ދިވެހި ރާއްޖެ އާއި ސިންގަޕޫރު ބައްދަލުކުރި އެކުވެރިކަމުގެ މެޗު 3-2 ސިންގަޕޫރު ކުރި ހޯދައިފި އެވެ. މިމެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ސިންގަޕޫރުންނެވެ. މިލަނޑު މެޗުގެ 37 ވަނަ މިނިޓުގައި ޖެހީ ސިންގަޕޫރުގެ ކެޕްޓަން ހަރިސް ހާރޫން އެވެ. ގޯލް ކުރި މަތީ ފެނު ޖެހުނު ބޯޅަ ހަރިސް ގޯލް ތެރެއަށް ވައްދާލީ އެއްފަހަރުންނެވެ.
ސިންގަޕޫރުން ލީޑު ނެގިތާ މިނިޓެއް ފަހުން ރާއްޖެއިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމޭރު ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ގޯލް ކުރިމަތީގައި ފެނު ޖެހުމަށްފަހު އެވެ.
ދެވަނަ ހާފުގެ 65 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއެއް ކާމިޔާބުކޮށް ސިންގަޕޫރުން މެޗުގެ ނަތީޖާ 2-1 ބަދަލުކޮށް އަލުން ލީޑު ނެގި އެވެ. މިލަނޑު ޖެހީ ޝަހްދާން ސުލޭމާން އެވެ. މިއީ ދެއަހަރު ދުވަސް ތެރޭގައި މެޗެއްގައި ސިންގަޕޫރު ދެލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ހަތްދިހަ އެއްވަނަ މިނިޓުގައި ސިންގަޕޫރަށް މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށް ދެވަނަ ލަނޑުގެ ލީޑެއް ނެގި އެވެ. އަރިމަތިން ލިބުނު ބޯޅަ އެއްފަހަރުން ފޮނުވާލައިގެން މިލަނޑުސި ންގަޕޫރަށް ޖަހައިދިނީ ޝާކިރް ހަމްޒާ އެވެ.
ރާއްޖެއަށް މެޗުގެ ފަރަގު ކުޑަކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އޭރިޔާ ތެރެއިން ގޯލްގެ ތިރީ ކަނަށް ފޮނުވާލި ބޯޅަ އާއެކު އެވެ.
ގައުމީ ޓީމާ އަލަށް ހަވާލުވި ޖަރުމަންގެ ޕީޓާ ސެގެޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު ކުރިއަށް ދެން އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ.