ހޮލީވުޑް

ޑެޑްޕޫލް 2ގެ އާ ޓްރެއިލާ: އެކްސް-ފޯސްއަށް ރެޑީތަ؟

އަންނަ މެއި މަހު 18 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޑެޑްޕޫލް 2" ގެ އާ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. މާވެލް އެންޓަޓެއިންމަންޓު އާއި 20އެތް ސެންޗުރީ ފޮކްސް އަދި ޒޯންރާ ފިލްމްސް ގުޅިިގެން ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

އާ ޓްރެއިލާގައި ވަނީ ޑެޑްޕޫލްގެ "އެކްސް-ފޯސް" ދައްކާލަފަ އެވެ. ފިލްމުގެ ވިލަންއެއް ކަމަށްވާ "ކޭބަލް" އާއި ދެކޮޅަށް ހަމައެކަނި އަމިއްލައަށް ހަނގުރާމަ ކުރަން ދަތި ވާނެތީ އިތުރު ސުޕަހީރޯސްތަކާއެކު ޑެޑްޕޫލް އެކް-ފޯސް އުފައްދަ އެވެ. ކޭބަލް އާއި ދެކޮޅަށް ހަނގުރާމަ ފަށަނީ ފިލްމުގައި ފެނިގެންދާ ކުޑަކުއްޖާ "ދަ ކިޑް" (ޖޫލިއަން ޑެނިސަން) މަރާލުމަށް އޭނާ އުޅުމުންނެވެ. ދަ ކިޑްއަކީ އާދަޔާ ހިފާލު ބާރުތަކެއް ލިބިފަ ހުންނަ ކުއްޖެކެވެ.

ޓްރެއިލާ އިން ފެންނަގޮތުން ޑެޑްޕޫލްގެ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައިވެސް އޭނާގެ މަޖާ އަނގަތެޅުން ގަނޑާއި ސަކަރާތް ޖެހުންގަނޑު ފެނިގެންދާނެ އެވެ.

ޑެޑްޕޫލް 2 ގެ އާ ޓްރެއިލާ.

މި ފިލްމުގައިވެސް ޑެޑްޕޫލް ނުވަތަ މާކް ވިތް އަ މައުތްގެ ރޯލުން ފެނިގެންދާނީ ރިއާން ރެނޯލްޑްސް އެވެ. ޑޮމިނޯގެ ރޯލުން ޒޭޒީ ބީޓްޒް ދާއިރު ކޭބަލްގެ ރޯލުން ފެނިގެންދާނީ ޖޯޝް ބްރޯލިން އެވެ. މި ފިލްމުގައި ޖޯޝް ވިލަންއެއްގެ ރޯލުން ފެނިގެންދިޔުމުގެ ކުރިން މާވެލް ސްޓޫޑިއޯ އިން އަންނަ މަހު 27 ގައި ރިލީޒްކުރާ ފިލްމު "އެވެންޖާސް: އިންފިޓީ ވޯ" ގައި އޭނާ އަދާކުރާ ވިލަން "ތެނޯސް" ގެ ރޯލުން ބަލާލުމުގެ ފުރުސަތު މާވެލް ސުޕަހީރޯ ފިލްމުތަކަށް ލޯބިކުރަ ފަރާތްތަކަށް ލިބޭނެ އެވެ.

ފިލްމުގެ ސެންޓްރަލް ވިލަންއެއްގެ ގޮތުގައި ފެނިގެންދާނީ ޖެކް ކެސީ އެވެ. ނަމަވެސް އޭނާގެ ސީދާ ކެރެކްޓާ އަދި ކަށަވަރެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ކެރެކްޓާއަކަށް ވާނީ އައިރިސް މިއުޓެންޓު ބެލެކް ޓޮމް ކެސިޑީ އެވެ. ޑެޑްޕޫލް ފުރަތަމަ ފިލްމުން ފެނިގެންދިޔަ ގިނަ ތަރިން މި ފިލްމުންވެސް ފެނިގެންދާނެ އެވެ.