ކުޅިވަރު

އެފްއޭއެމްގެ ދަރަނި 150 ޕަސަންޓަށްވުރެ ދަށްކޮށްފި

ފުޓްބޯޅަ އިދާރާ އެފްއޭއެމްގެ ދަރަނި 150 ޕަސަންޓަށް ވުރެ ކުޑަ ކޮށްފި އެވެ. އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އަދާ ކުރި ދަރަނީގެ ތެރޭގައި އެފްއޭއެމް އުފެދުނީންސުރެ ހުރި ހިސާބުތައް ހިމެނޭ ކަމަށެވެ.

މި އަހަރާ ހަމަޔަށް އެފްއޭއެމްގެ ދަރަނީގެ ގޮތުގައި ހިމެނުނީ 18 މިލިއަން ރުފިޔާ އެވެ. އެ އަދަދު ހަތް މިލިއަނަށް ކުޑަ ކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެފްއޭއެމްއިން ސްޓޭލްކޯއަށް ކަރަންޓް ބިލުގެ ގޮތުގައި ދައްކަން ޖެހޭ ވަރަށް ދުވަސްވީ ދަރަންޏެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފްއޭއެމް އުފެދޫނީންސުރެ ކަރަންޓް ބިލުގެ ގޮތުގައި ސްޓެލްކޯއަށް ދައްކަންޖެހިފައި އޮތް ވަރަށް ބޮޑު ދަރަންޏެއް އޮތް، އެ ބިލަށް ސަރުކާރުން ފައިސާ ދައްކައި ދިނީ،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ރައީސް ޔާމީނަށް އެފްއޭއެމްގައި އޮތް އެ ބޮޑު ދަރަނި އަދާ ކުރުމަށް އެހީތެރިވެ ވަޑައިގެން ދެއްވީތީ."

މިހާރު ހިމެނޭ ހަތް މިލިއަން ރުފިޔާގެ ދަރަނިވެސް ކުރިއަށް އޮތް ތަނުގައި އާދާކޮށް ނިންމާލާނެ ކަމުގެ އުންމީދު ބައްސާމް ގެންގުޅުވަ އެވެ. އެފްއޭއެމްގެ ދަރަނި އަދާ ކުރުމަށް މި އަހަރުވެސް ވަނީ ތިން މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފަ އެވެ. މިދިޔަ އަހަރުވެސް ހިމަނާފައި ވަނީ އެ ދަދެވެ.

މި އަހަރު އެފްއޭއެމް އަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސް ކޮށްފަ އެވެ. ނަމަވެސް އާންމުދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 62 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން އެފްއޭއެމް ބަޖެޓަކީ 2.9 މިލިއަން ރުފިޔާގެ ދަރަނި ބެޖެޓެކެވެ.