ކުޅިވަރު

ކުޅުންތެރިން ހޯދަން ގައުމީ ކޯޗު އަތޮޅުތަކަށް

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، ޒުވާން ކުޅުންތެރިން ހޯދަން އަތޮޅުތަކަށް ދަތުރު ކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ޝެގަޓް ބުނެފި އެވެ.

ބޫޓާން އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރާ ދެކޮޅަށް މާދަމާ ކުޅޭ މެޗަށް މާލެއިން ފުރުމުގެ ކުރިން މިޑީއާ އާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރު އޮތީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި އަތޮޅު ތެރެއިން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑު ހިއްސާއެއްވާ ކަމަށެވެ.

"އަހަންނަށް ޔަގީން ރާއްޖޭގެ ފުޓްބޯޅައިގެ ކާމިޔާބު ގުޅިފައި ވަނީ އަތޮޅުތަކުގެ ބޮޑު ހިއްސާއެއް އޮވެގެން ފުޓްބޯޅައިގެ ހުނަރު އަތޮޅުތެރޭގައި ވެސް އެބައޮތް ހުނަރު އޮތީ ހަމައެކަނި މާލެ އަކު ނޫން،" ޝެގަޓް ބުންޏެވެ. "ގުޅިގެން މަސައްކަތް ކޮށްގެން އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭ އަހަރެމެންނަށް ވަރުގަދަ ޓީމެއް އެކުލަވައިލެވޭނެ،"

"އަހަރެން ކުދި ރަށްރަށަށް ވެސް ދާނަން، އެ ރަށްރަށުން އަހަރެން ދިއުމުން ކުޑަ މުބާރާތެއް ނުވަތަ މެޗުތަކެއް އިންތިޒާމު ކުރެވިދާނެ، އެ މެޗުތަކުން އަހަންނަށް ހުނަރުވެރި ކުޅުންތެރިން ހޯދި ދާނެ."

ޝެގަޓް ވަނީ ގައުމީ ސްކޮޑުން އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން ގްރީން ސްޓްރީޓްގެ އުރުމުން 17 އަހަރުގެ އަބްދުﷲ ޔާމީނު ހިމެނެ އެވެ. އަދި ކުލަބު އީގަލްސްގެ މުހައްމަދު ނާއިމުވެސް ހިމެނެ އެވެ.

ޝެގަޓް ބުނީ އެ ކުޅުންތެރިންނަށް ޕްރެޝާ ކުރިމަތި ނުވާނެ ގޮތަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުން އެދޭ ކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިންނަކީ ރާއްޖޭގެ ކުރިމަގުގެ އުންމީދު ކަމަށެވެ.