މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޓޯކް ޝޯއަކީ ބޮލީވުޑް ތަރިންގެ ތަފާތު ވާހަކަތައް އެ ތަރިންގެ ދުލުން އާންމުނާއި ހަމައަށް ގެނެސްދޭ އެންމެ މަގުބޫލު އެއް ޓޯކް ޝޯ އެވެ. މި ޝޯގެ ކާމިޔާބު ފަސް ސީޒަނެއް މިހާތަށް ދައްކާފައިވާއިރު މިހާރު ދަނީ ހަ ވަނަ ސީޒަނެއްގެ މަސައްކަތްކުރަމުންނެވެ.
"ކޮފީ ވިތް ކަރަން" ގެ ހަ ވަނަ ސީޒަން ދައްކަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. މީގެ ކުރިން ހަ ވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރު ކަމަށް ވާހަކަ ދެކެވުނެވެ. އެއީ މި އަހަރު ގިނަ މަސައްކަތްތަކެއްގައި ކަރަން އަވަދިނެތި އުޅެމުން އަންނާތީ އެވެ.
ކަރަން މިހާރު އެންމެ އަވަދިނެތި އުޅެމުން އަންނަނީ ޑައިރެކްޓާ ރޯހިތް ޝެއްޓީއާއެކު ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "އިންޑިއާސް ނެކްސްޓް ސުޕަސްޓާ" ގެ މަސައްކަތުގަ އެވެ. އެ ޝޯގެ މަސައްކަތަށްފަހު ވަރަށް އަވަހަށް ކަރަން ކޮފީ ވިތް ކަރަންގެ މަސައްކަތައް އެނބުރިދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެެ.
ކަރަން މިހާރު އަންނަނީ އޭނާގެ އިތުރު ޑައިރެކްޝަނަކަށްވެސް ތައްޔާރުވަމުންނެވެ. އެ ފިލްމަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބް ބައްޗަން ފެނިގެންދާނެ ޓްރަޔޮލޮޖީ ފިލްމު "ބްރަހަމަސްތްރާ" އެވެ. ކަރަން މިހާރު ވަނީ މި ފިލްމު ރަސްމީކޮށް އިއުލާނުވެސްކޮށްފަ އެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރު އޮގަސްޓު މަހު ތެރޭގަ އެވެ.
ކޮފީ ވިތް ކަރަންގެ ކުރީގެ ސީޒަންތަކުގައި އެ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އައިސްފައިވެ އެވެ. ދީޕިކާ ޕަދުކޯނީ އާއި ރަންވީރު ސިންހް އަދި ޕްރިޔަންކާ ޗޯޕްރާ އާއި ރަންބީރު ކަޕޫރާއި ކަންގުނާ ރަނާއުތްފަދަ މަޝްހޫރު އެތަށް ތަރިންނެއް އައިސްފައިވެ އެވެ.
މި ޝޯގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހަ ވަނަ ސީޒަންގެ ފުރަތަމަ ދެ މެހުމާނަކަށް ދާދިފަހުން ކައިވެނިކުރި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާޓް ކޯލީ ގެނައުމަށެވެ.