިމަތީގައި ހެކިބަސް ދިނުން، އެއީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ވާނަމަ އަހަރެން އެކަމާ އުފާވޭ،" ސީއެންއެންއަށް ދިން އިންޓަވިއުގައި ޒަކަބާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތައް ކުރިން އެޅުއްވުނު ނަމައޭ މިހާރަށް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއަށް އެހެން ގިނަ ގޯސްތައް ވެސް ހެއްދެވިފައިވާ ކަމަށެވެ.

"އަހަރެން މިކަން ފެށީ އަހަރެން ވަރަށް ޒުވާން އަދި ވަރަށް ތަޖުރިބާ މަދު އިރު. އަހަރެންނަށް ޓެކްނިކަލް ގޯސްތަކާއި ވިޔަފާރީގެ ގޯސްތައް ހެދުނު. އަހަރެންނަށް ގޯސް މީހުންނަށް ވަޒީފާ ދެވުނު. ގޯސް މީހުންނަށް އިތުބާރު ކުރެވުނު،" މިހާރު އުމުރުން 33 އަހަރުވެފައިވާ ޒަކަބާގް ވިދާޅުވި އެވެ.