ބައެއް ފަރާތްތަކުން އެކި ކަންކަމުގައި ވަރަށް ގިނައިން ސިންގަޕޫރާ އަޅާ ކިޔާލަ އެވެ. ކޮރަޕްޝަން އިންޑެކްސް އާއި އިގްތިސޯދީ ތަރައްގީގެ ވާހަކަ ދައްކާއިރު މިސާލެއް ދެއްކުމުގެ ގޮތުން ވަރަށް ގިނަ ފަރާތްތަކުން ސިންގަޕޫރުގެ ހުރި ކަންކަމާ އަޅާ ކިޔާލަ އެވެ.
ރާއްޖޭ ގަޑިން މިއަދު ހަވީރު 4:30 ގައި މިއޮތީ ސިންގަޕޫރާ އަޅާ ކިޔާލުމެކެވެ، ވާދަވެރި ކުރިމަތި ލުމެކެވެ. ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި މިއަދު ކުޅޭ މެޗަކީ ރާއްޖެ އާއި ސިންގަޕޫރު ބައްދަލު ކުރާ ހަ ވަނަ މެޗެވެ. ކުރިން ކުޅުނު ފަސް މެޗުން ވެސް ރާއްޖެއަށް ސިންގަޕޫރާ އަރާ ހަމައެއް ނުކުރެވުނެވެ. ފަސް މެޗުންވެސް ރާއްޖެ ބަލިވީ އެވެ.
އެންމެ ފަހުން ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅުނީ، މީގެ ހަތް އަހަރު ކުރިން 2011 ވަނަ އަހަރު އެވެ. ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ މެޗުގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވީ 4-0 ން ނެވެ. އޭގެ ހަތް އަހަރު ފަހުން ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލު ވެއްޖެ އެވެ. ހަމައެޔާއެކު ސިންގަޕޫރުގެ ފުޓްބޯޅައިގެ ފެންވަރުވެސް ބަދަލު ވެފައި ވުމަކީ ވުން ގާތް ކަމެކެވެ. އެއީ ސިންގަޕޫރަކީ ހުނަރު ބޭރުން އިމްޕޯޓް ކުރާ ގައުމެކެވެ.
ރާއްޖޭގެ މިހާރުގެ ފެންވަރު ވަޒަން ކޮށްލަން އޮތް ރަނގަޅު ފުުރުސަތަކަށް މި މެޗު ވާނެ އެވެ. ގައުމީ ޓީމުގެ އާ ކޯޗް ޕީޓާ ޝެގަޓްގެ ރާއްޖެ ގޮވައިގެން ނިކުންނަ ފުރަތަމަ މެޗެވެ. އޭނާ މި މެޗު ސިފަ ކުރީ ޒުވާން ކުޅުންތެރިންގެ ފެންވަރު ވަޒަން ކޮށްލާ އާ ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ބޭނުމުގަ އެވެ.
ސިންގަޕޫރާ ދެކޮޅަށް ރާއްޖޭގެ ނަތީޖާތައް
- ޖޫން 1996 - ސިންގަޕޫރު 2 - 0 ދިވެހިރާއްޖެ
- ޖުލައި 1996 - ސިންގަޕޫރު 5 - 2 ދިވެހިރާއްޖެ
- އޭޕްރީލް 2002 - ސިންގަޕޫރު 2 - 0 ދިވެހިރާއްޖެ
- މާރިޗް 2003 - ސިންގަޕޫރު 4 - 1 ދިވެހިރާއްޖެ
- ޖޫން 2011 - ސިންގަޕޫރު 4 - 0 ދިވެހިރާއްޖެ
"އަހަންނަށް އަދި ޔޫރަޕްގައިވިޔަސް، އަދި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ރަހުމަތްތެރި ކަމުގެ މެޗަކީ އެކްސްޕްރިމެންޓެއް، އާ ޓެކްޓިކްސްތަކަށް މަސައްކަތް ކޮށްލާ، ކުޅުންތެރިންގެ ފެންވަރު ވަޒަން ކޮށްލަން އޮންނަ ފުރުސަތެއް." ޝެގަޓް ބުންޏެވެ.
ނަމަވެސް އޭނާގެ އަމިއްލަ ޓާގެޓެއް އެބައޮތެވެ. ސިންގަޕޫރާ ދެކޮޅަށް ރާއްޖެއަށް ތާރީހް ބަދަލު ކުރެވިފައެއް ނެތެވެ. އެހެންވެ އޭނާގެ ޓާގެޓަކީ ސިންގަޕޫރު އަތުން އެންމެ ކުޑަ މިނުން ޕޮއިންޓެއް ހޯދުމެވެ.
"އަހަރެން ބައެއް ރެކޯޑްތައް ބަލައިފިން ސިންގަޕޫރުން ރާއްޖެއާ ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް ރާއްޖެ ވަނީ ބަލިވެފަ، އެހެންވެ އަހަރެންގެ ޓާގެޓަކީ މި މެޗުގައި އެ ޓީމު އަތުން ޕޮއިންޓެއް ހޯދުން."
ސިންގަޕޫރާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުފެންނާނެ އެވެ. އޭނާގެ ބުރަކައްޓަށް ތަދެއް އެރުމުން ޓީމާއެކު ދަގަނޑޭ ސިންގަޕޫރަށް ގޮސްފައެއް ނުވެއެވެ.
ޝެގަޓް އާއެކު ރާއްޖެ ކުޅޭ ފުރަތަމަ ރަސްމީ މެޗަކަށް ވާނީ، އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް އަންނަ އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުޅޭ މެޗެވެ.