ވިޔަފާރި

އާ ރަންވޭގެ 600 މީޓަރުގައި ތާރު އަޅައިފި

Mar 25, 2018

ރާއްޖޭގެ މައި ވައިގެ ބަނދަރުގައި އަޅާ، އާ ރަންވޭގެ 600 މީޓަރުގައި ތާރު އަޅާފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭގައި ތާރު އަޅަން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ހަ ލޭޔަރުގެ މައްޗަށް ހިމެނޭ، އާ ރަންވޭގެ ތާރު ފަށަލައަކީ ރަންވޭގައި އަޅާ އެންމެ މަތީ ލޭޔަރެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި ބޯޑު ފަހަރު ކަމަށްވާ " އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން 400 މިލިއަން ޑޮލަރުގެ ލޯނަކުން ހަދާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.

ވީއައިއޭގައި އާ ސީޕްލޭން ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.މި މަޝްރޫއުގެ ކުރިއަށް ގެންދަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތް ކުރަނީ ވެސް ބީޔޫސީީޖީއިންނެވެ.