ހަބަރު

ރީކޯ މޫސަ އެމްޑީޕީން ވަކިކޮށް، އިތުރު ފަސް މެމްބަރަކާ މެދު ފިޔަވަޅު އަޅައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެ ޕާޓީން ވަކިކޮށް، އިތުރު ފަސް މެމްބަރަކާ މެދު ވެސް ފިޔަވަޅު އަޅައިފި އެވެ.

މޫސަ އާއި އަނެއް ފަސް މެމްބަރުންނަކީ ވެސް އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުގައި ވޯޓު ނެގި ދުވަހު ޖަލްސާއަށް ހާޒިރު ނުވާ މެމްބަރުންނެވެ. ނަމަވެސް އޭގެ ކުރިން އެމްޑީޕީން ވިޕްލައިން ނެރެފައި އޮތީ އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް އެދުވަހުގެ ޖަލްސާއަށް ހާޒިރުވެ އެ ދެ ބޭފުޅުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދޭންޖެހޭނެ ކަމަށެވެ.

އެ މައްސަލައިގައި މޫސަ ޕާޓީން ވަކިކުރުމުގެ އިތުރުން އަލުން އެ ޕާޓީއަށް ވަންނަން ބޭނުންވާ ނަމަ މަދުވެގެން 50 މެމްބަރުންގެ ސޮއި ހުށަހަޅަންޖެހޭނެ ގޮތަށް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ޕާޓީއާ އަލުން ގުޅުނަސް ފަސް އަހަރު ވަންދެން އެ ޕާޓީގެ އެއްވެސް މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށާއި އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އަލުން ޕާޓީއާ ގުޅުނަސް މައާފަށް އެދި މޫސަ ބަޔާނެއް އާންމު ކުރަންޖެހޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުން އާންމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު މުހައްމަދު ޝިފާޒް ވިދާޅުވީ ފިޔަވަޅު އެޅުމުގައި ބަލާފައިވަނީ ވިޕްލައިންތަކާ ޚިލާފްވެފައިވާ މިންވަރަށާއި ޖަވާބުދާރީވެފައި ވުމާއި ނުވުމުގެ މައްޗަށް ކަމަށެވެ. އަދި މޫސަ އެ ކޮމެޓީއަށް ޖަވާބުދާރީ ނުވުމުގެ އިތުރުން އެތައް ފަހަރަކު ވިޕްލައިނާ ޚިލާފަށް ވޯޓު ދެއްވާފައިވާ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ. މޫސަ އާ މެދު އެޅިފައިވަނީ ވެސް ގަވާއިދުގައި ބުނާ ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސާސީ ގަވާއިދުގައި ބުނާ ގޮތަށް ކުރިއަށް ގެންދިޔައިމަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން މޫސާ މަނިކާ ދޭތެރޭ ވަކި ތަފާތު ފިޔަވަޅެއް އެޅުނީ ކަމަކަށް، ގަވާއިދުގައި ބުނާ ފިޔަވަޅު މޫސާ މަނިކާ މެދު ވެސް އެޅިފައިވަނީ." ޝިފާޒް ވިދާޅުވި އެވެ.

މޫސަގެ އިތުރުން ވިޕްލައިނާ ޚިލާފްވެފައި ވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރްޒޫގާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ.

ވިޕްލައިނާ ޚިލާފްވި މެމްބަރުންގެ ތެރެއިން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެޕާޓީގެ އާންމު މެމްބަރުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި މައާފަށް އެދި އާންމުކުރަންޖެހޭ އެ ބަޔާން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ކުރިން އެ ޕާޓީގެ ސެކެޓްރޭޓިއެޓަށް ފޮނުވަންޖެހޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

މީގެ އިތުރުން އެ ޕާޓީގެ އެތެރޭގެ މަގާމުތަކުގެ ތެރެއިން ނާޒިމް މިހާރު ހުރި މަގާމުތަކުން ވަކި ކުރުމަށާއި އަދި މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ތަމްސީލުކުރާ ކޮމެޓީތަކުގެ މުގައްރިރުކަން ނުވަތަ ނައިބު މުގައްރިރުކަމުގެ މަގާމެއްގައި އޭނާ ހުރި ނަމަ އެ މަގާމަކުން ވެސް ވަކިކުރަން ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމެޓީގެ އިތުރުން ޕާލިމެންޓްރީ ގްރޫޕްގައި ނަގާ އެއްވެސް ވޯޓެއްގައި ވެސް ތިން މަސް ދުވަހުގެ މުއްދަތަށް ނާޒިމަށް ބައިވެރިނުވެވޭނެ ކަމަށް އެކޮމެޓީގެ ނިންމުމުގައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ ކޮމެޓީތަކުގެ މެމްބަރުކަމުން ވެސް ނާޒިމް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހު ނާޒިމަށް އެމްޑީޕީ ތަމްސީލު ނުކުރެވޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ވަންދެން އެމްޑީޕީގެ އެއްވެސް މަގާމަކަށާއި ޕްރައިމަރީއެއްގައި ވެސް ނާޒިމަށް ވާދަ ނުކުރެވޭނެ ކަމަށް ކޮމެޓީގެ ނިންމުމުގައިވެ އެވެ. މީގެ އިތުރުން އިތުރު ވިޕްލައިނަކާ ޚިލާފްވެއްޖެ ނަމަ ފަސް އަހަރު ވަންދެން ނާޒިމަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ނާޒިމަކީ ފިޔަވަޅު އަޅާ ކޮމެޓީއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ޖަވާބުދާރީވެފައި ނުވާ ބޭފުޅެކެވެ.

މޫސަ އާއި ނާޒިމް ފިޔަވައި ވިޕްލައިނާ ޚިލާފްވި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީނާއި މުލަކު ދާއިރާގެ މެމްބަރު ނަސީރުގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު މަރްޒޫގާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އެ ޕާޓީގެ އެތެރޭގެ ހުރިހާ މަގާމަކުން ވަކިކުރަން ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރުމުގެ ގޮތުން އެއްވެސް ކޮމެޓީއެއްގެ މުގައްރިރު ކަމުގައި ނުވަތަ ނައިބު މުގައްރިރުކަމުގައި އެއިން އެއްވެސް މެމްބަރަކު ހުންނެވި ނަމަ އެ މަގާމަކުން ވަކިކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގަޔާއި ގައުމީ ހިންގާ ކޮމެޓީގެ އިތުރުން ޕާލިމެންޓްރީ ގްރޫޕްގައި ނަގާ އެއްވެސް ވޯޓެއްގައި އެ ހަތަރު މެމްބަރުންނަށް ހަ މަސް ދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭ ގޮތަށް ވެސް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ޕާޓީތަކުގެ ކޮމެޓީތަކުގެ މެމްބަރުކަމުން ވެސް އެ ހަތަރު މެމްބަރުން ހަ މަސް ދުވަހަށް ސަސްޕެންޑް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.