ހަބަރު

ޔޮންޑާ މިއުޒިކް ހުއްޓާލައިފި

Mar 24, 2018
3

ވިހި މިލިއަނަށްވުރެ ގިނަ ލަވަ ހިމެނޭ ލަވަ އެޕްލިކޭޝަން ނެޓްވޯކް "ޔޮންޑާ މިއުޒިކް" އިން ލަވަ ސްޓްރީމް ކުރުމުގެ ހިދުމަތް ރާއްޖެ ހިމެނޭ ގޮތަށް ހުއްޓާލައިފި އެވެ.

ރާއްޖޭގައި ޔޮންޑާ މިއުޒިކްގެ ހިދުމަތް ދެމުން ގެންދިޔައީ ދިރާގުންނެވެ. އެ ކުންފުނީގެ ޓްވިޓާގައި ބުނެފައިވާ ގޮތުން ޔޮންޑާ މިއުޒިކްގެ ލަވަ ސްޓްރީމް ކުރުމުގެ ހިދުމަތް ހުއްޓާލާފައިވަނީ މުޅި ދުނިޔޭގަ އެވެ.

އެ ކުންފުނިން ބުނެފައިވަނީ ޔޮންޑާ މިއުޒިކްގެ ހިދުމަތް ހުއްޓާލުމާއެކު އެއަށްވުރެ ރަނގަޅު ފެންވަރު ރަނގަޅު ހިދުމަތެއް ގެނެސްދޭން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ލަވަ ސްޓީމް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޔޮންޑާ މިއުޒިކް" އެޕްލިކޭޝަން ތައާރަފު ކުރުމާއެކު މި އެޕްލިކޭޝަންގައި ދިވެހި ގިނަ ލަވަތަކެއްވެސް ހިމެނި އެވެ. ދެހާސް ތޭރަވަނަ އަހަރު އުފެދިފައިވާ "ޔޮންޑާ މިއުޒިކް" އެޕްލިކޭޝަންގައި ރާއްޖެއާ އަވަށްޓެރި ބައެއް ގައުމުތަކުގެ ފަންނާނުންގެ ލަވަތައް ވެސް ހިމަނާފައި ވެއެވެ.

ދިރާގުން ކޮށްފައިވާ ޓްވީޓް

"ޔޮންޑާ މިއުޒިކް" އެޕް ފަރުމާ ކޮށްފައިވަނީ ލަވަ ސްޓީމްކުރާ ކޮންމެ ފަހަރަކު އެ ލަވައެއް ކިޔާފައިވާ ފަންނާނަށް "ޓިޕެއް" ލިބޭ ގޮތަށެވެ. މީގެ އިތުރުން މި އެޕްލޭޝަން މެދުވެރިކޮށް ލަވަ ޑައުންލޯޑުކޮށް، އަމިއްލައަށް ލަވަ ކިޔައި ސޯޝަލް މީޑިޔާގައި ހިއްސާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި އެޕްލިކޭޝަންގައި މިހާރުވެސް ދިވެހި 500 ލަވަ ހިމެނެ އެވެ.