ބޮލީވުޑް

ހިޗްކީ: ރާނީގެ އެނބުރިއައުން ކިހިނެއް؟

ގިނަ ދުވަސްތަކަކަށްފަހު ރާނީ މުކަރްޖީގެ ފިލްމެއް މިދިޔަ ހަފުތާ ބަންދުގައި މި ވަނީ ސިނަމާތަކަށް ގެނެސްދީފަ އެވެ.

ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން މި މަހު 23 ގައި ރިލީޒްކުރި ފިލްމު "ހިޗްކީ" އަށް ފުރަތަމަ ދުވަހު 3.30 ކަރޯޑުގެ އާމްދަނީއެއް ވެސް ލިބިފައިވެ އެވެ. ފިލްމުގެ ބަޖެޓަށް ބަލާނަމަ މި އަދަދު އޯޕެނިންގްއަކަށް ރަނގަޅު ކަމަށް ބައެއް އެނަލިސްޓުން ލަފާކުރެ އެވެ.

ޓްރޭޑް އެނަލިސްޓު ތަރަން އަދާޝް ބުނި ގޮތުގައި ފުރަތަމަ ދުވަހު ފިލްމުގެ ވިޔަފާރީ ރަނގަޅެވެ. އަދި ހަފްތާ ބަންދު އެއްކޮށް ވިޔަފާރީ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. މި ފިލްމު ވަނީ ޖުމްލަ 961 ސްކްރީނެއްގައި ދައްކާފަ އެވެ.

ތަރަން އަދާޝް ކޮށްފައިވާ ޓުވީޓެއް.

މި ފިލްމު ތައްޔާރުކޮށްފައި ވަނީ 12 ކަރޯޑުގެ ބަޖެޓަކުންނެވެ. މުޅި ހަފްތާ ބަންދު އެއްކޮށް މި ފިލްމަށް މިހާރު ވަނީ ފަސް ކަރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

ފިލްމުގެ ވިޔާފާރީ ރަނގަޅު ނަމަވެސް އެހެން ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ގިރިޝް ޖޯހަރު ބުނީ މި ފިލްމަށް ރާނީ މުކަރްޖީގެ ކުރީގެ ފިލްމު "މަރްދާނީ" އަށްވުރެ މި ފިލްމު ކާމިޔާބުވާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. އެ ފިލްމަކީވެސް ހަމަ ޔަސް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ނިކުތް ފިލްމެކެވެ.

"ހިޗްކީ" އަކީ އިނގެރޭސި ވާހަކަ "ފްރޮޓް އޮފް ދަ ކްލާސް" ގެ އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ރާނީ ކުޅެނީ ޓީޗަރެއްގެ ރޯލެވެ. ރާނީ އަކީ ޓުރެޓް ސިންޑްރޯމް ނުވަތަ އަބަދުހެން އުކުނި ކޮށްޓުމުގެ ބައްޔެއް ތަހައްމަލު ކުރާ މީހެކެވެ.