ދުނިޔޭގައި އެތައް ކަމެއް ހިނގަމުންދާއިރު ގިނަ ފަހަރަށް ގިނަ މީހުނަށް އުޅެންޖެހިފައި ވަނީ ކޮންމެވެސް ކަހަލަ ހާސްކަމެއްގެ ތެރޭގައި އެވެ. މިވަގުތުތަކުގައި މިހާ ކުޑަކޮށް ހަމަޖެހިލުމަށްޓަކައި ކޮންމެވެސް ކަހަލަ ތަފާތު ވާހަކައެއް ނޫނީ ތަފާތު ކަމެއް ބަލާލަން ބޭނުންވާނެ އެވެ. ވަގުތު ކޮޅަކަށް ނަމަވެސް މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލާއި ހިތަށް ފިނިކަމެއް ގެނެސްދޭނެ މަޖާ ވާހަކައެއް އަޑުއަހާލަން ބޭނުންވާނެ އެވެ.
އެގޮތުން މި ގެނެސްދެނީ ފާއިތުވި ހަފްތާގައި ޝޯޝަލް މީޑިއާގައި އެންމެ ވައިގަހިފި ގިނަ ބަޔަކު ހެއްވާލައި އަދި އުފާކޮށްލި ބައެއް ހަބަރުތަކެވެ.
25 އަހަރުފަހުން އިނގެރޭސިވިލާތުގައި ޕޯލާ ބެއާއެއް އުފަންވުން
މިއީ އިނގެރޭސިވިލާތުގައި ފާއިތުވި 25 އަހަރުގެ ތެރޭގައި އުފަންވި ފުރަތަމަ ޕޯލާ ބެއާ އެވެ.
ވަކި ނަމެއް އަދި ދީފައި ނުވާ މި ބެއާ އުފަންވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް މިދިޔަ ހަފްތާއާއި ޖެހެންދެން މި ވާހަކަ އޮތީ އާންމުންނަށް ސިއްރުކޮށްފަ އެވެ.
މި ބެއާ ބަލާލަން ބޭނުންވާ ފަރާތްތަކަށް މިހާރު ސްކޮޓްލޭންޑުގެ ޕާކެއް ކަމަށްވާ "ހައިލޭންޑް ވައިލްޑްލައިފް ޕާކް" އިން އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ބެއާ އަކީ ވަރަށް ގިނަ ވަގުތު ނިދާފަ އޮންނަ ބެއާއެއް ކަމަށްވެ އެވެ.
ފިލި ބޮޑު އަސްދޫނީ
މިއީ ޑެފީން ކިޔާ ވައި ޖަހައިގެން ފުއްޕާފައި އޮންނަ ބޮޑު އަސްދޫންޏެކެވެ. ރީނދޫ ކުލައިގެން މި އަސްދޫނީ ދެކުނު އޮސްޓްރޭލިއާގެ ބީޗެއްގައި މޫދަށް ލައިގެން އުޅެނިކޮށް ވަޔަށް ގޮސްގެން ގެއްލުނެވެ.
މި އަސްދޫނި ފެނުނީ ގެއްލުންތާ ހަފްތާއެއް ފަހުން ދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކަށެވެ. އެ މީހާ ވަނީ މި އަސްދޫނި ކަފުޖަހައިގެން ގެނެސްފަ އެވެ.
ސައިންސުގައި އެއް ފިޔަވަޅު ކުރިއަށް
ލޯ އަނދިރިވެފައިވާ މީހުންނަށް ފަރުވާ ކުރުމަށް އިނގެރޭސިވިލާތުގެ ޑޮކްޓަރަންތަކެއް މިހާރު ވަނީ އާ ފަރުވާއެއް ހޯދާދީފަ އެވެ.
"ފިއޯނީރިންގް ސްޓެމް ސެލް" ކިޔާ މި ފަރުވާގައި ސްޓެމް ސެލްތައް ބޭނުންކޮށްގެން ލޮލުގެ ފެނުން ދެމެހެއްޓުމަށް ބޭނުންވާ ޓިޝޫތައް އަލުން ދިރުވަނީ އެވެ.
މި ފަރުވާގެ އެހީގައި ދެ މީހަކު މިހާރު ވަނީ ފަސޭހަކޮށްފަ އެވެ. ޑޮގްލަސް ވޯޓާސް، 86، އަށް ވަނީ އޮފަރޭޝަނަށްފަހު އޭނާގެ
ކާނާތު ލޮލުގެ ފެނުން އަނބުރާ ލިބިފަ އެވެ. ދެން އޮޕަރޭޝަންކުރީ 60 އަހަރުގެ އަންހެނެކެވެ.
ބޮލީވުޑްގެ ފްލޮޕް
ބޮލީވުޑްގެ މަޝްހޫރު ކްލެސިކް އައިޓަމް ލަވަ "އޭކް ދޯ ތީން" ގެ ރިމޭކްއެއް ހަދައި އެ ލަވަ އާންމުކުރިއިރު ގިނަ ބައެއްގެ ނުރުހުން ވަނީ އެ ލަވައަށް ލިބިފަ އެވެ. މި ލަވައިގެ އަސްލު އަކީ 1988 ގައި ނިކުތް ފިލްމު "ތޭޒާބް" ގެ ލަވައެކެވެ. އަސްލު ލަވައިން ފެނިގެންދަނީ މާދުރީ ދިކްޝިތް އެވެ. ރިމޭކް ލަވައިން ފެނިގެންދަނީ ޖެކޮލިން ފެނާންޑޭޒް އެވެ.
ގިނަ ބަޔަކު ވަނީ މި ލަވައަކީ ކުރީގެ ލަވަ ބަދުނާމު ކުރުމަށް ހަދާފައި އޮތް ލަވައެއްކަމަށް ބުނެ ޓްވިޓާގައި ނުރުހުން ފާޅު ކޮށްފަ އެވެ. ލަވައިގައި ޖެކްލީން، މާދުރީގެ "ފައިވާނަށް" އަރައިގެން ނެށުމަކީ މާދުރީއަށް ވެސް ލިބޭ "ހުތުރެއް" ކަމަށް ގިނަ ބަޔަކު ވަނީ ސިފަ ކޮށްފަ އެވެ. މި ލަވައިގެ މައްސަލަ ބޮޑުވެ، އަސްލު ލަވަ ތައްޔާރުކުރި ފަރާތުން މިހާރު ވަނީ ކޯޓަށްވެސް މައްސަލަ ވައްދާފަ އެވެ.
އެންމެ ފޯރި ހުރީ ބެލުންތެރިން ޓުވިޓާގައި ކުރި ޓުވީޓުތަކެވެ. ހިނިގަނޑު ފަޅައިގެންދާވަރުގެ ފާޑުކިޔުންތައް މީހުންގެ ފަރާތުން ލިބުނެވެ.
ތަފާތު މަގުމަތީ ނިޝާންތަކެއް
ގިނަ ބައެއްގެ ސަމާލުކަން ދަމައިގެން މި މަގުމަތީ ނިޝާންތަކަކީ އިނގުލޭންޑުގެ ރަށެއްކަމަށްވާ އޮކްސްފޯޓްޝައިރްގެ މަގުތަކުގައި ހަރުކޮށްފައިހުރި ނިޝާންތަކެކެވެ.
މަގުމަތީ ނިޝާންތަކުގެ ބޯޑުތަކުގައި ލިޔެފައި ހުރީ މަޝްހޫރު އިނގެރޭސި ވާހަކަތަކުގައި ހުންނަ ބައެއް ހިޔާލީ ރަށްތަކުގެ ނަންތަކެވެ. ނާނީއާ، ނެވަލޭންޑު، ގޮތަމް ސިޓީ އަދި މިޑުލް އާތް ކިޔާ ރަށްރަށުގެ ނަންތައް އެ ބޯޑުތަކުގައި ލިޔެފައި ހުއްޓެވެ.
ގިނަ ބަޔަކަށް މިކަން މަޖާކަމަކަށްވެ ޝޯޝަލް މީޑިއާގައި ފޮޓޯތައްވެސް އާންމުކޮށްފައިވެ އެވެ.
ތަފާތު ހެއާސްޓައިލެއް
މި ހެއާސްޓައިލް އިތުރަށް ކިޔާދިނުމުގެ ބޭނުމެއްވެސް ނެތެވެ. ފޮޓޯ އިން ތި ފެންނަނީ އެވެ. މިއީ ކުޑަކުއްޖަކު "ކްރޭޒީ ހެއާ ޑޭ" އަށް އޭނާގެ އިސްތަށިގަނޑަށް ހަދާލި މޮޅު ގޮތެވެ. މި ފޮޓޯ ވަނީ ޓުވިޓާގައި ފަސް ލައްކައަށްވުރެ ގިނަ މީހުން ރިޓުވީޓުކޮށްފަ އެވެ.
މާކަނާތަކެއް ސަލާމަތްކުރި މީހާ
ބަލްގޭރިއާގައި ފާއިތު ހަފްތާގައި ފިނި މޫސުން ފަށާއި ޓެމްޕަރޭޗާ ދަށަށް ދިއުމުގެ ސަބަބުން ހިޖުރަ ކުރަމުންދިޔަ އެތައް ހާސް މާކާތަކަކަށް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް ނުދެވި އެ ގައުމުގައި ތާށިވެފައި ތިބެންޖެހިފަ އެވެ. މާ ގަދައަށް ފިނިވުމުން ބައެއް މާކަނާތައް ވަނީ މަރުވެސްވެފަ އެވެ.
މިގޮތަށް ތާށިވެފައި ތިބި ވަރަށް ބަލި ހާލުގައި އޮތް ފަސް މާކަނާއެއް ބަލްގޭރިއާގައި ދަނޑުވެރިކަން ކުރާ މީހަކު އޭނާގެ ގެއަށް ގެންގޮސް ހިޔާވަހިކަން ދީ އެ އެއްޗެއްސަށް ކާންދިން ހަބަރު ވަނީ އޭއެފްޕީ ނިއުސްގައިވެސް ޖަހާފަ އެވެ.