ވިޔަފާރި

ސޮނޭވާއިން ރާއްޖޭގެ ސާފިން އިޝްތިހާރު ކުރަން ތަފާތު ކަމެއް

Mar 24, 2018

ރާއްޖޭގެ ސާފިން އިޝްތިހާރު ކުރަން ސޮނޭވާ އިން ދުނިޔޭގެ ފުރަތަމަ ފުލީ ސަސްޓެއިނަބަލް ސާފިން ޕްރޮގްރާމް ފަށަން ނިންމައިފި އެވެ.

ރާއްޖޭގައި މަތީ ފަންތީގެ ދެ ރިސޯޓެއް ހިންގަމުން ގެންދާ ތިމާވެއްޓާއި ރަހުމަތެރިކޮށް ރިސޯޓް އޮޕަރޭޓް ކުރާ ސޮނޭވާ ގްރޫޕުން ބުނީ އެ ކުންފުނީގެ "ދުނިޔޭގެ ފުރަތަމަ ސަސްޓެއިނަބަލް ސާފިން ޕްރޮގްރާމް" ރާއްޖޭގެ ސާފިން ސީޒަންއާ ދިމާކޮށް ފަށާނެ ކަމަށެވެ.

ވޯލްޑް ޓްރެވަލް އިންޑަސްޓްރީ ނިއުސް އަށް ވާހަކަ ދައްކަވަމުން ސޮނޭވާ ފުށީގެ ސާފް މެނޭޖަރު ސަނީ ޔަންގް ވިދާޅުވީ މި ޕްރޮގްރާމުގެ އެއް މަގުސަދަކީ ރާއްޖެއަކީ ސާވިން މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުން ކަމަށެވެ.

"މި ޕްރޮގްރާމްގެ ބޭނުމެއް ސާފިންއަކީ ވެސް ތިމާވެއްޓާ ރަހުމަތްތެރިކޮށް ޕްރޮފެޝަނަލް ކޮށް ކުރެވޭނެ ކަމެއްގެ ގޮތުގައި ދެއްކުން،" ސަނީ ވިދާޅުވި އެވެ.

އެ ކުންފުނިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ސޮނޭވާ ފުށިން ބ. އަތޮޅާއި ނ. އަތޮޅު އަދި ސޮނޭވާގެ ލަގްޒަރީ ޔޮޓަށް އަންނަ ޓޫރިސްޓުންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮގްރާމުގެ ދަށުން ބ. އަތޮޅުގެ 13 ސަަރަހައްދަކާއި ނ. އަތޮޅުގެ 11 ސަރަހައްދެއް ވަނީ ސާފިންއަށް ހާއްސަކޮށްފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ ސާފިން ތަޖުރިބާ ކުރަން އަންނަ މީހުން ބޭނުންކުރާ ސާފް ބޯޑާއި ފިންސް އަދި ލޯޝަން ފަދަ ތަކެއްޗަކީވެސް ތިމާވެއްޓާ ރަހުމަތްތެރިކޮށް އުފައްދާފައި ހުންނަ ބާވަތްތަކެވެ.