ލައިފްސްޓައިލް

އަސްލު އުނޫޝާތަ؟ އަސްލު އެލީޝާތަ؟

މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 އެއްގެ ހުށަހެޅުންތަކަށްވުރެ ރޭ ބެލުންތެރިންގެ ސަމާލުކަން ހޯދުމާއެކު އެންމެ ފޯރިގަދަވެގެން ދިޔަ ކަމަކަށްވީ ޖަޖު މަރިޔަމް އުނޫޝާ (ކިޑީ) ގެ ހެއާސްޓައިލެވެ. ކިޑީއަކީ މޯލްޑިވިއަން އައިޑޮލް ފެށުނީއްސުރެ ތިން ސީޒަނުގައި ވެސް ތަފާތު ހެއާސްޓައިލްތައްތައް ދައްކާލާފައިވާ ފަންނާނެކެވެ. އޭނާގެ ހެއާ ސްޓައިލްތައް ވަރަށް ގިނަ މީހުނަށް ކަމުވެސް ދެއެވެ. އަދި ބައެއް މީހުންގެ ފާޑުކިޔުން ވެސް އޮވެއެވެ.

އޭނާގެ ފަރުވާލެއް އެކަމަކަށް ނޯވެއެވެ؛ އައިޑޮލްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ކިޑީ ފެނިގެން އަންނަނީ ތަފާތު ހެއާސްޓައިލްތަކާއެކު އެވެ. ފާޑުކިޔާ މީހުން އެމީހުން ކިޔަން ބޭނުންވާ ފާޑެއް ކިޔަން ދޫކޮށްލައިގެނެވެ.

އައިޑޮލްގެ ފުރަތަމަ ދެ އަހަރުގައި މިފަހަރުގެ ސީޒަން ތިނެއްގައި ވެސް ފޯރި އެންމެ ގަދައީ ޓުވިޓާގަ އެވެ. ފާޑުކިޔުމާއި ތައުރީފުވެސް މި އޮންނަނީ އެތާނގަ އެވެ. ރެއަކީ އައިޑޮލްގެ ގަދަ 10 އެއްގެ ހުށަހެޅުން އޮތް ރެއެެވެ. އެކަމަކު ގަދަ 10 އެއްގެ ހުށަހަޅުންތަކަށްވުރެ އަޅައިގަތީ ކިޑީގެ ހެއާ ސްޓައިލެވެ. އޭގެ ތެރެއިން އެއްބަޔަކަށް އުނޫޝާގެ ހެއާސްޓައިލް ކަމުދިޔައެވެ. އަނެއް ބަޔަކު ބުނީ "ހާދަ ހަޑި" އޭއެވެ. އަދި އެހެން ބަޔަކުވެސް އުޅުނެވެ. އެމީހުން ބުނީ ކިޑީގެ ރޭގެ ސްޓައިލަކީ ކޮޕީއެކޭ އެވެ. އެއީ ކޮޕީ ސްޓައިލެއް ކަމަށް ބުނެ ޖޯކަކަށް ހަދައިގެން ވެސް އުޅުނެވެ. އެކަމަކުވެސް ކިޑީގެ އިސްތަށިގަނޑަށް ރޭ ހަދާލާފައި ހުރި ގޮތަށް އޮތް ތައުރީފުވެސް ވަކީން ކުޑައެއް ނޫނެވެ.

ކިޑީގެ ހެއާސްޓައިލް ރޭ އެންމެ ވައްތަރުވީ އެމެރިކާގެ ލަވަކިޔުންތެރިޔާ އެލީޝާ ކީސްގެ ހެއާސްޓައިލަކަށާ އެވެ. ބުޅި އިސްތަށިގަނޑެއް އޮންނަ އެލީޝާ އަކީ ވެސް ތަފާތު ހެއާސްޓައިލްތައް ގެންގުޅުމަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. ރޭގައި ކަން ދިމާވި ގޮތުން ޝޯޝަލް މީޑިއާގައި ކިޑީ އާއި އަލީޝާގެ ހެއާސްޓައިލް މިހާރު އަންނަނީ އަޅާ ކިޔަމުންނެވެ. ހީވާ ގޮތުން ގިނަ މީހުން ބިޒީވެފައި ވަނީ އެކަން ރަނގަޅަށް ބަލައި ވަޒަން ކުރުމުގަ އެވެ.

ކިޑީއެކޭ އެއްގޮތަށް އެލީޝާއަކީ ވެސް މަޝްހޫރު ފްރެންޗައިޒް ރިއަލިޓީ ޝޯއެއްގެ ޖަޖެކެވެ. އެލީޝާއަކީ މަޝްހޫރު ފްރެންޗައިޒް ލަވަ މުބާރާތް "ދަ ވޮއިސް އެމެރިކާ" ގެ ޖަޖެކެވެ. ދަ ވޮއިސްގެ އެކި އެޕިސޯޑުތަކުގައި އޭނާ ތަފާތު ހެއާސްޓައިލްތައް ދައްކާލަ އެވެ. އޭނާގެ އެންމެ އާންމު ހެއާސްޓައިލަކަށް ވެފައި ވަނީ ބޮލުގައި ފޮތިކޮޅެއް އަޅައިގެން ދައްކާލާ ސްޓައިލްތެކެވެ.

ގެންގުޅޭ ހެއާސްޓައިލްތަކުގެ ސަބަބުން ފާޑުކިޔުން އަމާޒުވި ނަމަވެސް ކިޑީ ފާހަގަކޮށްލެވެނީ އޭނާ ގެންގުޅޭ ތަފާތު ސްޓައިލްތައް ދޫކޮށްނުލާ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. އަދި ކިޔާ ފާޑަކަށް ރައްދެއް ވެސް ދޭ ލަވަކިޔުންތެރިއަކަށް ކިޑީ ނުވެއެވެ. ހެއާސްޓައިލްގެ އިތުރަށް ހެދުން އެޅުމުގައި އޭނާގެ ގެންގުޅޭ މޮޑާން ސްޓައިތަކަކީ ވެސް ގިނަ ބަޔެއް ނަޒަރު ހުއްޓިފައިވާ ސްޓައިލްތަކެކެވެ.

ބެލުންތެރިން މިހާރު އެންމެ އިންތިޒާރު ކުރާނީ މިރޭ އޮންނަ މޯލްޑިވިއަން އައިޑޮލްގެ އެލިމިނޭޝަން ޝޯއަށް ކިޑީ އޭނާގެ އިސްތަށިގަނޑަށް ހަދާލާނެ މޮޅު ގޮތަކަށެވެ.