(22 މާރިޗު 2018 އާ ގުޅޭ) -- މީހެއްގެ ހިލަމެއްވީހެން ހީވެ ނިމްރާ ބޯ ހިއްލާލީ ކުޑަކުޑަކޮށް ލޯ ހުޅުވާލަމުންނެވެ. ކޮޓަރިތެރޭ ހުރި އަރްސަލްއާއި އޭނާގެ ނުރުހުންތެރިކަން އެކުލެވިފައިވި ބަލާލުން ފެނުމުން ސިހިފައި ފުންމައިގެން ގޮސް ފަހަތަށް ޖެހެވުނެވެ.
"ތެދުވޭ!" ހައިރާންކަމާއި ކަންބޮޑުވުމުން އެކުލެވިފައިވި ބެލުމަކުން ނިމްރާ ބަލަން އިނުމުން އަރްސަލް ބުނެލިއެވެ. އެހިނދު ބަހެއް ނުބުނެ އަމުރަށް ކިޔަމަންވާ މީހަކު ފަދައިން ނިމްރާ ތެދުވިއެވެ. އެނދުގެ އަރިމަތީ ކަބަޑާ ކައިރިވާ ގޮތަށް އޭނާ ހުއްޓިލައިގެން ހުރީ ސީދާ އަރްސަލްއާ ކުރިމަތިވާނޭ ހެނެވެ. ދެއަތް ކުރިމައްޗަށް ގެނެސް ވައަތްތިލައިން ކަނާތުގެ ކުޑަހުޅުގައި ހިފަހައްޓާލައިގެން އިސްޖެހިފައެވެ.
"އާދޭ އަހަންނާއެކު" އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ނިމްރާ ހިނގައިގަތްކަން އަރްސަލް ދެނަހުއްޓެވެ.
ބަދިގެ ފަރާތަށް އައުމާއެކު އަރްސަލް ހުއްޓިލީ އައިސް އަލަމާރި ކުރިމަތީއެވެ. އެ ހުޅުވާލުމަށްފަހު އެތެރޭގައި ހުރި އެއްޗިއްސަށް ނަޒަރު ހިންގާލިއެވެ. ރޭގައި ކައި ބާކީވެފައި ހުރި ބައި ކޮންޓެއިނާއަކަށް އަޅާ ބަންދުކޮއްފައި ހުއްޓެވެ. އެތަކެތި ނަގައި ކާމޭޒު މަތީ ބެހެއްޓުމަށްފަހު ފެންފުޅިއެއް ވެސް ނަގައި ކާމޭޒު މަތީ ބެހެއްޓިއެވެ. އައިސް އަލަމާރީގެ ދޮރުފަތް ލައްޕާލާ ނިމްރާއަށް ބަލާލިއެވެ.
"ހޫނުކޮއްގެން ކާން ފަށާ" އަރްސަލް ބުނެލިއެވެ.
އިސްއުފުލާ އަރްސަލްއަށް ނިމްރާ ބަލާލިއެވެ. ސިޓިންރޫމަށް ވެރިވެފައި އޮތް އަނދިރިކަމުގައި އަރްސަލް ފަރިތަކަމާއެކު އުޅުނަސް ނިމްރާއަށް އެކަން ފަސޭހައެއްނުވިއެވެ. ކެބިނެޓްތަކުގެ ހިޔަނިން އަރްސަލްގެ މޫނު ރީތިކޮށް ނުފެނުނު ނަމަވެސް އެ ދެ ލޮލުގައި އާދަޔާ ޚިލާފު ވިދުމެއްވާތީ ނިމްރާއަށް ފެނުނެވެ. އެހެންނަމަވެސް ސިކުނޑިއަށް އަދިވެސް ނަގައިގަންނަން އުނދަގޫވެގެން އުޅެނީ އަރްސަލްގެ ޢަމަލްތަކުގައިވާ ހަރުކަށިކަމެވެ. އަރްސަލްގެ އުސޫލުތަކަށް ބޯލަނބަން އޭނާ މަސައްކަތް ކުރާއިރު އެކަން ބަލައިގަންނަން އަރްސަލް ބޭނުމެއްނުވެއެވެ.
"މައިކްރޮވޭވްއިން ހޫނު ކުރަން އެނގޭތަ؟" ނިމްރާ ހުންނަން ފެށުމުން އަރްސަލް އަހާލިއެވެ. އޭނާގެ އަޑުގައި ކުރިން ހުރި ހަރުކަށިކަމަށް ބަދަލެއް އައިހެން ނިމްރާއަށް ހީވިއެވެ. ޖަވާބަކަށް ބޯޖަހާލަމުން ނިމްރާ ކާމޭޒުމަތީ ހުރި ތަށިތައް ނެގިއެވެ.
"ތި ކޮންޓެއިނާތައް ސޭފްވާނޭ ލިޔަސް... ތީގައި ހުރީ އެކަކަށް ކެވޭނޭ ވަރަށް" ނިމްރާ ތަށިތައް ލާފައި ހުރި ކެބިނެޓް ހުޅުވަން އުޅުމުން އަރްސަލް ބުނެލިއެވެ. އަދި މޭޒު ދޮށުން ގޮނޑިއެއް ދަމާލާ އަރްސަލް އިށީނެވެ. ނިމްރާ ކެބިނެޓް ލައްޕާލާފައި އައިސް ކާއެއްޗެހި އަޅާފައި ހުރި ތަށި ނަގާ މައިކްރޮވޭވްއަށް ލިއެވެ. އޭނާގެ ދިރިއުޅުމުގައި އެންމެ ގިނައިން ބޭނުންކުރެވުނު އެއްޗަކީ އެއީއެވެ. އެހެންވެ އެ ބޭނުންކުރާނޭ ގޮތް މީހަކު ބުނެދޭކަށް އޭނާއަކަށް ނުޖެހޭނެއެވެ. މައިކްރޮވޭވް ޖައްސާފައި އެނބުރިލިއިރު މޭޒު ދޮށުގައި ކަޅު ހިޔަންޏެއްހެން އިން އަރްސަލް ފެނުމުން ނިމްރާގެ މެޔަށް ފިނިވެގެން ދިޔައެވެ. އެތަނުގައި އަރްސަލް އިންކަން ނޭނގޭނަމަ ނިމްރާއަށް ބިރުން ހަޅޭލަވައިގަނެވުނީހެވެ.
ނިމްރާގެ ހަރަކާތްތަކުގައި ހުރި ޖެހިލުންވުން އަނދިރީގެ ތެރެއިން ވެސް އަރްސަލް ދެނެގަތެވެ. އެ އަނދިރިކަމަށް ލޯ ހޭނިފައިވުމުން އޭނާގެ ލޯ ހުރިހާ ވަގުތަކު ހުއްޓިފައި ހުރީ ނިމްރާއަށެވެ. ވެރިވެފައި އޮތް އަނދިރިކަމާއި އެ ހަމަހިމޭންކަން އޭނާއަށް ކަމުދިޔައެވެ. ހިލައިގެ ބުދެއްހެން ހަށިގަނޑު ތެދުކޮއްގެން މޭޒުމަތީ އެއްއަތް ބާއްވާލައިގެން އަރްސަލް އިނދެފައި ކަރުކެހިލިއެވެ.
"ޖޫސްތަށްޓެއް ގެނެސްދީބަލަ" ނިމްރާގެ ސަމާލުކަން ލިބިއްޖެހެން ހީވުމުން އަރްސަލް ބުނެލިއެވެ. އެ އެދުން ފުރިހަމަ ކުރުމަށް ނިމްރާ އަވަސްވެލިއެވެ.
ކާއެއްޗެހި ހޫނުކޮއްގެން އައިސް މޭޒު ދޮށުގައި ނިމްރާ އިށީނެވެ. އަވަސްއަވަހަށް އޭނާ ކާންފެށިއެވެ. ނުފެނުނު ކަމުގައި ވިޔަސް އަރްސަލްގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައިކަން ނިމްރާއަށް އިހުސާސް ކުރެވެއެވެ. އެ ބެލުމުގެ ސަބަބުން ނޭނގޭ އުނދަގުލެއް ނިމްރާއަށް ކުރެވެއެވެ. ބެލްކަނީގެ ދޮރުން އެތެރެއަށް އެޅިފައިވާ އަލިކަން ވެސް ބަދިގެއާ ހަމައަކަށް ނުފޯރައެވެ. އަރްސަލް ގަސްދުގައި އަނދިރިކަމުގެ ތެރޭގައި ފޮރުވިގެން އިންނަން ބޭނުންވަނީ ކަމުގައި ނިމްރާ ނިންމިއެވެ. އެހެންވިޔަސް ނިމްރާގެ އަވަސްވަމުންދިޔަ ހިތް ހަމަޖެހޭނީ އަރްސަލްގެ ކުރިމަތިން ދުރަށް ދެވުނީމާކަން އެނގޭތީ އޭނާ ބެލީ އަވަހަށް ކައި ނިންމާލެވޭތޯއެވެ. އަރްސަލް އިރުއިރުކޮޅާ ޖޫސްތަށި ނަގާ އެއިން އެތިފޮދެއް ބޯލާފައި މޭޒުމަތީ ތަށި ބަހައްޓާލައެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ.
"އަހަރެން ހެނދުނު ދުވަން ގޮސްފައި އައީމަ ކޮޓަރިއަށް އަންނާތި" ނިމްރާ ކައި ނިންމާފައި ތަށިތައް ދޮވެ ނިންމާލުމުން އަރްސަލް ބުނެލިއެވެ.
"އަނގައިން ޖަވާބު ދީބަލަ" ނިމްރާ ބޯޖަހާލުމުން އަރްސަލް ބުނެލިއެވެ. އެހެންނަމަވެސް އެ އަޑުގައި ހަރުކަށިކަމެއްނެތެވެ.
"ލައް.. ލައްބަ" ނިމްރާގެ އަޑު އައީ ކުރެހިގެންނެވެ. ރޯގާގެ އަސަރު އޭނާއަށް ކޮއްފައި ހުރި ކަހަލައެވެ.
"ދެން ދޭ" އަރްސަލް ބުނެލިއެވެ. ޖަވާބެއް ނުދީ ނިމްރާ އެތެރެއަށް ގޮސް ގެއްލުނީއެވެ. އަރްސަލް މޭޒު ދޮށުގައި އިރުކޮޅު އިންގޮތަށް އިނީއެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ބިއްލޫރިތަށި ނަގައި އެންމެ ފަހު ޖޫސްފޮދު ބޯލާފައި ތަށި ގެނެސް ސިންކަށް ލިއެވެ. އަދި އޭނާ ވެސް އައިސް ވަނީ ކޮޓަރިއަށެވެ.
* * * *
ފަތިހު ފަތިސް ނަމާދަށް ދާން ރާދިން ނުކުތް އިރު ގޭތެރެ އޮތީ ހިމޭންކަމުގެ ތެރޭގައެވެ. އަރްސަލްގެ ކޮޓަރިއަށް ވަދެ އޭނާއަށް ދެފަހަރަކު ގޮވާ ވެސް ލިއެވެ. އަރްސަލް ނުހޭލާނޭކަން އެނގުމުން ރާދިން މިސްކިތަށް ދިއުމަށް ނުކުތީއެވެ. އޭރު ރޭ ދަންވަރުން ފެށިގެން ނިމްރާ އޮތީ ނިންޖަކަށްވާ ކަހަލަ ނިންޖެއް ނުނިދިފައެވެ. ކުޑަކޮށް ނިދިލާއިރަށް އޭނާއަށް ހޭލެވެނީއެވެ. އަދި އަވަހަށް ފޯނުން ގަޑި ބަލާލެވެއެވެ. އަރްސަލް ތެދުވާ އިރަށް ހޭނުލެވި ދާނޭތީ އެކަމާ އޭނާ ހާސްވެފައި ހުރި ވަރުން ރަނގަޅަށް ނުނިދުނީއެވެ. ހިސާބެއްގެ ވަރުބަލިކަމެއް ހުއްޓެއްކަމަކު އެހާ ފަތިހާ ފެންވަރާލުމުން މީހާ ތާޒާވިއެވެ. ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ދޫކޮށްހުރި ޖީންސް ލުމަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓިލާ ނިމްރާގެ އިސްތަށިގަނޑު އަތުން ރީތިކޮއްލިއެވެ. އެއްފަރާތަށް ވާގޮތަށް އަތްފުނާ އަޅަމުން ކޮޓަރިން އޭނާ ނުކުތެވެ.
ބެލްކަނީގައި ނިމްރާ މަޑުކޮއްލައިގެން ހުއްޓާ އެޕާޓްމެންޓުގެ މައިދޮރު ހުޅުވާލާފައި ރާދިން ވަނެވެ. ބެލްކަނީގެ ބިއްލޫރި ދޮރު ކެހިފައި ހުރިތަން ފެނި އޭނާ ގޮވާލީ އަރްސަލްއަށެވެ. ނަމަވެސް ބެލްކަނީގައި ހުރެފައި ގޭތެރެއަށް ވަން ނިމްރާ ފެނުމުން ނިކަން އަވަހަށް ހިނިތުންވުމެއް ބަދަލުކޮއްލިއެވެ.
"ގުޑް މޯނިންގ ޑާލިންގ" ރާދިންގެ ސަމާސާ ގޮތުގައި ބުނެލިއެވެ.
"ކޮފީ ހަދައިދެން" ނިމްރާ އަހާލިއެވެ. އެއާއެކު ރާދިން ވަރަށް އަވަހަށް ބޯޖަހާލިއެވެ.
ކޮފީ ޖޯޑު ހިފައިގެން ނިމްރާ އައިސް ސޯފާގައި އިން ރާދިންއަށް ދިއްކޮށްލިއެވެ. އެއާއެކު އޭނާ އެދުނީ އަދި އިތުރު ކޮފީތަށްޓެއް ހެދުމަށެވެ. ނިމްރާ ދެވަނަ ކޮފީ ތަށްޓެއް ހިފައިގެން އައުމާއެކު ރާދިން ސޯފާގައި އޭނާގެ ކައިރީ އަތުން ޖަހާލިއެވެ.
"އިޓްސް ފޯ ޔޫ ޑާލިންގ... އާދޭ ދެ މީހުން ކޮފީ ބޯން" ރާދިން ބުނެލިއެވެ. ޔަގީންނުވެފައި ހުރެ ވެސް ނިމްރާ އައިސް ސޯފާގައި އިށީނެވެ. ހޫނު ކޮފީތަށިން އެތި ފޮދެއް ބޯލުމާއެކު ކޮފީގެ ރަހަ އަރުތެރެއިން މުޅި ހަށިގަނޑަށް ވެރިވެގެންދިޔަ ކަހަލައެވެ. ސިކުނޑި އިތުރަށް ހޭލައްވާލި ކަހަލައެވެ. ހިތްހަމަޖެހުމާއެކު ހިނިތުންވެލަން ނިމްރާގެ ޟަމީރު މަޖުބޫރުކުރި ކަހަލައެވެ.
"މީރު ދޯ" ރާދިން އަހާލިއެވެ. އެހިނދު ބޭއިޚްތިޔާރުގައި ނިމްރާއަށް ހިނިތުންވުމަކާއެކު ބޯޖަހަލާލެވުނެވެ.
ކޮޓަރިން ނުކުމެގެން އައި އަރްސަލް ފެނުމާއެކު ނިމްރާއަށް އައި ބަދަލު ރާދިންއަށް ފެނުނެވެ. އަރްސަލްއަށް ހައިރާންކަމެއް ލިބުނުހެން ހީވިޔަސް އެ އަސަރު އޭނާ ނިކަން އަވަހަށް ފޮރުވާލައިފިއެވެ. އެއާއެކު ދެން އޭނާ ނިމްރާއަށް ބަލާލީ އިންޒާރުން ފުރިގެންވީ ފަދަ ބެލުމަކުންނެވެ. އަވަސް އަވަހަށް ނިމްރާ ތެދުވިއެވެ.
"ކޮފީ ގެނޭ" އަރްސަލްގެ އަމުރުވެރި ގޮތުގައި އިއްވާލިއެވެ. އެ މަންޒަރު ބަލަން އިން ރާދިން ދެފަރާތަށް ބޯހޫރާލިއެވެ.
އަރްސަލްއާއި ރާދިން އޮފީހަށް ދަންދެން ނިމްރާ އުޅުނީ އެއްކަމެއް ކޮއްލާފައި އަނެއްކަމެއް ކޮއްލާފައެވެ. އަރްސަލްގެ ދާވެފައި ހުރި އެއްޗެހި ވެސް އޭނާ ދޮންނަން މެޝިނަށް އެޅިއެވެ. އޭނާއާ ހަވާލުވެފައި އޮތް ހުރިހާ ޒިންމާއެއް އެންމެ ރަނގަޅަށް އަދާ ކުރެވޭތޯ ނިމްރާ މަސައްކަތްކުރިއެވެ.
* * * *
ފާއިތުވެގެން ދިޔަ ހަފްތާއެއްހާ ދުވަހު ރާދިންއަށް ފާހަގަކުރެވުނީ އަރްސަލް ހުރެއްޖެނަމަ ނިމްރާ އެއްފަހަރު ވެސް ހިނިތުންނުވާ ކަމެކެވެ. އެ އަންހެންކުއްޖާ އަރްސަލްދެކެ ބިރުގަންނަނީކަމެއް ނޫނީ އަރްސަލްއަށް ކިޔަމަންވަނީކަމެއް ނޭނގެއެވެ. ނިމްރާގެ ކެއްކުމުގެ ހުނަރު މަޑުމަޑުން ރަނގަޅުވަމުންދާއިރު އެކަމާ ރާދިން ހިތްވަރުގެ ބަހެއް ބުންޏަސް އުފާވެރިކަމެއް ނިމްރާގެ މޫނުން ނުފެނެއެވެ. އަރްސަލް ކޮންމެ ފަހަރަކު ހީވަނީ އެ ކުއްޖާ ކާލަން ތައްޔާރުވެގެން ހުންނަ ހެނެވެ. ނޫނީ އެ އަންހެންކުއްޖާގެ އަތުން ގޯހެއް ހެދޭނޭ އިރެއްގެ އިންތިޒާރުގައި ހުންނަ މީހަކު ފަދައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ރާދިން އެންމެ އަޖައިބުވީ ނިމްރާއާ ގާތްވެލަން ރާދިން އުޅެފިނަމަ އަރްސަލް ކަޅި އަޅާލާ ގޮތެވެ. ރާދިންއަށް އެކަންވީ މަޖަލަކަށެވެ. އެހެންވެ ޖެއްސުމަށް ވެސް ނިމްރާއާ ވާހަކަދައްކަނީ ނިކަން ގާތްކޮށެވެ.
"ލަވް!... އާދެބަލަ... މިރޭ އަރްސަލްގެ ގާލްފްރެންޑް އަންނާނެ... ޔޫ އާ މައި ލަކީ ޗާމް... އެނގޭތަ؟ ވަރަށް ބޮޑު ޑީލްއެއް އެއްކޮށް ފައިނަލްކޮއް ނިންމާލެވުނީ. އެންޑް ޔޫ ނޯ ވަޓް... އެކަމުގެ ސެލެބްރޭޝަން މިރޭ އޮތީ" ސޯފާގައި އިން އަރްސަލްއަށް ވައްކަޅިން ބަލާލަމުން ރާދިން ބުނެލިއެވެ. އޭނާގެ ވާހަކަ ނުނިމެނީސް އަރްސަލް ގޮވާލި އަޑު އިވުނެވެ. ލާނެތް ގޮތަކަށް ސިއްރު ހުނުމަކުން ރާދިން ހީލިއެވެ.
"ލަވް!... މިރޭ އަހަރެންގެ ޑޭޓަށް ވާންވީނު... އަރްސަލް ހުންނާނީ އޭނާގެ ގާލްފްރެންޑް ގޮވައިގެން. އަހަރެމެން ވެސް އެކަނިވެގެން ނުވާނެއެއްނު ދޯ" ރާދިން މިހެން ބުނެ ނިމްރާގެ އަތުގައި ހިފާ ދަމާލިއެވެ. އެއާއެކު ސޯފާގައި އިން އަރްސަލް ފުންމައިގެން ތެދުވިއެވެ.
"ދެޓްސް އިނަފް ރާދު" އަރްސަލް އައިސް ރާދިންގެ އަތުގެ ތެރެއިން ނިމްރާގެ އަތް ވަކިކޮއްލަމުން ނިމްރާގެ އުނަގަނޑުގައި ހިފާ ރާދިންއާ ދުރަށް ނިމްރާ ޖައްސާލިއެވެ.
"ކޮބާތަ އަރްސަލްގެ މައްސަލައަކީ... ދޯ ލަވް... ޑޯންޓް މައިންޑް ދި ޑެވިލް... ކަމް ހިއާ ޑާލިންގ" އަރްސަލް ދުރަށް ޖައްސާލަމުން ރާދިން ނިކަން ފުޅާ ހިނިތުންވުމަކާއެކު ނިމްރާގެ އަތުގައި ހިފާލައި ގާތަށް ދަމާލިއެވެ. ވާނުވާ ނޭނގިފައި ހުރި މީހަކު ފަދައިން ދެ ޒުވާނުންގެ މެދުގައި ނިމްރާ ހުރީއެވެ. ރާދިންގެ ގާތަށް ނިމްރާ ނުގެންދެވެނީސް ކުއްލިއަކަށް އަރްސަލްގެ ވައަތް ނިމްރާގެ ފުރަގަހުން އުނަގަނޑުގައި ވަށާލުމާއެކު ކުއްލިއެއް ޖެހިއެވެ. އެހިނދު އޭނާ އައިސް ޖެހުނީ އަރްސަލްގެ މޭގައެވެ. އުނަގަނޑާ ދިމާލުން އަރްސަލްގެ އިނގިލިތައް ބާރުކޮއްލުމާއެކު ނިމްރާއަށް ހިންދިރުވާލެވުނެވެ. އަދި އިސްއުފުލާ އަރްސަލްއަށް ބަލާލެވުނެވެ.
"އައި ސެޑް އިނަފް... ޑޯންޓް ޓަޗް ހާ" އަރްސަލްގެ އަޑުގައިވި އިންޒާރު މިފަހަރު ރާދިންއަށް އެއްޗެއް ވިސްނައިދިނެވެ. އޭރު އަރްސަލްގެ މެޔާލާ ފިތިފައި ހުރި ނިމްރާ ހުރީ ނޭވާލާން ވެސް ހަނދާންނެތިފައި ހުރި ހެނެވެ.
"އަހަރެންގެ... ގާލްފްރެންޑެއް ނުހުންނާނެ" އަރްސަލްގެ ނަޒަރު މަޑުމަޑުން އައިސް ހުއްޓުނީ ނިމްރާގެ މޫނަށެވެ. ކަންބޮޑުވުން އެކުލެވިފައިވި ދެ ލޯ ބޮޑުކޮއްލިފައި ހުރިއިރު އެ ދެ ލޮލުގައިވާ ގަދަ ޗޮކުލެޓުކުލައިގެ ކަޅި ހުރީ އަރްސަލްއަށް ހުއްޓިފައި ހުރި ގޮތަށެވެ. މަޑުމަޑުން އަރްސަލްގެ މޭގައި އެއްއަތް ޖައްސާލާ ދުރަށް ޖައްސަން ނިމްރާ އުޅުނެވެ. އެހިނދު ހުރެވުނު ގޮތް އަރްސަލްއަށް ވެސް ވިސްނުނީ ދެނެވެ.
"ދޭ މިތަނުން" ނިމްރާގެ ކޮނޑުގައި ހިފައި ދުރުކޮއްލުމާއެކު ނުރުހުން އެކުލެވިފައިވި ގޮތަކަށް އަރްސަލް އަމުރު ކުރިއެވެ. ހަލުވިކޮށް އެތެރެއަށް ނިމްރާ ދިޔައެވެ.
"ޔޫ ޑެވިލް... ޑާލިންގ ވެއިޓް" ރާދިން ގޮވާލިއެވެ. ނަމަވެސް ރާދިން ހުއްޓުނީ އޭނާގެ މޭގައި އަރްސަލްގެ އަތްތިލަ އައިސް ޖެހުމުންނެވެ. އެއްމިޔަކަނުން ހިނިތުންވެލުމާއެކު ރާދިން އޭނާގެ ދެއަތްތިލަ މައްޗަށް އުފުލާލިއެވެ.
"ކީފާ އައީމަ ފާޑުފާޑުގެ ވާހަކަ ދައްކާނީއެއްނޫން. އަހަރެން ބޭނުމެއްނޫން ބޮލުގަ ރިހުމެއް އުފެދޭކަށް" އަރްސަލް ބުނެލީ ކިތަންމެ އާދައިގެ ގޮތަކަށް ވިޔަސް އޭނާގެ އަޑުގައި އިންޒާރުދޭ ފަދަ ގޮތެއް ހުއްޓެވެ.
"ކީފާ... އޭނާ ހުއްޓާ އަހަރެން އެއްޗެއް ބުނާކަށް ނުޖެހޭނެ ދޯ" މާނަފުން ގޮތަކަށް ރާދިން ބުނެލިއެވެ. އަރްސަލް ދެފަރާތަށް ބޯހޫރުވާލަމުން ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ރާދިން އެތެރެއަށް ދާން އުޅުމުން އޭނާގެ ޓީޝާޓުގައި ފުރަގަހުން އަރްސަލް ހިފިއެވެ.
"އެތެރެއަށް ދާނެކަމެއްނެތް... އާދޭ އަހަންނާއެކު" އަރްސަލް މިހެން ބުނުމާއެކު ރާދިން ނިކަން ބާރަށް ހޭންފެށިއެވެ. އޭނާގެ ޓީޝާޓުގައި ހިފާ ދަމާލަމުން އަރްސަލްއާއެކު ރާދިން ގެންދިޔައެވެ.
"އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ތަފްސީލު އެކަކަށް ވެސް ދޭކަށް ނުޖެހޭނެ... ޝިޓް... އޭނާ ގާތުގައި އެހެން ބުނެވުނީމަ ހީކުރާނީ ކީކޭ، ހުރިހާ ވެސް ކަމަކީ ރާދުގެ ކަންތައް... ރާދު ޖެހޭތަ ފްލާޓްކުރަން އަހަރެންގެ ސްކާލެޓް... ވަޓް!... އަހަރެން ކީކޭ މި ކިޔަނީ... އައި ހޭޓް ހާ... ހޭޓް ހާ... ޖަސްޓް ހޭޓް ހާ" އަރްސަލް އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އޭނާއަށްވާ ގޮތެއް ޚުދު އޭނާއަށް ވެސް ނޭނގޭ ކަހަލައެވެ. ރުޅި އައިސްގެން ނިމްރާއަށް ގޮތެއް ހަދަން އަރްސަލްގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ. ހަމައެއާއެކު އެ އަންހެންކުއްޖާއަށް ކަމެއް ވެދާނޭތީ ވެސް އޭނާއަށް ބައެއްފަހަރު ވިސްނެއެވެ.
އިރު އޮއްސި އަނދިރިވަމުންދިޔަ އުދަރެހަށް ބަލަން ބެލްކަނީގެ ވަށައިގެންވި ހޮޅީގައި އަތްއަޅުވާލައިގެން އަރްސަލް ހުއްޓެވެ. އަރްސަލްގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ރާދިން ބަލަމުންދިޔައެވެ. އޭނާގެ ސަމާލުކަން އަތުލީ ފޯނަށް އައި މެސެޖެއެވެ.
"އަރްސަލް!... ބައްޕަ..." ހާސްވެފައި ހުރި ރާދިންގެ ވާހަކަ ހުއްޓުވީ އަރްސަލްއެވެ.
"އެމީހާގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން" އަރްސަލް ބުނެލިއެވެ. އަދި އެތެރެއަށް ވަންނަން އައެވެ. ރާދިން ފޯނުން މީހަކަށް ޑައަލް ކުރިއެވެ.
"މުއްތުބެ!... ކޮންއިރަކު ބައްޕަ ވެއްޓުނީ؟... އަޅުގަނޑު... މިދަނީ... ހަމަ މިހާރު މިދަނީ" ހާސްވެ ކަންބޮޑުވެފައި ހުރެ ރާދިން ފޯނުން މުއްޠަލިބު ގާތުގައި ބުނެލިއެވެ. އަދި ހަލުވިކޮށް އެތެރެއަށް އައިސް ވަނެވެ.
"އަރްސަލް... ޔޫ ހޭވް ޓު ގޯ... އަހަންނާއެކު ހިނގާ ދާން... ބައްޕަ ވެއްޓިގެންނޭ އުޅެނީ. ޕްލީޒް އަރްސަލް" ރާދިން އައިސް އަރްސަލްގެ ކޮޓަރިއަށް ވަދެ އެނދުގައި އިން އަރްސަލްގެ ގާތުން އާދޭސް ކުރިއެވެ.
"އެ މީހާއަކީ އަހަރެންގެ ބައްޕައެއްނޫން... ރާދުއަށް އެއީ ބައްޕައަކަށް ވިޔަސް އަހަރެން ދުވަހަކުވެސް އެ މީހާއަށް ބައްޕައެއް ނުކިޔާނަން. އެ މީހާގެ ގާތަށް ރާދު ދާން ބޭނުމިއްޔާ ދާންވީ... އަހަރެން ދުވަހަކުވެސް މަނައެއް ނުކުރަމެއްނު" އަރްސަލްގެ ވާހަކަތަކުން ރާދިންގެ ހިތަށް އަސަރުކުރިއެވެ.
"ބައްޕައަކީ ގޯސް މީހެއްނޫން... އަހަރެން... އަހަރެން ވަރަށް ދެރަވޭ ބައްޕައާއި އަރްސަލް ދުރުގައި އުޅޭތީ. އެކަކު އަނެކަކަށް މަޢާފު ކުރާނޭ ފުރުޞަތެއް ނުލިބި އަރްސަލްއާއި ބައްޕަ މި ދުނިޔެއިން ވަކިވެގެން ހިނގައިދާނޭތީ އަހަރެން ދެރަވޭ. އަރްސަލް ވާހަކަ ނުދެއްކިޔަސް އެންމެ ރަނގަޅު. އެކަމަކު އަހަންނާއެކު ހިނގާ. ދުރުގައި ހުރެލިޔަސް ބައްޕައަށް ފުދޭނެ... ޕްލީޒް... މީ ދެކޮޅު ހަދަންވީ ވަގުތެއްނޫން" ރާދިންއަށް ދެއަތް ޖޯޑުކޮއްލެވުނެވެ. އޭނާ ހުރީ ބިލާލުގެ ހާލާ މެދު އިންތިހާއަށް ކަންބޮޑުވެފައެވެ.
"ނުދާނަން" އަރްސަލް ގޮތްދޫނުކޮށް ބުނެލިއެވެ. އެކަމުގެ ސަބަބުން ރާދިންގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. ނަމަވެސް އޭނާ އަނގަޔަކުން ނުބުންޏެވެ. ދަތްކުނޑިވިކާލުމާއެކު ހަރުކޮށް ހިނގާފައި އެ ކޮޓަރިން ނުކުމެ ބާރަށް ދޮރު ޖެހިއެވެ.
"އަރްސަލްއަށް ބައްޕަގެ ހަޤީޤަތް އެނގޭ ދުވަހު ކަރުނައަޅާނޭކަން އަހަންނަށް ޔަގީން... ކޮންމެ ބިޑެއްގައި ބައްޕަ ބައިވެރިވިޔަސް އަރްސަލްއަށް ދޫކޮއްލަނީ... ކޮންމެހެން އަރްސަލްގެ ހުށަހެޅުން މޮޅުވެގެންނެއްނޫން... އަރްސަލްއަށް ނޭނގުނަސް އަހަރެމެންގެ ވިޔަފާރީގައި ބައްޕަގެ ޚިއްޞާ ވަރަށް ބޮޑު. ހުރިހާ ކަމެއް ބައްޕަ އެ ކުރަނީ ފަރުދާގެ ފުރަގަހުގައި ހުރެ. އަހަންނަށް އެނގޭ އެހާ ފަސޭހައިން ހުރިހާކަމެއް އަހަރެމެންނަށް ހަމަޖެހުން އެ ދަނީ ބައްޕަގެ އަތެއް ކޮންމެ ކަމެއްގައިވާތީކަން. އަރްސަލްއަށް ވިސްނޭނެނަމަ... ބައްޕަ ވެސް ހުރިހާ ވާހަކައެއް ކިޔައިދޭނަމަ" ކާރު ދުއްވަމުންދިޔަ ރާދިން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
ކާރު ޕާކުކުރުމަށްފަހު ހަލުވިކޮށް އައިސް ހ.ޕްރިމްރޯޒް ގޭޓުން އެތެރެއަށް ރާދިން ވަނެވެ. ޕޯޓިކޯގެ ހަރަތްތަކުން ދުވެފައި އަރައިގެން އައިސް ބޮޑުކޮޓަރިއަށް އޭނާ ވަނެވެ. ތަނުގައިވަނީ ހަމަހިމޭންކަމެވެ. މަޑުކުރުމެއްނެތި އެއްފަރާތުގައި ފެންނަން ހުރި ސިޑިން ދުވަމުން ރާދިން އެރިއެވެ. ފުރަތަމަ ފަންގިފިލާއަށް އާދެވުނު އިރު ބިލާލުގެ ކޮޓަރި ކައިރީ ހުރި ޒުވާނާ ރާދިންއަށް ފެނުނެވެ.
"ހަލަފް" ރާދިން ގޮވާލިއެވެ. އެއާއެކު އެ ޒުވާނާ އައިސް ރާދިންގެ ގައިގާ ބައްދާލައިފިއެވެ.
"ރާދުބެ! ޔޫ އާ ބެކް" ރާދިން ފެނުމުން އާދަޔާ ޚިލާފު އުފާވެރިކަމެއް ހަލަފްއަށް ލިބިގެންދިޔައެވެ.
"ބައްޕަ" ރާދިން ބުނެލިއެވެ.
"މުއްޠުބެއާއި އާނާދައްތަ އެބައުޅޭ... މަންމަ ވަރަށް ހާސްވެފައި ހުރީ. ބީޕީ ވެސް ޝުގާ ވެސް ވަރަށް މަތި، ކޮބާ ދޮންބެ؟" ހަލަފް އޮޅުން ފިލުވާދެމުން ރާދިންގެ ފަހަތް ހޯދާލިއެވެ.
"ނާދޭ ދޯ..." ރާދިންގެ ފަހަތުން އެކަކު ވެސް ނުފެނުމުން ހަލަފް ބުނެލީ ނާއުންމީދުވެފައި ހުރެއެވެ. (ނުނިމޭ)