ބޮލީވުޑް

ޝޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ ބަތަލާއަކަށް އަނުޝްކާ

ޝޯޝަލް މީޑިއާގައި މިހާރު އެންމެ ނުފޫޒުގަދަ ބޮލީވުޑްގެ ބަތަލާއަކީ އަނުޝްކާ ޝަރްމާ ކަމަށް އިންޑިއާގެ ގްލޯބަލް ޓެކްނޮލޮޖީ ކުންފުންޏަކުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

"ސްކޯ ޓްރެންޑްސް" ކިޔާ އެ ކުންފުނިން އާންމުކޮށްފައިވާ އެ ދިރާސާއަކީ އިންޑިއާގައި މީހުން އާންމުގޮތެއްގައި ބޭނުންކުރާ ހުރިހާ ޝޯޝަލް މީޑިއާގެ ވަސީލަތްތަކަކުން ޑާޓާ އެއްކޮށްގެން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. އެގޮތުން ފޭސްބުކްއާއި ޓުވިޓާއާއި ނޫސް މަޖައްލާތައް އަދި އިތުރު ޝޯޝަލް މީޑިއާ ޕްލެޓުފޯމްތަކުން ޑާޓާ އެއްކުރި އެވެ. ޑާޓާ އެއްކުރިއިރު އިންޑިއާގައި އާންްމުކޮށް ވާހަކަދައްކާ އުޅޭ 14 ބަހަކުން ބަލާފައިވެ އެވެ.

އަނުޝްކާ މި މަގާމު ދިފާއުކުރީ ބޮލީވުޑްގައި މިހާރު އެންމެ ކުރީގައި އުޅޭ ދެ ބަތަލާއިން ކަމަށް ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަދުކޮނީ ފަހަތަށް ޖައްސާލުމަށްފަހު އެވެ. އަނުޝްކާ އެއް ވަނަގައި އޮތީ 70 ޕޮއިންޓާއެކު އެވެ. ޕްރިޔަންކާއަށް ލިބިފައި ވަނީ 50 ޕޮއިންޓެވެ. ދީޕިކާއަށް 40 ޕޮއިންޓު ލިބުނުއިރު އޭނާ އާއި އެންމެ ގާތުން ވާދަކުރަނީ ކުރި އަރަމުން އަންނަ ބަތަލާ ކަންގަނާ ރަނާއުތް އެވެ. އެއީ 32 ޕޮއިންޓާއެކު އެވެ.

އަނުޝްކާ އެންމެފަހުން ފެނިގެންދިޔައީ އޭނާގެ އައިލާގެ ޕްރޮޑަކްޝަނުގެ ފިލްމެއް ކަމަށްވާ "ޕަރީ" އިންނެވެ. ބިރުވެރި އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އަނުޝްކާގެ ކުރިއަށް އޮތް ފިލްމުތަކަށް ބަލާއިރު ވަރުން ދާވަންއާއެކު ފެނިގެންދާނެ "ސުއި ދާގަ" އަދި ޝާރުކް ހާންގެ "ޒީރޯ" ހިމެނެ އެވެ.

ސްކޯ ޓްރެންޑްސްގެ ޝޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ލިސްޓުގެ ގަދަ ދިހަ އެއްގައި ދެން ހިމެނޭ ތަރިންނަކީ ސަނީ ލިއޯނީ، ސޯނަމް ކަޕޫރް، ޝްރައްދާ ކަޕޫރް، ވިދްޔާ ބާލަން، ތާޕްސީ ޕަންނޫ އަދި މާދުރީ ދިކްޝިތް އެވެ.