ދިވެހި ސިނަމާ

އަމްޖޭގެ "ރޭވުމުން" ޕްރިމިއާކޮށްފި

ކުޅަދާނާ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ބިރުވެރި ފިލްމު "ރޭވުން" ޕްރިމިއާކޮށްފި އެވެ.

ރޭ އޮލިމްޕަހުގައި އޮތް ހާއްސަ ހަފްލާއެއްގައި މި ފިލްމު ޕްރިމިއާ ކޮށްދެއްވީ މަޝްހޫރު ލަވަކިޔުންތެރިޔާ އޮގަރު ވަހީދު އެވެ. ޕްރިމިއާގައި ފިލްމު ކާސްޓާއި ކުރޫގެ ގިނަ މެމްބަރުން ބައިވެރިވެފައިވެ އެވެ.

މި ފިލްމަކީ އަމްޖޭގެ 52 ވަނަ ފިލްމަށްވާއިރު، މި ފިލްމަކީ 2011 ވަނަ އަހަރު ނިކުތް އަމްޖޭގެ ފިލްމު "ހިތޭދޭމީ" އަށްފަހު ނިކުތް ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ލީޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ތަރި ނާއިފާ އަޒޫރު (ނާ) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހިމެނެނީ މަރިޔަމް ޝަކީލާ، މުހައްމަދު ޝާޒް (ތަޖޫބެ) އާއި ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) އެވެ.

މުޖުތަމައުގައި ހިނގާ ބޮޑު މައްސަލައެއްގެ މައްޗަށް އަލިއަޅުވާލާފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ވެސް ތައްޔާރުކުރީ އަމްޖޭ އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އަމްޖޭ އާއެކު ޝާޒް އަދި މަނިކު އެވެ. މި ފިލްމަކީ އަމްޖޭގެ އަމިއްލަ ޕްރޮޑަކްޝަން ޖޭޒް ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ނިކުތް ފިލްމެކެވެ.

ކެމެރާކުރުމުގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާ އެނބޫ) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކޮށްފައި ވަނީ އަހުމަދު ޒިޔާ އެވެ. ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ މިއުޒިކްގެ މަސައްކަތްކުރީ ހުސައިން ސޮބާހު އެވެ.

މި ފިލްމުގެ ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.