ހަބަރު

ލޮރީ ޕިކަޕްތަކުގައި ދުވާލު މުދާ އުފުލުން މަނާކޮށްފި

މާލޭގެ މަގުތަކުގެ ތޮއްޖެހުން ބޮޑުވާތީ ބޮޑެތި ލޮރީ އަދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ، މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޮޑެތި ލޮރީ އަދި ޕިކަޕްތަކުގައި ދުވާލު މުދާ ނުއުފުލޭނެ ކަމަށެވެ. މި މަހުގެ 25 ވަނަ ދުވަހުގެ ފަހުން މުދާ އުފުލޭނީ ރޭގަނޑު 1:00 އާއި ހެނދުނު 6:00 އާ ދޭތެރޭގަ އެވެ.

"މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލައްވާނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދުގައެވެ،" ޓްރާންސްޕޯޓުގެ އިއުލާނުގައި ބުނެފައިވެ އެވެ.

މުދާ އުފުލުން މަނާ ކޮށްފައިވީ ނަމަވެސް ގޭސް ޑެލިވަރީކުރާ ޕިކަޕްތަކަށް ދުވާލުގެ ބައެއް ގަޑިތައް ހިމެނޭ ގޮތަށް ދަތުރުކުރެވޭނެ އެވެ. އެގޮތުން ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު ގައި ގޭސް ޑެލިވަރީ ޕިކަޕްތަކަށް މާލޭގެ މަގުތަކުގައި ދުއްވޭނެ އެވެ.

ޓްރާންސްޕޯޓުން ބުނީ މި ނޫން ގަޑިތަކުގައި މުދާ އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.