ކުޅިވަރު

"މީ ފެށުމެއް، ގިނަ ގޯލްތަކެއް ގައުމީޓީމަށް ޖަހައިދޭނަން"

މިދިޔަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަކީ ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް) އިއްބެ އަށް ވަރަށް ހާއްސަ މެޗެކެވެ. އެ މަޗަކީ ގައުމީ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައިވެސް ގައުމީ ޓީމަށް އޭނާ ގޯލެއް ހަދިޔާ ކޮށްދިނެވެ. .

މެޗުން ލިބުނު ހިތްވަރާއެކު އޭނާގެ ބޮޑު އުންމިދެއް އެބައޮތެވެ. މި ސީޒަނަކީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި އިއްބެ ކުޅޭ ދެ ވަނަ ސީޒަނެވެ. އޭނާގެ ފުރަތަމަ ސީޒަންގައި ދެއްކި ކުޅުމާއެކު ގައުމީ ސްކޮޑުން އޭނާ އަށް ޖާގަ ލިބުނެވެ. ޓީސީ އާއެކު އޭނާ ނިކުތް ފުރަތަމަ މުބާރާތަކީ، މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލަު ކުލަބު މުބާރާތެވެ. އެ މުބާރާތް ޓީސީއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެވެ.

"މިއީ އަދި ފެށުމެއް، ގައުމީ ޓީމަށް ގިނަ ގޯލްތަކެއް ޖަހައި ދިނުމަކީ ވަރަށް ބޮޑު އުންމިދެއް،" ގައުމީ ޓީމުގެ ފުރަތަމަ މެޗުގައި ޖެހި ގޯލާ ބެހޭގޮތުން 'އަވަސް' އަށް އިއްބެ ކިޔައިދިނެވެ. "ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެން ބޭނުން، އެކަމަށްޓަކައި އަމިއްލައަށްވެސް މަސައްކަތް ކުރާނަން."

ޓީސީން ގައުމީ ޓީމަށް ދޫކޮށްލާ ޕްރޮޑެކްޓްތައް ގައުމީ ޓީމުގައި ވިދުން ގަދަ އެވެ. ނާއިޒް ހަސަން (ދާދާ) ޓީސީގައި ކުޅުނު ފުރަތަމަ ސީޒަންގައި ގައުމީ ޓީމުން ޖާގަ ހޯދި އެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝް ކޮޅަށް ދާދު ޖެހި ލަނޑުން ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ލިބުނެވެ.

ޓީސީ މިފަހަރު ގައުމީ ޓީމަށް ނެރެދިނީ ހަބޭސް އިއްބެ އެވެ. އޭނާގެ ފުރަތަމަ މެޗުގައިވެސް ގޯލް ޖެހުމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމްއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. މިދިޔަ ސީޒަންގައިވެސް މުހިންމު މެޗުތަކުގައި އިއްބެ ވަނީ ޓީސީއަށް ގިނަ ލަނޑުތަކެއް ޖަހައިދީފަ އެވެ.

"އިއްބެ [މަހްދީ] ލީ އަހަރެން ސްޓައިކަރަކަށް، އޭނަ ވަރަށް ރަނގަޅަށް މަސައްކަތް ކުރި،" ހަބޭސް އިއްބެ އާ ބެހޭގޮތުން ސުވާލުކުރުމުން ގައުމީ ކޯޗް ޕީޓާ ޝެގަޓް ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކީ އޭނާގެ އެބަހުރި ހަލުވި ސްޕީޑެއް، އޭނާގެ ކެރެކްޓާ ވަރަށް ސާފު، އިއްޔަ އަހަރެން އޭނާއާ ވާހަކަ ދެއްކިން އޭނަ ހުރީ ގޯލް ޖަހައިދިނުމުން ވަރަށް އުފާ ވެފަ، ދެން އޮންނާނީ އަހަރެމެންގެ މަސައްކަތް، އޭނާ މި ޓީމުގައި ހުރުން ވަަރަށް މުހިންމު، ކުރިމަގަށް އަހަރެމެން ބޭނުން ވަނީ އެކަހަލަ ކުޅުންތެރިން."

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ އިއްބެ ފަދަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ލިބުން ވަރަށް މުހިންމު ކަމަށެވެ. އޭނާ ބުނީ ފުރުސަތު ދިނުމުން ޕަފޯމަންސް ކުރާކަން އިއްބެ ހާމަ ކޮށްދީފި ކަމަށެވެ. ޒުވާން އެހެން ކުޅުންތެރިންނަވެސް އެ ފުރުސަތު ތަނަވަސް ކޮށްދޭން ޖެހޭ ކަން ނިޒާމް ފާހަގަ ކުރި އެވެ.

"އިއްބެ ފުރުސަތު ދިން ފުރަތަމަ މެޗުގައިވެސް ލަނޑު ކާމިޔާބު ކޮށްފި، އިއްބެ އަކީ ފުޓްބޯޅައިގެ ކުރިމަގު އޮތް ކުޅުންތެރިޔެއް، އިތުރަށް ފުރުސަތު ދީފިއްޔާ ތަފާތު ފެންނާނެ." އޭނާގެ އަމިއްލަ ރަށް އައްޑޫ ފޭދޫ އަށް ނިސްބަތްވާ ކުޅުންތެރިޔާއަށް ތައުރިފު ކުރަމުން ނިޒާމް ބުންޏެވެ. "އެންމެ ފުރަތަމަ ކަމަކަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދޭން އެބަ ޖެހޭ، ފުރުސަތު ދީގެން އިއްބެ ކަހަލަ އެތައް ހުނަރެއް ފާހަގަ ވާނެ."

ނިޒާމް ބުނީ ދާދު އަށްވެސް ފުރަތަމަ ޑިވިޝަނުން ފުރުސަތު ދީ ގައުމީ ޓީމަށްވެސް އޭނާގެ ފެންވަރު ދައްކައި ދިނުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށާއި މިހާރު އަނެއްކާ އިއްބެ ޕާފޯމްކުރަން ފެށުމުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށެވެ. މިނިވަން ޗެމްޕިއަންޝިޕުން، ފުރަތަމަ ޑިވިޝަނަށް އައި ކުޅުންތެރިންގެ ތެރެއިން ލަނޑު ޖެހުމުގެ ރޭޓް އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔަކީވެސް އިއްބެ ކަން ނިޒާމް ފާހަގަ ކުރި އެވެ.