ލައިފްސްޓައިލް

އިއްފަގެ އާޓް އެގްޒިބިޝަން އާދިއްތާގައި

ރާއްޖޭގެ ކަނޑުގެ އަޑިއަކީ މުޅި ދުނިޔެ ވެސް ހައިރާންކޮށްލައިފައިވާ ގުދުރަތީ ރީތި މިސާލެކެވެ. މި ކަނޑު އަޑީގެ ރީތި މަންޒަރުތައް ކަނޑުގެ އަޑީގައި ކުރަހާއި ގިނަ ބަޔަކު ހައިރާންކޮށްލީ ރާއްޖެއަށް އުފަން ޒުވާނެކެވެ. ދިވެހި ކުރެހުންތެރިޔާ ހުސެން އިއްފަލް (އިއްފަ) އެވެ.

އިއްފައަކީ ކުރެހުމަށް ލޯބިކުރާ ފަރާތަކަށް އާ ނަމަކަށް ނުވާނެ އެވެ. އޭނާއަކީ ކަނޑުގެ އަޑީގައި ކުރެހުމެއް ކުރެހި ފުރަތަމަ ދިވެހި ޒުވާނާ އެވެ. އެ ޝަރަފު އޮތީ އޭނާގެ އަތުގަ އެވެ. ކޮމާޝަލް އާޓްގެ ދާއިރާގައި އޭނާ ހަރަކާތްތެރިވާތާ މިހާރު އެތައް އަހަރެއް ވަނީވެފަ އެވެ. މާލޭގެ ގެސްޓް ޝޮޕްތަކުގައި ވެސް އިއްފަގެ ކުރެހުންތައް ގިނަވާނެ އެވެ.

އިއްފަ މިހާރު ދަނީ އޭނާ ކަނޑު އަޑީގައި ކުރަހާފައިވާ ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތިކަން ރަމްޒުކޮށްދޭ ކުރެހުންތައް އެޒުރޯކުއާ އާޓް އެގްޒެބިޝަންގައި އާންމުނަށް ދައްކާލުމަށް ތައްޔާރުވަމުންނެވެ. މި އެގްޒެބިޝަން އޮންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ނޭޝަނަލް އާޓް ގެލެރީގަ އެވެ. މިއީ އޭޝިއާގެ އާޓިސްޓަކު އެގްޒިބިޝަނެއްގައި ކަނޑު އަޑީގައި ކުރަހާފައިވާ ކުރެހުންތަކެއް ޑިސްޕްލޭ ކުރާނެ ފުރަތަަމަ ފަހަރުވެސްމެ އެވެ.

އެގްޒިބިޝަންއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ލަވަ "ވެށި".

މި އެގްޒެބިޝަންގެ މަގުސަދަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ ރީތި ފަޅުތަކާއި ފަރުތަކަށް އަންނަ ބަދަލުތައް އަންގައިދީ، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭނެ ކަންތައްތަކަށް އާންމުން ހޭލުންތެރިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބޭރު ދުނިޔެއަށް އަންގައިދީ ރާއްޖެ އިޝްތިހާރު ކުރުމެވެ.

މި ކުރެހުންތައް ކަނޑު އަޑީގައި ކުރަހާފައިވަނީ ވ.ތިނަދޫ ބުލޫ ހޮރިޒޯން ޑައިވް ސެންޓާ ގެ އެހީތެރިކަމާއެކު އެވެ. ކުރެހުންތައް ކުރާހަފައިވަނީ ތާފަތު ކަނޑުގެ އަޑި ރީތި އަށް ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ވ.ކެޔޮދޫ ކައިރީ ފަރަކަށް ބީހިފާއި އޮންނަ ބޯޓުގެ ކަނޑު އަޑީގެ ކުރެހުމެއް ހިމެނެ އެވެ.

މި އެގްޒިބިޝަންގައި ތަފާތު ވީޑިއޯތައް ދައްކާލުމާއި އެގްޒިބިޝަންއާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ދިވެހި ލަވައެއް ވެސް ދައްކާލުން އޮންނާނެ އެވެ. "ވެށި" ކިޔާ މި ލަވަ ހައްދަވާއިދެއްވީ އަހްމަދު ވިޝަލް އެވެ. ވީޑިއޯތައް އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ އޯކޭޒްއިންކް އިންނެވެ.