ލައިފްސްޓައިލް

ދިރިހުރި ކަމަށް ކޯޓުން ގަބޫލެއް ނުކުރި!

Mar 23, 2018

ރޯމޭނިއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓަންޓިން ރިލިއުއަށް އޭނާއަކީ ދިރިހުއްޓާ "މަރުވެފައިވާ" މީހެއްކަން އެނގުނީ މިދިޔަ ޖެނުއަރީމަހު އެވެ. ކައްކާ މީހެއްގެ ގޮތުގައި ތުރުކީގައި 20 އަހަރު މަސައްކަތް ކުރުމަށްފަހު އެނބުރި ގައުމަށް އައުމުން އޭނާއަށް އެނގުނީ އޭނާ މަރުވެފައިވާ ކަމަށް އޭނާގެ އަންހެނުން ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ކަމެވެ.

އޭގެ ފަހުން ރިލިއު އަށް ކުރަން ކުރަން ޖެހިފައި ވަނީ އާދަޔާ ހިލާފު ގާނޫނީ ހަނގުރާމައެކެވެ. އޭނާއަކީ ދިރިހުރި މީހެއްކަން ސާބިތުކޮށްދިނުމުގެ ހަނގުރާމަ އެވެ. އެކަމުގައި އޭނާއަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަަތިވެފަ އެވެ. ރޯމޭނިއާގެ އުތުރުގައިވާ ވަސްލުއި ނަމަަކަށް ކިޔާ ރަށުގެ ކޯޓުން ނިންމީ އޭނާގެ މަރު ސެޓްފިކެޓް ބާތިލު ކުރެވެން ނެތް ކަމަށެވެ. ސަބަބެއް ކަަމަށް ބުނީ އެ ސެޓްފިކެޓް ބާތިލުކުރަން ހުށަހެޅިލެއް ލަސްކަމެވެ. ކޯޓުން ބުނީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

"އަހަރެންނަކީ ދިރިހުރި ރޫހެއް. އަހަރެން ދިރިހުއްޓަސް ރަސްމީކޮށް ގޮތުން [ގާނޫނީ ގޮތުން] އަހަރެންނަކީ މަރުވެެފައިވާ މީހެއް. އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ،" އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) އާ ފޯނުން ވާހަކަ ދައްކަމުން ރިލިއު ބުނެފައި ވެއެވެ.

އިންޓަވިއު ދިން އިރު އޭނާ ހުރީ ވަރަށް ބޮޑަށް ޖަޒުބާތީވެފަ އެވެ. އޭނާ ބުނީ ރޮއި ހަޅޭއްލަވަން ބޭނުންވާ ކަމަށާއި މިހާރު އިޓަލީގައި ދިރިއުޅޭ އެނާގެ އަންހުނުންގެ ކިބައިން ބަދަލުހިފަން ވެސް ބޭނުންވާ ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ އަހަރެމެން މިތިބީ ވަރިވެފައި ކަމެއް ނުވަތަ ނޫންކަމެއް. އަހަރެންނަކަށް ނޭނގޭ އޭނާ އުޅެނީ އެހެން މީހަކާ ކައިވެނިކޮށްގެން ކަމެއް ނުވަތަ ނޫންކަމެއް ވެސް. އަހަރެން ގާތު އެކަކުވެސް ނުބުނާނެ،" އޭނާ ބުނެފައި ވެއެވެ.

ރިލިއު އޭޕީއަށް ބުނެގައިވާ ގޮތުގައި އޭނާ ތުރުކީއަށް މަސައްކަތް ކުރަން ފުރަތަމަ ދިޔަޔީ 199 ވަަނަ އަހަރުއެވެ. އަދި އެއަށް ފަހު 1995 ވަނަ އަހަރު އެނބުރި ގައުމަށް އައުމުން އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. އެއީ އެފަހަރު އެނބުރި އައިތަނުން އޭނާގެ އަންހެނުންގެ ބޭަވަފާތެރިކަން ފަޅާ އެރުމުންނެވެ.

ރިލިއުގެ އަންހެނުން ހުރި ތަނެއް އޭޕީއަކަށް ނުހޯދުނެވެ. އެހެންވެ އޭނާގެ ވާހަކައެއް ނުގެނެސް ދެވެއެވެ.

ރިލިއު އެނބުރި ގައުމަށް އަންނަން ޖެހުނީ ތުރުކީން އޭނާ ޑީޕޯޓްކޮށްލުމުންނެވެ. ތުރުކީ ފުލުހުން މިދިޔަ ޑިސެމްބަރުމަހު އޭނާ ހައްޔަރުކުރީ ލިޔެކިއުންތަކުގެ މުއްދަތު ހަމަވެފައި ހުރުމުންނެވެ. އެގޮތުން ހައްޔަރު ކުރުމަަށް ފަހު އޭނާ ޑީޕޯޓްކޮށްލީ އުމުރު ދުވަހަށެެވެ. ޑީޕޯޓް ކޮށްލުމުން އެނބުރި އައިސް ރޯމޭނިއާގެ ވެރިރަށް ބުކަރެސްޓުގެ އެއާޕޯޓަށް ފޭބުމުން އޭނާއަށް ބޮޑު މައްސަލަގަނޑެެއް ކުރިމަތިވި އެވެ. އިމިގްރޭޝަންގެ އޮފިޝަލުން އޭނާއާ ހަގަޑިއިރު ވަންދެން ސުވާލު ކުރިއެވެ. އެހެނީ ރޯމޭނިއާގެ ރަސްމީ ލިޔެކިއުންތަކުން ދައްކާ ގޮތުގައި އޭނާ ވަނީ މަރުވެފަ އެވެ.

ރިލިއު އަތުގައި އޮތް ޕާސްޕޯޓުގައިވާ ފޮޓޯގައި އިނީ އޭނާ ކަން ކަށަވަރު ކުރުމަށް އިމިގްރޭޝަނުން ބޮޑެތި މަސައްކަތެއް ކުރުމަށް ފަހު ގައުމަށް އެތެރެ ވުމުގެ ހުއްދަ ދިނީ އެއީ އޭނާކަން ކަށަވަރު ކުރެވިގެނެވެ.

" އެމީހުން ނިންމީ އެއީ އަހަރެން ކަމަށް،" ރިލިއު އޭޕީއަށް ބުނެފައި ވެއެވެ.

ދިރިހުރި މީހެއްކަން ސާބިތުކޮށްދޭން ކޯޓަށް އަލުން މައްސަލަ ހުށަހަޅަން ރިލިއު ބޭނުންވެއެވެ. އެކަމަކު އެކަމަށް ހަރަދުކުރާނެ ފައިސާއެއް އޭނާގެ އަތަކު ނެތެވެ. އަނެއްކޮޅުން އޭނާއަކީ ހަކުރު ބައްޗަށް ބޭސްކުރަމުން އަންނަ ބަލިމީހެކެވެ. ތުރުކީއަށް އެނބުރި ދެވެން ނެތީ އުމުރު ދުވަހަށް ޑީޕޯޓްކޮށްލާފައި ވާތީއެވެ.

އޭނާ ބުނީ ތުރުކީ ސަރުކާރުގެ ނިންމުން ބަދަލުކުރޭތޯ އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ސިޓީއެއް ލިޔާނެ ކަމަށެވެ.