ދިވެހި ސިނަމާ

ސުޕަހިޓް ފިލްމުތައް ބަލާލުމުގެ ފަހު ފުރުސަތު

ޑާކްރެއިން އެންޓަޓެއިންމަންޓުން މިފަހުން ނެއްލި ހުރިހާ ފިލްމުތަކަކަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ޑާކްރެއިން އިން އެންމެފަހުން ސިނަމާގައި ދައްކަން ފެށި ފިލްމު "ވަކިން ލޯބިން" އަށްވެސް ވަނީ ތައުރީފު އޮހިފަ އެވެ.

މިއީ ޑާކްރެއިން އިން މިހާތަނަށް ގެނެސްދީފައިވާ އެންމެ ކާމިޔާބު ތިން ފިލްމު ކަމަށްވާ "ވަކިން ލޯބިން"، "ވާށޭ މަށާ އެކީ" އަދި "މިއީ ލޯތްބަކީ" ބަލާލަން ލިބޭނެ އެންމެފަހުގެ ފުރުސަތައް ވެދާނެ އެވެ. އޮލިމްޕަހުން މި ފިލްމުތައް ނެގުމުގެ ކުރިން އަންނަ މަހު ކޮންމެ ފިލްމަކަށް ހާއްސަ އެއް ޝޯ ދެއްކުމަށް ޑާކްރެއިން އިން ވަނީ މިހާރު ނިންމާފަ އެވެ.

ކޯޓް ރޫމް ޑްރާމާ ފިލްމު ވަކިން ލޯބިން އަކީ ވަރަށް ލޯބިން ދިރިއުޅެމުން އުޅެމުން އައި ދެމަފިރިން ވަރިވުމުން، އެ ދެމަފިރިންގެ ދަރިފުޅުގެ ކަސްޓަޑީ ހޯދުމަށް ކުރާ ކަންތައްތަކެއް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ލީޑުން ފެނިގެންދަނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ.

ވަކިން ލޯބިން ގެ ޓްރެއިލާ.

ވާށޭ މަށާ އެކީ އަކީ މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޑާކްރެއިންގެ ފިލްމެވެ. މިދިޔަ އަހަރު ބޭއްވި ދިވެހި ފިލްމްސް އެވޯޑުގައި ގިނަ އެވޯޑުތަކެއް ކާމިޔާބުކޮށް އެންމެ މޮޅު ޑައިރެކްޝަން އަދި އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑުވެސް އެ ފިލްމު ވަނީ ގެންގޮސްފަ އެވެ.

ވާށޭ މަށާ އެކީ ގެ ޓްރެއިލާ.

ދަރިން ހޯދަން ބޭނުންނުވާ ޒުވާން ފިރިއަކާއި ކުޑަކުދިން ދެކެ އިންތިހާއަށް ލޯބިވާ އަންބެއްގެ ވާހަކަ ދައްކުވައިދޭ މި ފިލްމުގައި މައިގަނޑު ދެ ތަރިންގެ ގޮތުގައި ހަރަކާތްތެރި ވަނީ ހަމަ މި ފިލްމުން މިދިޔަ އަހަރު ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓާއަކަށް ހޮވުނު ޖުމައްޔިލް ނިމާލް އާއި އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވުނު މަރިޔަމް މަޖުދާ އެވެ.

މިއީ ލޯތްބަކީ ގެ ޓްރެއިލާ.

ރޮމޭންޓިކް ކޮމެޑީ ފިލްމު މިއީ ލޯތްބަކީ އަކީވެސް އާންމުން ބޮޑު ތަރުހީބެއް ހޯދާފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު ފެނިގެންދިޔަ މި ފިލްމުގެ ލީޑުން ފެނިގެންގޮސްފައި ވަނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް އައްޒަ އެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ވަކިން ލޯބިންގެ ޝޯއެއް ދައްކާނީ އަންނަ މަހު 6 ގަ އެވެ. ވާށޭ މަށާ އެކީ އަންނަ މަހު 12 ގައި ދައްކަން ނިންމާފައިވާއިރު، މިއީ ލޯތްބަކީ ދައްކާނީ އަންނަ މަހު 13 ގަ އެވެ. މި ހުރިހާ ޝޯތަކެއް ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ.