ހޮލީވުޑް

"އެވެންޖާސް 4" އަށްފަހު ކްރިސް އީވަންސް ރިޓަޔާވަނީ

މާވެލް ސިނެމަޓިކް ޔުނިވާސްގެ އެންމެ މަގުބޫލު އެއް ސުޕަހީރޯ "ސްޓީވް ރޯގާސް" (ކެޕްޓަން އެމެރިކާ) ގެ ރޯލުން ކްރިސް އީވަންސް ރިޓަޔާވާން އުޅޭކަން އޭނާ ކަށަވަރުކޮށްދީފަ އެވެ. ރިޓަޔާވާން އުޅޭކަން އޭނާ ކަށަވަރުކޮށްދިނީ ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގަ އެވެ.

ކްރިސް ރިޓަޔާވާނީ މާވެލްގެ ފިލްމު ސީރީޒް، "އެވެންޖާސް" ގެ ހަތަރު ވަނަ ފިލްމަށްފަހު އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

ކެޕްޓަން އެމެރިކާގެ ރޯލުން ކްރިސް އެންމެ ފުރަތަމަ ފެނިގެންދިޔައީ މާވެލް އިން 2011 ވަނަ އަހަރު ނެއްލި އެވެންޖާސްގެ ފުރަތަމަ ފިލްމު "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާސް" އިންނެވެ. އަންނަ މަހު 27 ގައި ރިލީޒްކުރާ އެވެންޖާސްގެ ތިން ވަނަ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގައިވެސް ކްރިސް ފެނިގެންދާނެ އެވެ.

މިހާތަނަށް މާވެލް އިން ރިލީޒްކުރި ފަސް ފިލްމެއްގައި ކްރިސް މަސައްކަތްކޮށްފައިވެ އެވެ. އެއީ ކެޕްޓަން އެމެރިކާ ފިލްމު ސީރީޒްގެ ތިން ފިލްމަކާއި އެވެންޖާސް ފިލްމު ސީރީޒްގެ ތިން ފިލްމެއްގަ އެވެ. މޭވަލްއާއެކު ކްރިސް އެއްބަސްވެފައި އޮތީ ހަ ފިލްމެއްގައި މަސައްކަތްކުރުމަށެވެ. ނަމަވެސް އަންނަ އަހަރު ރިލީޒްކުރާ އެވެންޖާސްގެ ހަތަރު ވަނަ ފިލްމުގައި މަސައްކަތް ކުރުމަށް އެބަސްވުން ވަނީ ބަދަލުކޮށްފަ އެވެ.

މި ފިލްމުތަކުގެ އިތުރަށް މާވެލްގެ އެހެން ފިލްމުތަކުގައިވެސް ކްރިސް ވަނީ ކެޕްޓަން އެމެރިކާގެ ކެމިއޯ ރޯލުތަކުން ފެނިގެންގޮސްފަ އެވެ.

އެވެންޖާސްގެ ހަތަރު ވަނަ ފިލްމަށްފަހު މިހާރު އެ ސްޓޫޑިއޯގެ ސުޕަހީރޯ ފިލްމުތަކުން ފެނިގެންދާ ގިނަ ތަރިންތަކެއް ރިޓަޔާވާނެ ކަމަށް ވާހަކަދެކެވެ އެވެ. ނަމަވެސް ކްރިސް ފިޔަވާ އިތުރު ތަރިއަކު ރިޓަޔާވާނެ ހަބަރު އަދި ކަށަވަރެއް ނުވެ އެވެ.