ހޮލީވުޑް

"ޓިންޓިން 2" ގެނެސްދޭނަން: ސްޓީވެން

މަޝްހޫރު ފިލްމު ޕްރޮޑިއުސާ އަދި ޑައިރެކްޓާ ސްޓީވެން ސްޕީލްބާގް ޑައިރެކްޓުކުރި ކޮމިކް ސީރީޒް އެނިމޭޓެޑް ފިލްމު "ދި އެޑްވެންޗާސް އޮފް ޓިންޓިން"ގެ ދެ ވަނަ ފިލްމުގެ މަސައްކަތް ހުއްޓާލާފައި ނުވާކަމަށާއި އެ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ސްޓީވެން ބުނެފި އެވެ.

ސްޓީވެން މިހެން ބުނެފައި ވަނީ ފްރާންސުގެ މެގަޒިނެއް ކަމަށްވާ ޕްރިމިއާއަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ. ދި އެޑްވެންޗާސް އޮފް ޓިންޓިންގެ ފުރަތަމަ ފިލްމު ބެެލުންތެރިންނާ ހަމައަށް ގެނެސްދިނީ 2011 ވަނަ އަހަރު އެވެ. ދެ ވަނަ ފިލްމު ޑައިރެކްޓު ކުރާނީ ފުރަތަމަ ފިލްމުގެ ޕްރޮޑިއުސަރު ޕީޓާ ޖެކްސަން އެވެ. ސްޓީވެން ހަރަކާތްތެރި ވާނީ ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ވަރަށް އަވަހަށް ސްކްރިޕްޓު ތައްޔާރުކުރުމުގެ މަސައްކަތް ޕީޓާ ފަށާނެ. މި ފިލްމުގެ އެނިމޭޝަންގެ މަސައްކަތައް ދެ ވަރަކަށް އަހަރުދާނެ ކަމަށް ބެލެވޭ. އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ފިލްމު ގެނެސްދެވޭނެ ހެނެއް ހިއެއް ނުވޭ." ސްޓީވެން ބުނީ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަ ތިން ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.

ޓިންޓިންގެ ފުރަތަމަ ފިލްމުގެ ޓްރެއިލާ.

ދި އެޑްވެންޖާސް އޮފް ޓިންޓިން އަކީ ކުރީގެ މަޝްހޫރު ކާޓޫނިސްޓް ޖޯޖްސް ރޭމީ 1929 ވަނަ އަހަރު ތައްޔާރުކުރި ކޮމިކް ފޮތެކެވެ. މި ފޮތަކީ ކޮމިކް ފޮތްތަކުގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ވާހަކައެކެވެ.

ސްޓީވެން މިހާރު ވަނީ އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު އޭނާ ޑައިރެކްޓުކުރި ފިލްމު ސީރީޒް "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ފަށަން އުޅޭކަންވެސް އިއުލާނުކޮށްފަ އެވެ. އެ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށާއި، ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ 2020 ގަ އެވެ.