އެފްއޭއެމްގެ މި އަހަރުގެ ބަޖެޓްގެ ގޮތުގައި 65 މިލިއަން ރުފިޔާގެ ބަޖެޓެއް އެފްއޭއެމްގެ އަހަރީ ކޮންގްރްސްއިން ފާސްކޮށްފި އެވެ.
އެފްއޭއެމްގެ ހަރަދުގެ ގޮތުގައި 65 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކޮށްފައި ވީނަމަވެސް، އާންމުދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 62 މިލިއަން ރުފިޔާ އެވެ.
އެހެން ކަމުން އެފްއޭއެމް ބަޖެޓަކީ 2.9 މިލިއަން ރުފިޔާގެ ދަރަނި ބެޖެޓެކެވެ.
އެފްއޭއެމްއަށް ތަފާތު އަށް ދާއިރާއަކުން އާންމުދަނީ ލިބޭނެ ކަމަށް ބަޖެޓްގައި ލަފާ ކޮށްފައި ވެއެވެ. އެންމެ ބޮޑު އާންމުދަނީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިންނެވެ. އެހީގެ ގޮތުގައި ފީފާއި 27 މިލިއަން ރުފިޔާ ދޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
ފީފާގެ އެހީއަށް ފަހު ދެން އެންމެ ބޮޑު އާންމުދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ސްޕޮންސަރުންގެ ފަރާތުންނެވެ. ސްޕޮންސާޝިޕްގެ ގޮތުގައި 14 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.
ޔޫތު މިނިސްޓްރީން ނުވަތަ ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 7.6 މިލިއަން ރުފިޔާ އެވެ. އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 3.8 މިލިއަން ރުފިޔާ އެވެ. ޑޮނޭޝަންގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
އެފްއޭއެމް ބަޖެޓްގެ ހުލާސާ
- އާންމުދަނީގެ ގޮތުގައި ލިބޭނެ މިންވަރު - 62،346،854.40
- ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ މިންވަރު - 65،318،451.90
- ޑެފިސިޓް - 2،971،597.50
އެފްއޭއެމުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ ޓެކްނިކަލް ޑިވްލަޕްމެންޓަށެވެ. ޓެކްނިކަލް ޑިވްލަޕްމެންޓަށް 14 މިލިއަން ރުފިޔާ އެވެ.
ދެން އެންމެ ބޮޑު ހަރަދެއް ހިންގާނެ ކަމަށް ލަފާ ކޮށްފައި ވަނީ އެފްއޭއެމުން ހިންގާ ޕްރޮޖެކްޓްތަކަށެވެ. ޕްރޮޖެކްޓްތަކަށް 11 މިލިއަން ރުފިޔާގެ ހޭދަ ވާނެ ކަމަށް ލާފާ ކޮށްފައި ވެއެވެ. އެފްއޭއެމްގެ ހިންގުމަށާއި އިދާރީ ހަރަދުތަކަށް 10 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.