މެންޗެސްޓާ ޔުނައިޓެޑާ ޒްލަޓާން އިބްރަހިމްއޮވިޗް އާދެމެދު ހަދާފައިވާ އެއްބަސްވުން އެކްލަބުން އުވާލައިފި އެވެ. މިއެއްބަސްވުން އުވާލާފައިވަނީ ދެފަރާތް އެއްބަސް ވެގެންނެވެ.
36 އަހަރުގެ ސްވިޑެން ފޯވާޑް ވަނީ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު 53 މެޗުން 29 ލަނޑު ޖަހާފަ އެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހު ކަކުލަށް ލިބުނު އަނިޔާއަށް ފަހު އިބްރަހިމްއޮވިޗް ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އެންމެ ފަހުން އޭނާ ޔުނައިޓެޑަށް ކުޅެފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހު ލީގުގައި ބާންލޭ އާއި ދެކޮޅަށް ކުޅުނު މެޗެވެ.
އިބްރަހިމްއޮވިޗް ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ކުރި ހަމަވާން އޮތީ ޖޫން މަހު އެވެ. ކުރިއަށް އޮތް ތަނުގައި އިބްރަހިމްއޮވިޗް ކުޅޭނެ ކްލަބެއް އިއުލާން ކޮށްފައިނުވި ނަމަވެސް އިނގިރޭސި މީޑިޔާތަށް ރިޕޯޓް ކުރާ ގޮތުގައި އިބްރަހިމްއޮވިޗް ގުޅޭނީ އެމެރިކާގެ މޭޖާ ލީގްގެ ލޮސް އެންޖަލިސް ގެލެކްސީ އަށެވެ.
މިއަންނަ ހަފްތާގެ މެދެއްހާ ހިސާބުގައި އިބްރަހިމްއޮވިޗް ލޮސްއޭންޖަލިސްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނެ ކަމަށްވާ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އިބްރަހިމްއޮވިޗް އަހަރަކު އެއްމިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މިރިޕޯޓްތަށް ބުނާ ގޮތުގައި ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް އިބްރަހިމްއޮވިޗް ރިޓަޔަމެންޓުން އެނބުރި އައިސް ސްވިޑަން ޓީމާއެކު މުބާރާތުގައި ކުޅުންވެސް ގާތެވެ.
2016 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީއިން ޔުނައިޓެޑާ ގުޅުނު ފޯވާޑާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި މިމަހު ކުރީކޮޅު ވާހަކަ ދައްކަމުން ކޯޗު މޮރީނިއޯ ބުނެފައިވަނީ މިސީޒަން ނިމުމަށްފަހު އިބްރަހިމްއޮވިސް ޔުނައިޓެޑު ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްތެއްގައި އިބްރަހިމްއޮވިޗް ވަނީ ކްލަބާއި ސަޕޯޓަރުންގެ އިތުރުން ކޯޗިން ސްޓާފުންނާއި ހުރިހާ ކުޅުންތެރިންނަށްވެސް ޝުކުރު އަދާކޮށްފަ އެވެ. އިބްރަހިމްއޮވިޗް އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުންގެ މެދުގައި މަގްބޫލް ކުޅުންތެރިއެކެވެ.