ޕްރިޔާންކާ ޗޯޕްރާ

މި ހުދު ބޫޓް: މިހާރު ޕީސީގެ ފޭވަރިޓްތަ؟

ދާ ކޮންމެ ތާކުން ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) މިހާރު ފެންނަނީ މި ހުދު ބޫޓަކަށް އަރައިގެން ހުންނަ ތަނެވެ. މިއީ އަނެއްކާ މިހާރު އޭނާގެ މާ ފޭވަރިޓް ބޫޓަކީ ހެއްޔެވެ؟

އެއްފަހަރު ބޭނުންކުރާ ހެދުމެއް ނުވަތަ ފައިވާނެ އަދި އަތްދަބަހެއް ވިޔަސް ދެ ވަނަ ފަހަރަށް ބޭނުން ކުރާކަށް މަޝްހޫރު ގިނަ "ސެލެބްރިޓީން" ބޭނުމެއް ނުވާނެ އެވެ. އަބަދުވެސް ބޭނުންވާނީ އާ އެއްޗެކެވެ. ފެޝަންގެ ދުނިޔެ ވެސް ގަބޫލު ކުރަނީ މަޝްހޫރު ސެލެބްރިޓީން އެމީހުން އެއްފަހަރު ބޭނުންކުރާ އެއްޗެއް ދެ ވަނަ ފަހަރަށް ބޭނުން ކުރުން އެއީ "ކަޓު" ކަމެއްގެ ގޮތުގަ އެވެ.

ފެޝަންގެ ދުނިޔެ މިގޮތަށް ދެކުނަސް ޕްރިޔަންކާ އުޅެނީ މި ބުނާ "ސެލެބްރިޓީން" ތަކަށްވުރެ މާ ދުރުގައި އެހެން ދުނިޔެއެއްގަ އެވެ. އެއްފަހަރު ލާ އެއްޗެއް ނުވަތަ ބޭނުންކުރާ އެއްޗެއް ދެ ވަނަ ފަހަރަށް ބޭނުންކުރަން އޭނާ ޖެހިލުމެއް ވެސް ނުވެ އެވެ. އެކަމަކަށް އޭނާގެ މާ ބޮޑު ފަރުވާލެއް ވެސް ނުބަހައްޓަ އެވެ.

މި ހުދު ބޫޓަށް ވެސް އޭނާ އަރަނީ މީހުން ކިޔާނެ އެއްޗަކަށް އެއްވެސް ފަރުވާލެއް ނެތި އެވެ. ލެދާއިން ތައްޔާރުކޮށްފައިވާ މި ބޫޓަކީ 864 ޑޮލަރުގެ އަގުހުރި ބޫޓެކެވެ.

ޕްރިޔަންކާ މި ބޫޓަށް އަރައިގެން ހުއްޓާ އެންމެ ފުރަތަމަ ފެނުނީ ޗުއްޓީ ހޭދަ ކުރުމަށް މުމްބާއީއަށް އެނބުރި އައި ދުވަހު އެއާޕޯޓުންނެވެ. އޭގެ ފަހުން ހަމަ މި ބޫޓަށް އަރައިގެން ހުއްޓާ ފެނުނީ ސަލްމާން ހާންގެ ދައްތަ އަރްޕިތާ ހާން ޝަރުމާ އާއެކު ރޭގަނޑު ބޭރަށް ނިކުމެ އުޅެނިކޮށެވެ.

ޕްރިޔަންކާ ސްޕާއަކަށް ދިޔައިރު ވެސް ހަމަ މި ބޫޓަށް އަރައިގެން ހުއްޓަ ވަނީ ފެނިފަ އެވެ. އެންމެ ފަހުން އޭނާ މި ބޫޓަށް އަރައިގެން ހުއްޓާ ފެނުނީ މުމްބާއީގެ ސަބާބަން ހޮޓެލްގައި އޮތް ޝޫޓިންއަކަށްފަހު އެނބުރި ދަނިކޮށެވެ.