ރިޕޯޓް

"ނިމެނީ ނިމެނީ" ވެރިކަަންތަ، މަޝްރޫއުތައް؟

ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓުގެ އަރާރުންތަކާއި ޒުވާބުތައް ކުރާ ހޮޅުއަށި ކަމަށްވާ، ޓްވިޓާ ތެރޭގައި މިފަހަކަށް އައި ވަރަށް ހިނގާ ވާހަކައެއް އޮވެ އެވެ. ހޭޝްޓެގުގެ ގޮތުގައި ދެ ފަރާތަށް ފޮނުވާ ހަމަލާތަކާއެކު ދެ ކޮޅުން ވެސް ދައްކަނީ ނިމޭ ވާހަކަ އެވެ. އެއް ބަޔަކަށް "ނިމެނީ" ވެރިކަމެވެ. އަނެއް ބަޔަކަށް ތަރައްގީގެ މަޝްރޫއުަތައް "ނިމެނީ" އެވެ. މިކަން ހޭޝްޓެގެއްގެ ގޮތުގައި ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓުންގެ ބޭނުން ކުރަން ފެށީ ވަރަށް ފަހުންނެވެ. ނަމަވެސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ވެސް އަދި އިދިކޮޅުން ވެސް ނިމެނީއޭ ބުނަމުން އައި ތާރީހުތަކަށް ތިބެން ޖެހެނީ ބަލަބަލާއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަނީ ކޮރޮޕްޝަނާއި ފަސާދައާއި އަނިޔާވެރިކަން ނިމެނީ އެވެ. ވެރިކަން ވެސް ނިމެނީ އެވެ. އެ ވާހަކަތައް ބުނާ ގޮތުންނާއި ސޯޝަލް މީޑިއާގައި ޕްރޮމޯޓުކޮށް ދައުރު ކުރާ ގޮތުން ހަމަ ހީވަނީ ދެންމެ ދެންމެ ވެރިކަން ނިމިދާނެ ހެނެވެ. ނަމަވެސް މިއީ އިދިކޮޅު ފަރާތްތަކުން ފެށުނީއްސުރެ ދައްކާ ވާހަކައެކެވެ. ބޮޑު މުޒާހަރާ އެއް ރާވާ ކޮންމެ ފަހަރަކު އެއީ ފަހު ދުވަސް، ނުވަތަ ވެރިކަން ނިމޭ ދުވަސް ކަމަށް ބުނެ އެވެ. ވެރިކަން ނިމޭތީ އެންމެން އެއްވާން ވެސް ގޮވާލަ އެވެ.

އެގޮތަށް އަހަރަކު ދެތިން ހަތަރު ފަހަރު ބޮޑެތި މުޒާހަރާތައް ދެ އެވެ. ކޮންމެ ފަހަރަކު ވެސް ބުނަނީ ނިމެނީ އެވެ. ސަރުކާރެއް ނިމޭ ތަނެއް ނާދެ އެވެ. އަދި ނިމޭނެ ކަމަށް ބުނެ އިދިކޮޅުން ތާރީހުތައް ދިނުމަކަށް ވެސް ނިމުމެއް ނާދެ އެވެ. ނަމަވެސް ދުވަހަކު ވެސް އެ ބުނާ ނިމޭ ދުވަހެއް ނާދަ އެވެ. ނިމެނީ ކަމަށް ބުނެ އެންމެ އުންމީދުތައް ދީ ތާރީހުތައް އެންމެ ގިނައިން ދޭ އެއް ބަޔަކަށް ވެސް ވާނީ އިދިކޮޅު ފަރާތްތަކެވެ.

ނިމޭނީގެ ވާހަކަ އެންމެ ގަދައަށް ދެކެވެން ފެށީ 1 ފެބްރުއަރީގެ އަމުރަށް ފަހުގަ އެވެ. ނަމަވެސް ނިމިގެން ދިޔަތަން މިފެނުނީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި ސަރުކާރު ފަޅިން ބުނާ ގޮތުން ނަމަ "ބަޣާވާތް" ނިމެނީ އެވެ.

ދެން އޮތީ ސަރުކާރު ފަޅި އެވެ. މުޒާހަރާތަކުން އިދިކޮޅު ފަރާތްތައް އެ ބުނާ ނިމޭ ދުވަސް ނާންނާތީ ފާޑު ކިޔުންތައް އިންތިހާއަށް އޮވެ އެވެ. ނަމަވެސް ނިމޭނީ ކަމަށް ބުނެ އުންމީދުތަކާއި ތާރީހުތައް ދެނީ ހަމައެކަނި އެ ފަރާތްތައް އެކަންޏެއް ނޫނެވެ. ސަރުކާރުން ވެސް ފަށާ ކޮންމެ މަޝްރޫއުތަކާއެކު ނިމޭނެ ރީތި ތާރީހެއް ދެއެވެ. ނަމަވެސް އެ ބުނާ ގޮތަކަށް ނިމޭ ދުވަހެއް ނާދެ އެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ހިނގާ ގިނަ ތަރައްގީގެ ބިޔަ މަޝްރޫއުތައް އިފްތިތާހު ކުރަން ކުލަ ގަދަ ރަސްމިއްޔާތެއް އަބަދުވެސް ބާއްވަ އެވެ. އަދި ކޮންމެ ފަހަރަކު ވެސް އެ މަޝްރޫއު ނިމޭނެ ކަމަށް ބުނެ ތީރި ތާރީހުތައް ދޭނެ އެވެ. މިނިވަން ދުވަހަށް ނޫނީ ޖުމްހޫރީ ދުވަހަށް މަޝްރޫތައް ނޫނީ އާންމު ގޮތެއްގައި ރޯދައިގެ ކުރިން ނިމޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ ހުރިހާ ކަމަށްވެސް ވާނީ ޑިސެމްބަރު މަހު ސްނޯ ފޭބި ގޮތަށެވެ.

ތަރައްގީގެ ސްޕީޑު އެބަހުއްޓެވެ. ހަތަރު އަހަރާ ބަލާފަ ރަނގަޅެވެ. ނަމަވެސް ނިމެނީ ކަމަށް ބުނެ އެންމެ ގިނައިން ތާރީހު ދޭ ބަޔަކަށް ވެސް ވާނީ ހަމަ މި ސަރުކާރެވެ. ހަައުސިން މިނިސްޓަރަށް ގުޅުއްވުމުން ނުވަތަ ދޭ ޕްރެސް ކޮންފަރަންސްއެއްގައި އަބަދުވެސް ވިދާޅުވާނީ "ނިމެނީ ނިމެނީ" އެވެ. ބްރިޖުގެ މަޝްރޫއުވެސް ފުރަމަ ވިދާޅުވީ ޖުލަައި 24 އަށް ނިމޭނެ އެވެ. މިހާރު އެ ތާރީހެއް ނުބުނެ އެވެ. ބުނަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމެނެ އެވެ.