ކުޅިވަރު

ދެ އަހަރަށްފަހު ބަކާ އަލުން ގައުމީޓީމަށް

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ގައުމީ ޓީމުގެ ކުރީގެ ވައިސްކެޕްޓަން މުހައްމަދު އާރިފް (ބަކާ) އަށް ގައުމީ ޓީމުން ޖާގަ ދީފި އެވެ.

ސިންގަޕޫރާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުން ފުރުސަތު ދީފައި ނުވާ، ހަސަން ނާއިޒު (ދާދު) ވެސް ވަނީ އަލުން ގައުމީ ސްކޮޑުން ޖާގަ ދީފަ އެވެ.

ބަކާ އަށް އެންމެ ފަހުން ގައުމީ ޓީމުން ޖާގަ ދީފައި ވަނީ، އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ނިއުޒިލޭންޑްގެ ރިކީ ހާބަޓް، ބަކާ އަށް ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން ޖާގަ ދިން ނަމަވެސް، ފަހުން އޭނާގެ ސްކޮޑުން ބަކާ އަށް ފުރުސަތު ދީފައެއް ނުވެ އެވެ.

ފަހުން ރާއްޖޭގެ ކޯޗް ކަމަށް ހަމަޖެއްސި އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓްގެ ސްކޮޑުންވެސް ބާކާ އަށް ޖާގަ ދީފައި ނުވެ އެވެ. ޓީސީން ފުރަތަމަ ޑިވިޝަންގައި ދާދު ވާދަ ކުރަން ފެށީ 2015 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން އަނިޔާގައި ނެތް ނަމަ، ދާދު ދަނީ ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ.

ގައުމީ ޓީމުގެ މިހާރުގެ ކޯޗް ޕީޓާ ޝެގަޓް، ސިންގަޕޫރަށް ފުރުމުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ، ސިންގަޕޫރުގެ މެޗަށް އެކުލަވާލި ސްކޮޑްގައި ބަކާ އާއި ދާދު ނުހިމެނި ނަަމަވެސް އެ ދެކުޅުންތެރިންނާ އޭނާ ވާހަކަ ދައްކާފައި ވާނެ ކަމަށެވެ.

"އަހަރެން މިހާރުވެސް ވާނީ އާރިފް (ބަކާ) އަދި ނާއިޒް ހަސަން އާ ވާހަކަ ދައްކާފަ އޭނާ އަކީ ބޫޓާން ގޭމްގައި ބޭނުން ކުރަން އަހަންނަށް އޮތް އޮޕްޝަނެއް." ޝަގަޓް ބުނެފައި ވެއެވެ.

ރޭ ގައުމީ ޓީމުން ބޭއްވި ގައުމީ ޓީމު ފަރިތަކުރުން ތަކުގައި ދާދު އާއި ބަކާ ވަނީ ޕްރެކްޓިހަށްވެސް ނިކުފަ އެވެ.