އަހަރުގެ މިހާ ހިސާބަކީ ވަރަށް ހޫނު ގަދަ ދުވަސްކޮޅެކެވެ. މީހާ ހައިޑްރޭޓެޑްކޮށް ހުރުމަށްޓަކައި ގިނައިން ދިޔާ އެއްޗެހި ބޯން ޖެހޭނެ އެވެ. މިހެން ބުނުމުން ގިނަ ފަހަރަށް މީހުން ހަމައެކަނި ވިސްނާނީ ގިނައިން ފެން ބުއިމަށެވެ. ގިނައިން ފެންވެސް ބޯންޖެހޭނެ އެވެ. އެކަމަކު ފެނުގެ އިތުރަށް ހަށިގަނޑަށް ފައިދާ ކުރާނެ ތަފާތު ބުއިންތައް ވެސް ބޭނުން ކުރުން މުހިންމެވެ.
ކެއުމަށް ނުވަތަ ބުއިމަށް އިހްތިޔާރުކުރާ އެއްޗެއްގެ ސަބަބުން މީހާ ހަށިގަނޑުގައި ފެން ރައްކާކުރާ މިންވަރަށް ބަދަލު އަންނާނެ އެވެ. ހަށިގަނޑަށް ފައިދާކުރާނެ ބުއިންތައް ބުއިން މުހިންމު ވަނީ މިހެންވެ އެވެ.
ދިޔާ އެއްޗެހި ބޯންވީ ކެއުމާއެކު ހެއްޔެވެ؟
ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ ދިޔާ އެއްޗެހި ބޯންވީ ކެއުމާއެކު ހެއްޔެވެ. ނުވަތަ ވަކިން ހެއްޔެވެ. ކޮންމެ ގޮތަކަށް ބޭނުން ކުރުމުން ވެސް އެއަކު މައްސަލައެއް ނެތެވެ. އެކަމަކު ކެއުމާއެކު ދިޔާ އެއްޗެހި ބޭނުން ކުރާއިރު މާ ގިނައިން ފެން ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ފިނި ބުއިންތައް ބޭނުންކުރާއިރު ވެސް ސަމާލުވާންޖެހޭނެ އެވެ. ސަބަބަކީ ކެއުމާއެކު މާ ގިނަ އިން ފެނާއި ފިނި ބުއިންތައް ބޯ ނަމަ ގޭސްޓްރިކް އުފެދި ކާއެއްޗެހި ހަޖަމުވުމަށް ދަތިތަކާއި ކުރިމަތިވާނެތީ އެވެ.
ގޭސްޓްރިކް އުފެދޭނަމަ ލުނބޯ ހުތު ފަނި ގިރައިގެން ބުއިން ރަނގަޅުވާނެ އެވެ. ލުނބޯ ހުތު ފަނި ބުއިމުން ހަށިގަނޑުގައި ހުންނަ ދަގަނޑާއި ކެލްސިއަމްގެ ބާވަތްތައް އިތުރަށް ވަރުގަދަ ކޮށްދޭނެ އެވެ.
ބޭނުންކުރަންވީ ކިހާ މިންވަރެއް
އާންމުގޮތެއްގައި މީހާގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާނީ ދޭއް ނުވަތަ 2.5 ލީޓަރުގެ ފެނެވެ. އެއީ 8 ނޫނީ 10 ތަށި ފެނެ އެވެ. ފެން ނުވަތަ ދިޔާ އެއްޗެހި ހަށިގަނޑަށް ބޭނުންވަނީ ހަމައެކަނި ކަރު ހިއްކާތީއެއް ނޫނެވެ. ހަށިގަނޑު ހުންނަ ކެލޮރީތައް ހަކަތައަށް ބަދަލު ކުރުމަށް ދިޔާ އެއްޗެހި ބޭނުންވެ އެވެ. އެއް ކެލޮރީ ހަކަތައަށް ބަދަލުވުމަށް އެއް މިލިލީޓަރުގެ ދިޔާ އެއްޗެހި ހަށިގަނޑަށް ބޭނުންވެ އެވެ. ނަމަވެސް މިއީ ފިނިހޫނު މިނަށް އަންނަ ބަދަލުތަކާއެކު ބަދަލުވާ އެއްޗެކެވެ.
ފެން މަދުން ބޭނުން ކުރާނަމަ ކަރު ހިތްކުމާއި، ބޮލަށް އެނބުރުން އެރުމާއި ގައިން ބާރު ދިއުމާއި އަދި އަބަދުހެން މީހާ ވަރުބަލިކަން މަތީ ހުރުމަށް މެދުވެރިވާނެ އެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދިޔާ ތަކެތި ނުލިބޭނަމަ ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގެ ތަފާތު އެކި ކަހަލަ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.
ކުޅިވަރު ކުޅޭ މީހުންނާއި ބުރަ މަސައްކަތްތައް ކުރާ މީހުން އަދި ކުޑަކުދިން ދިޔާ އެއްޗެހި ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. ބަރުދަން ލުއިކުރުމަށް ޑައިޓުތައް ކުރާ މީހުންނަށް ކެލޮރީ މަދުން ހުންނަ ދިޔާ އެއްޗެހި ބޭނުންވާނެ އެވެ. ކިޑްނީ އާއި ހިތުގެ ބަލިތައް ތަހައްމަލުކުރާ މީހުން ގަވާއިދުން ފެނާއި ދިޔާ އެއްޗެހި ބޭނުން ކުރަންޖެހޭނެ އެވެ.
އެންމެ ރަނގަޅީ ކޮން ބުއިންތަކެއް؟
ތަފާތު ތަރުކާރީ އަދި މޭވާތައް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ބުއިންތަކަކީ ހަށިގަނޑަށް ރަނގަޅު ބުއިންތަކެކެވެ. ރަންބުސްތާނާއި ކަރާއާއި އަނބާއި ކާށި އަދި ލުނބޯ ހުތު ފަނީގެ އިތުރުން ހާބަލް އަކީ އިލެކްޓްރޯލައިޓްސް އާއި މިނަރަލާއި އަދި އެންޓިއޮކްސިޓެންޓުގެ ބާވަތްތަކުން މުއްސަނދި އެއްޗެއްސެވެ. މި ބާވަތްތަކަކީ ގިނަ ބަލިތަކަކުން ހަށިގަނޑު ދިފާއު ކޮށްދޭ މާއްދާތަކެކެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ފެހި ކުލަ ހުންނަ ތަރުކާރީ ނުވަތަ ފަތް ކެވިދާނެ އެވެ. ކެބެޖާއި ލެޓިއުސް، ކޮރިއެންޑާ އަދި މި ނޫންވެސް ފެހި ކުލައިގެން ފަތް ކެއުން ރަނގަޅެވެ.