ހާބަރު ފޫޑް ކޯޓުތަކުގެ ތެރެއިން ކުއްޔަށް ދޫނުކޮށް ހުރި ޔުނިޓްތަކަށް އެދުމުގެ ފުރުސަތު އެސްޓީއޯ އިން ހުޅުވާލައިފި އެވެ.
ކުރީގެ ހާބަރު ކަޑަތައް ހުރި ސަރަހައްދުގައި އެސްޓީއޯ އިން ޒަމާނީ ފެންވަރަށް ތައްޔާރު ކޮށްފައިވަނީ 26 ޔުނިޓެވެ. އޭގެ ތެރެއިން 19 ޔުނިޓް މިހާރު ވަނީ ބިޑް ކާމިޔާބުކުރި ފަރާތްތަކަށް ދީފަ އެވެ. އެސްޓީއޯ އިން އިއްޔެ ބިޑަށް އިއުލާންކޮށްފައި ވަނީ، ބާކީ ހުރި ހަތް ޔުނިޓަށެވެ. ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ ފަހު މުއްދަތަކީ މިމަހުގެ 25 ވަނަ ދުވަހެވެ.
ފުޑް ކޯޓުތައް ކުއްޔަށް ދޫކުރަނީ ފެނާއި ކަރަންޓާއި އެހެން ވެސް ވަޔަރިން މަސައްކަތްކޮށް އިންޓީރިއާގެ ކުރިހާ ކަމެއް ވެސް ނިންމާފަ އެވެ. އަދި އެތަނަށް ފަރުނީޗަރާއި އެހެން ވެސް ތަކެތި ފޯރުކޮށްދޭނީ ވެސް އެސްޓީއޯ އިންނެވެ. އެތަނުގައި ވިޔަފާރި ހިންގާ ފަރާތްތަކުން ތަނުގެ ތަކެތި ބަދަލުކޮށް ހެދުމަކީ މަނާ ކަމެކެވެ.
އެސްޓީއޯއިން ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތިން ސައިޒެއްގެ ކެފޭއެއް ދަނީ ހަދަމުންނެވެ. މި ތަންތަނުގެ ސައިޒު ހިމެނެނީ 960 އަކަފޫޓާއި 1260 އަކަފޫޓު އަދި 660 އަކަފޫޓުގެ ތަންތަނެވެ.
މި ތަންތަނުގެ އަގުތައް އުޅެނީ އަކަފޫޓެއް 53ރ. ގެ ރޭޓުންނެވެ. މި ތަންތަން ކުއްޔަށް ދެނީ ޔުނިޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.