ހޮލީވުޑް

އެންމެ ވިޔަފާރީ ރަނގަޅު ސުޕަހީރޯ ފިލްމަކަށް "ބްލެކް ޕެންތާ"

ވޯލްޓް ޑިޒްނީ އަދި މާވެލް ސްޓޫޑިއޯސް ގުޅިގެން ގެނެސްދިން ފިލްމު "ބްލެކް ޕެންތާ" އަކީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ސުޕަހީރޯ ފިލްމަށް ވެއްޖެ އެވެ.

ރަޔަން ކޫގްލާ ޑައިރެކްޓުކުރި މި ފިލްމު އެ މަގާމު ދިފާއުކުރީ ކުރިން އެ މަގާމުގައި އޮތް މާވެލްގެ ފިލްމު "ދި އެވެންޖާސް" ފަހަތަށް ޖައްސާލުމަށްފަހު އެވެ. ދި އެވެންޖާސް އެ މަގާމުގައި އޮތީ 623 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެވެ. ބްލެކް ޕެންތާއަށް ހޮނިހިރު ދުވަސް ނިމުނުއިރު ޖުމްލަ 630 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

ބެލްކް ޕެންތާ އިން މިހާ ބޮޑު ކާމިޔާބީއެއް މި ހޯދީ އެންމެ 36 ދުވަހުގެ ތެރޭގަ އެވެ. މި ކާމިޔާބީއައެކު ބެލެކް ޕެންތާއަކީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި 600 މިލިއަން ޑޮލަރު ހޯދި ހަތް ވަނަ ފިލްމުވެސްމެ އެވެ. މިދިޔަ ފެބްރުއަރީ މަހު 16 ގައި މި ފިލްމު ރިލީޒްކުރި ހިސާބުން ފެށިގެންވެސް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން މި ފިލްމަށް މިހާރު 1.2 ބިލިއަންއަށްވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން މި ފިލްމަށް ލިބުނު އާމްދަނީ "އަޔަން މޭން 3" (1.214 މިލިއަން ޑޮލަރު) އަށްވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.

އެއާއެކު މި ފިލްމު ވެގެން އަންނާނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ކޮމިކް ބުކް އެޑަޕްޓޭޓެޑް ފިލްމަށެވެ. މިހާރު އެންމެ ކުރީގައި އޮތީ ދި އެވެންޖާސް (1.5 ބިލިއަން ޑޮލަރު) އަދި "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" (1.4 ބިލިއަން ޑޮލަރު) އެވެ.

މި ފިލްމަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހުން ހިމެނޭ ގޮތަށް އެންމެ ބޮޑު ބަޖެޓަކާއެކު މިހާތަނަށް ތައްޔާރުކުރި ފުރަތަމަ ފިލްމެވެ. ފިލްމު ލީޑުން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ޗެޑްވިކް ބޯސްމެން އާއި މައިކަލް ބީ ޖޯޑަން އާއި ލުޕިތާ ޔޯންގޯ އާއި މާޓިން ފްރީމެން އަދި ޑެނިއެލް ކަލުއްޔާ އެވެ.

ފިލްމުގެ ލީޑުން ފެނިގެންދާ "ބްލެކް ޕެންތާ" ގެ ކެރެކްޓާ ޓީ ޗާލާ، މާވެލްގެ ބެލުންތެރިންނަށް އެންމެ ފުރަތަމަ ތައާރަފުވީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ. ކުރިއަށް އޮތް މާވެލްގެ ފިލްމު "އެވެންޖާސް އިންފިނިޓީ ވޯ" ގައިވެސް އޭނާ ފެނިގެންދާނެ އެވެ.