ބެޓްސްމަނުންނަށް އޮޅުވާލުމަށް ކްރިކެޓް ބޯޅައަށް ބަދަލު ގެނައިކަން ފަޅާ އެރުމުން އޮސްޓްރޭލިއާގެ ކްރިކެޓް ޓީމު ހޫނު ފެނަށް ވެއްޓިއްޖެ އެވެ. ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ޓީމުގެ ވައިސް ކެޕްޓަން ސްޓިވް ސްމިތު އާއި ވައިސްކެޕްޓަން ޑޭވިޑް ވާނާ ވަނީ ކެޕްޓަނުންގެ މަގާމުން އިސްތިއުފާ ދީފަ އެވެ.
އޮސްޓްރޭލިއާ އާއި ދެކުނު އެފްރިކާ ޓީމު ފެށި ޓެސްޓް ސީރީޒްގެ ތިން ވަނަ މެޗުގައި އިއްޔަ ކުޅެމުން ދިޔައިރު، އޮސްޓްރޭލިއާގެ ބޯލާރ އަކަށް ދިޔަ ކެމަރަން ބޭންކްރޮފްޓް ވަނީ ބޯޅަ އަށް ބަދަލު ގެނައުމަށް "ސިއްރުން" ކަންތައްތަކެއް ކޮށްފަ އެވެ. އޭނާގެ ޖީބުން ޓޭޕްތަކެއް ނަގައި ބޯޅައިގައި އޮޅާ މަންޒަރު ކެމަރާތަކަށް ވަނީ އަރާފަ އެވެ. އެހެން ހެދުމުން ދެކުނު އެފްރިކާ ޓީމުގެ ބެޓްސްމަން ބޯޅައިގައި ޖެހި ނަމަވެސް ބޯޅަ ހިފަންތިބޭ އޮސްޓްރޭލިއާގެ ޓީމު ކުޅުންތެރިންނަށް ބޯޅަ ހިފަން ފަސޭހަ ވާނެ އެވެ.
ކްރިކެޓް ވޯލްޑް ކަޕުގައި އެންމެ ކާމިޔާބު ޓީމު އޮސްޓްރޭލިއާގެ ޓީމުގައި ހިންގި މި އޮޅުވާލުމާ ހެދި، އެ ގައުމުގެ ކޫރީގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލުވެސް ވަނީ ގޮވާލައް ވާފަ އެވެ.
ޓާންބުލް ވިދާޅުވެފައި ވަނީ އޮސްޓްރޭލިއާގެ ޓީމުގައި އެކަހަލަ ކަމެއް ހިނގިކަމަށް ޚަބަރު ފެތުރިގެން ދިއުމުން އޭނާ އަށް ހައިރާންކަން ލިބިވަޑައިގަތް ކަމަށެވެ.
އޮސްޓްރޭލިއަގެ ކްރިކެޓް އެސޯސިއޭޝަނުން އިއްޔަ ބުނެފައި ވަނީ ސްޓީވް ސްމިތު އާއި ޑޭވިޑް ވާނާ އާ، އެ އެސޯސިއޭނުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ކެޕްޓަނުންގެ މާގަމުން އެ ދެކުޅުންތެރިން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޓެސްޓް ސީރީޒްގެ ބާކީ އޮތް މެޗުތަކަށް، ޓީމުގެ ކެޕްޓަންކަން ޓިމް ޕޭން އާ ވަނީ ހަވާލު ކޮށްފަ އެވެ. އިއްޔަ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ސްމިތު ވަނީ ބޮޅައަށް ބަދަލު ގެނައުމަށް އެކި ކަންކަން ކުރުމަށް ރާވާފައިވާކަން އެއްބަސް ވެފަ އެވެ. އޭނާ ވަނީ ހިނގާ ދިޔަ ކަންކަމަށް ކްރިކެޓް ސަޕޯޓަރުންގެ ކިބައިން މާފަަށް އެދިފަ އެވެ. އޭނާ ބުނީ ބޯޅަ ބިންމަތީގައި ހާކައި އޭގައި ހިރަފުސް އުނގުޅުމަށްވެސް ރޭވިފައި އޮތް ކަމަށެވެ. އޭގެ ސަބަބުން އިދިކޮޅު ބެޓްސްމަންގެ ލޮލަށް ހިރަފުސް ބުރައި އޭނާ އަށް އުނދަގޫ ވާނެ ކަމަށް ބެލެވެ އެވެ.
ދުނިޔޭގެ ކްރިކެޓް ކައުންސިލުން ވަނީ ސްމިތު އެއް މެޗަށް ސަސްޕެންޑްކޮށް އޭނާ އަށް މެޗުން ލިބެންޖެހޭ ފީ ނުދޭ ގޮތަށް ނިންމާފަ އެވެ. ބޭންކްރޮފްޓް ޖޫރިމަނާކޮށް އޭނާގެ މެޗު ފީ 75 ޕަސަންޓް ނުދޭ ގޮތަށް ކްރިކެޓް ކައުްނސިލުން ވަނީ ނިންމާފަ އެވެ. އަދި އޭނާގެ ކްރިކެޓް ލައިސެންސުން ތިން ޕޮއިންޓް އުނި ކުރަންވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.