މަޝްހޫރު އިނގެރޭސި ޅެންވެރިޔާ އަދި ލިޔުންތެރިޔާ ވިލިއަމް ޝެކްސްޕިއާގެ ތަމްސީލުތަކަށް ޓީވީ ސީރީޒެއް އުފެއްދުމަށް ހޮލީވުޑްގެ މަގުބޫލު އެކްޓްރެސް މާގޮޓް ރޯބީ ނިންމައިފި އެވެ.
މާގޮޓް ޕްރޮޑިއުސްކުރާ މި ސީރީޒްއަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ލަކީކެޕް އެންޓަޓެއިންމަންޓް އާއި އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިން ކުންފުނި ހޫޑްލަމް އަދި އޭބީސީ ސްޓޫޑިއޯސް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ ސީރީޒްއެކެވެ.
ޖުމްލަ 10 އެޕިސޯޑު ހިމެނޭ މި ސީރީޒްގެ ކޮންމެ އެޕިސޯޑެއް ހާއްސަކޮށްފައި ވާނީ ޝެކްސްޕިއާގެ ތަފާތު ތަމްސީލަކަށެވެ. މި ސީރީޒްގައި ސެކްޝިޕިއާގެ ތަމްސީލުތައް ގެނެސްދޭނީ އަންހެނެއްގެ ނަޒަރިއްޔާތުންނެވެ. ތަމްސީލުތައް ސީރީޒެއްގެ ގޮތުގައި ގެނެސްދޭނީ މި ޒަމާނާ އެއްގޮތަށް ފައްތައިގެންނެވެ.
މި ސީރީޒްގެ ސްކްރިޕްޓާއި ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތައް ކުރާނީ އަންހެން ފަންނާނުންނެވެ. އޭގެ ތެރޭގައި ގިނަ އިން ހިމެނެނީ މި ދާއިރާއަށް މުޅިން އާ މީހުންނެވެ. މިއަހަރު ފަހުކޮޅު ޝޫޓުކުރަން ނިންމާފައިވާ މި ފިލްމު ޝޫޓުކުރާނީ އޮސްޓްރޯލިއާގަ އެވެ.
"އަހަރެމެން މިތިބީ މި މަސައްކަތައް ވަރަށް ކެތްމަދުވެފަ. އޮސްޓްރޭލިއާގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މި ސީރީޒް ގެނެސްދޭއިރު މި މަސައްކަތާއެކު އޮސްޓްރޭލިއާގެ ފިލްމު އަދި ޓީވީ އިންޑަސްޓްރީގައި ތިބި ފަންނާނުންގެ ހުނަރުވެރިކަމާއި މޮޅުކަން އިގިގެންދާނެ." ލަކީކެޕް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"ދަ ވުލްފު އޮފް ވޯލް ސްޓްރީޓް" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓްރެސް މާގޮޓް ރޯބީއަކީ ޖެހިލުމެއްނެތި ތަފާތު މަސައްކަތްތަކުގައި ބައިވެރިވާ އެކްޓްރެއްސެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މާގޮޓް ވަނީ ފިލްމު "ސުއިސައިޑް ސްކޮޑް" ގައި ހާލީ ކުއިންގެ ރޯލު ކުޅެފަ އެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް މާގޮޓްގެ ރޯލަށް އާންމުންގެ ބޮޑު ތައުރީފެއް ލިބުނެވެ.
މާގޮޓްގެ އަމިއްލަ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ނެއްލި ފިލްމު "އައި، ޓޮންޔާ" ގައި އޭނާ ދެއްކި އެކްޓިންގްއަށް ބެސްޓް އެކްޓާ ފީމޭލްގެ ކެޓަގަރީން އޭނާ އޮސްކާއަށް ނޮމިނޭޓުވެސްވެފައިވެ އެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މެއި މަހު 11 ގައި ރިލީޒްކުރާ ފިލްމު "ޓާމިނަލް" އަށެވެ. ޑާކް ތްރިލާ އެ ފިލްމަކީވެސް މާގޮޓް އެކްޓުކުރާ އަދި ޕްރޮޑިއުސްކުރާ ފިލްމެކެވެ.