ކުޅިވަރު

ފުރުސަތު ދޭނީ ގައުމީ ޓީމަށް 100 ޕަސަންޓް ދޭނަމަ: ކޯޗް

ގައުމީ ޓީމުން ފުރުސަތު ދޭނީ ގައުމީ ޓީމަށް ޓަކައި 100 ޕަސަންޓް ދޭ ކުޅުންތެރިންނަށް ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ޝެގަޓް ބުނީ، ކުލަބަށް ކުޅޭނަމަ ކޮންމެ ކުޅުންތެރިޔަކު ވެސް ކުޅޭނީ ކުޑަ ކޮމިޔުނިޓީއަކަށް ޓަކައި ކަމަށާއި ނަމަވެސް ގައުމީ ޓީމަށް ކުޅެނީ މުޅި ގައުމަށް ޓަކައި ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމު މެޗު ކުޅޭއިރު ކޮންމެ ކުޅުންތެރިޔަކުވެސް 100 ޕަސަންޓް ދޭން ޖެހޭނެ ކަމަށާއި އޭއީ ކުރުމަގުގައިވެސް ގައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިން ފެންނަން އެދޭ މަންޒަރު ކަަމަށެވެ.

"ސާފް ޗެމްޕިއަންޝިޕަށް އަހަރެމެން ޖެހޭނެ މިކަން ބަދަލު ކުރަން، ފަހަރެއްގައި ބައެއް ކުޅުންތެރިން ހަނދާން ނެތިފައި ތިބެ ދާނެ ގައުމަށްޓަކައި 100 ޕަސަންޓް ކުޅެން ޖެހޭކަން، ފަހަރެއްގައި ބައެއް ކުޅުންތެރިން ހަނދާން ނެތިފައި ހުރެދާނެ ގައުމީ ޓީމަށް މި ކުޅެނީ މުޅި ދިވެހި އެންމެހާ ފަރުދުންނަށްޓަކައިކަން" ކުރިން ޖޯޖިއާ އާއި އަފްގާނިސްތާނަށްވެސް ކޯޗް ކޮށްދިން ޝެގަޓް ބުންޏެވެ. "ކޮންމެ ކުޅުންތެރިޔަކުވެސް އެއްބަސްވާން ޖެހޭނެ ގައުމަށްޓަކައި 100 ޕަސަންޓް ދޭނެ ކަމަށް، އަަހރެން ބޭނުމެއް ނޫން ކުޅުންތެރިންގެ 50 ޕަސަންޓް ގައުމީ ޓީމުގައި ފެންނާކަށް."

އޭނާ ބުނީ އޮމާން އާއި ފަލަސްތީން އަތުން ތަފާތު ބޮޑު ކޮށް ބަލިވީ ކުޅުންތެރިންނަށް ގައުމީ ޓީމަށް ޓަކައި 100 ޕަސަންޓް ނުދެވުމުން ކަމަށެވެ. އޭ ސިންގަޕޫރު މެޗުގައި ކުޅުންތެރިންގެ ފަރާތުން 100 ޕަސަންޓް ދިންތަން އޭނާ އަށް ފެނިގެން ގޮސްފައިވާ ކަމަށް ޝެގަޓް ބުންޏެވެ. ކޯޗު ބުނީ ކުޅުންތެރިން ދިގު ދަތުރަކަށް ފަހު ސިންގަޕޫރުގައި ކުރި އެންމެ ޓްރެއިނިންއަކަށް ފަހުވެސް މެޗުގައި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނިގެން ދިޔަ ކަމަށެވެ.

ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި އަލީ އަޝްފާގް، ޓީމުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ނުދިއުމުން، ކޯޗު ވަނީ ބޫޓާން މެޗުގެ ސްކޮޑުން އޭނާ ވަކި ކޮށްފަ އެވެ. އިއްޔަ ޕްރެސްގައި ކޯޗު ބުނީ މެޗު ކުޅެން އަަޝްފާގް މެންޓަލީ ފިޓް ނޫން ކަމަށެވެ.

ބޫޓާން އޮތީ ރާއްޖެއާ ހަމަކުރުމާ ވަރަށް ކައިރީގައި

އޭޝިއަން ކަޕްކޮލިފައިންގެ ގުރޫޕް ޑީ ގެ ފަހު މެޗުގައި މިރޭ ބޫޓާނާ ދެކޮޅަށް ނިކުތުމުގެ ކުރިން ކޯޗް ބުނީ، ބޫޓާން އަންނަނީ ރާއްޖެއާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ޖެހެމުން ކަމަށެވެ. އެކަމާ ކުޅުންތެރިންނާއި ޓީމުން ވިސްނާ ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ އޭގެ އެންމެ ބޮޑު ސަބަބަކީ ބޫޓާނުން މެޗަށް ދުރާލައި އެތައް ދުވަހެއް ކުރިން ތައްޔާރުވުން ކަމަށެވެ.

ބުޓާނުން އޮމާން އާ ދެކޮޅަށް ދެ ލަނޑު ޖެހި ކަން ފާހަގަކޮށް އޭނާ ބުނީ ރާއްޖެއިން އޮމާން އާ ދެކޮޅަށް އެވަރުވެސް ވެފައި ނެތުމުން، މިރޭގެ މެޗުގައި ބޫޓާންގެ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ފަށާނީ މިރޭ 9:00 ގައެވެ.