ހާފް މެރެތޮން ރޭހުގައި ރާއްޖޭގެ މިހާރު އެންމެ ކާމިޔާބު ދެ އެތުލީޓުން ކަމަށްވާ މަރުޔަމް އަބްދުލް ކަރީމް (މަރީ) އާއި ޝިފާޒު މުހައްމަދު، އެ ކެޓަގަރީގައި ދެ އެތުލީޓުން ހަދާފައިވާ ގައުމީ ރެކޯޑްތައް އާ ކޮށްފި އެވެ.
ސްޕެއިންގެ ވެލެންސިއާގައި ބޭއްވި ދުނިޔޭގެ ހާފް މެރެތޮން ޗެމްޕިއަންޝިޕްގައި، މަރީ ރެކޯޑް ހެދީ 1:33:37 (އެއް ގަޑި 33 މިނެޓް 37 ސިކުންތުން) އެވެ. އޭނާގެ ކުރީގެ ރެކޯޑަކީ މިދިޔަ އަހަރު ޖުލައި ދެ ވަނަ ދުވަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓްގައި ދުވެގެން ހެދި ރެކޯޑެކެވެ. އޭރު މަރީ ރޭސް ނިންމީ 1:34:24 (އެއް ގަޑި 34 މިނެޓް 24 ސިކުންތުން) ހެދި ރެކޯޑެކެވެ.
މަރީ41 ގެ ކުރިން އެ ރެކޯޑް އެއް ވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދު އަތުގަ އެވެ. ޝަމްހާ މި ރެކޯޑް ހެދީ މާރިޗް 30، 2014 ގައި ބައިނަލްއަގްވާމީ އެތުލެޓިކްސް ފެޑްރޭޝަންގެ ހާފް މެރަތޮންގައި ދުވެ، އެއް ގަޑި 42 މިނެޓުން ރޭސް ނިންމައިގެން ނެވެ.
މަރީ ވަނީ 2016 އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދާފަ އެވެ. މިދިޔަ އަހަރު މަރީ ވަނީ ކޭއެޗް އެކެޑަމީގައި ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމު (ކުޑަ ހުސައިންގެ) ކޯޗު ކަމުގެ ދަށުން ޓްރެއިނިންތައް ކުރިއަށް ގެންދަން ފަށާފަ އެވެ.
އޭނާ ވަނީ މިދިޔަ މަހު އަވަށްޓެރި ލަންކާގައި ބޭއްވި ކޮލަމްބޯ މެރޮތޮންގެ 10 ކީލޯ މީޓަރުގައި ވާދަކޮށް ރިހި މެޑަލް ހޯދާފަ އެވެ.
ފިރިހެނުންގެ އިވެންޓްގައި ދުވެ، ޝިފާޒު ގައުމީ ރެކޯޑް ހެދީ 1:14:23 (އެއް ގަޑި 14 މިނެޓް 23 ސިކުންތުން) ރޭސް ނިންމައިގެންނެވެ. އޭނާގެ ކުރީގެ ރެކޯޑަކީ، މިދިޔަ އަހަރުގެ މެއި 21 ވަނަ ދުވަހު ކޭއެލް މެރެތޮންގައި ދުވެގެން ހެދި ރެކޯޑެކެވެ. އެފަހރު އޭނާ ރޭސް ނިންމީ 1:14:48 (އެއް ގަޑި 14 މިނެޓް 23 ސިކުންތުންނެވެ.
މަރީ އާއި ޝިފާޒު ވަނީ މިދިޔަ އަހަރު ދިރާގު ރޯޑް ރޭހުގައި ވާދަ ކޮށް، ފަސް ކީލޯމީޓަރުގެ ރެކޯޑް މުގުރާލާފަ އެވެ. ފަސް ކީލޯމީޓަރުގެ ރޭހުން، ޝިފާޒު ގައުމީ ރެކޯޑް ހެދީ، 16:15 (ސޯޅަ މިނެޓް 15 ސިކުންތު)އިން ރޭސް ނިންމައިގެންނެވެ.