ވާހަކަ

ބުނެދޭށޭރުހެމޭ

(25 މާރިޗު 2018 އާ ގުޅޭ)
"މުއްޠުބެއާއި އާނާދައްތަ އެބައުޅޭ... މަންމަ ވަރަށް ހާސްވެފައި ހުރީ. ބީޕީ ވެސް ޝުގާ ވެސް ވަރަށް މަތި، ކޮބާ ދޮންބެ؟" ހަލަފް އޮޅުން ފިލުވާދެމުން ރާދިންގެ ފަހަތް ހޯދާލިއެވެ.

"ނާދޭ ދޯ..." ރާދިންގެ ފަހަތުން އެކަކު ވެސް ނުފެނުމުން ހަލަފް ބުނެލީ ނާއުންމީދުވެފައި ހުރެއެވެ.

ވިހި އަހަރުގެ ހަލަފްއަކީ ބިލާލްއާއި ޝަރުމީނުގެ ދަރިފުޅެވެ. އަރްސަލް އަމިއްލަ ފައިމައްޗަށް ތެދުވަންދެން އުޅުނީ ބިލާލުގެ ހިޔާވެހި ކަމުގެ ދަށުގައެވެ. ރާދިންއާއި އަރްސަލްގެ ފަހަތުން ދުވެދުވެފައި ހަލަފް އުޅެއެވެ. ބޮޑުވަމުން އައިއިރު ހަލަފް އަބަދުވެސް އަރްސަލް ނަމޫނާއަކަށް ބަލަން ބޭނުންވެއެވެ. އޭނާގެ ފަރާތުން ކުޑަވެސް ސަމާލުކަމެއް ނުލިބުނަސް ހެވެ. ކޮންމެވެސް އެއްޗެކޭ ކިޔާ އަރްސަލްގެ ގާތަށް އޭނާ އާދެއެވެ. އެހެންނަމަވެސް ގެއިން ނުކުމެގެން އަރްސަލް ދިއުމާއެކު ރާދިންއަށް ވެސް މަޖުބޫރުވީ އޭނާއާއެކު ދާށެވެ. އެއީ ބިލާލު ބޭނުންވީ ގޮތެވެ. ހަލަފް ވެސް އެމީހުންނާއެކު ދާން ބޭނުންވިއެވެ. ނަމަވެސް އަރްސަލްގެ ނުރުހުމާއި ބިލާލުގެ އަމުރު އޭނާއަށް ހުރަސް އެޅީ އޭނާއަކީ ޢާއިލާގައި ހުރި އެންމެ ކުޑަކުއްޖާއަށްވީމައެވެ. ހަމައެއާއެކު އޭނާއަކީ ޝަރުމީނުގެ ދަރިއަކަށްވީމައެވެ.

"ދޮންބެ ވެސް އަދި އަންނާނެ" ހަލަފްގެ ކޮނޑުގައި ޖަހާލަމުން ރާދިން ބުންޏެވެ.

"ކޮންދުވަހަކުން... ޑޭޑް ނިޔާވެގެން ސަހަރާއަށްތަ އަންނާނީ" ހަލަފް ބުނެލިއެވެ. އެ އަޑުގައި ފޮރުވިފައިވާ ރިހުން ރާދިންއަށް ސިއްރެއް ނުވިއެވެ.

"ޑޯންޓް ބީ ލައިކް ދެޓް" ހަލަފްގެ ކޮނޑަށް އަތްވައްޓާލާ މަޑުމަޑުން ބާރުކޮއްލަމުން ރާދިން ބުނެލިއެވެ. ބައެއްފަހަރު ރާދިންގެ ހިތަށް ވެސް ހަލަފް ބުނި ފަދަ އެއްޗެހި އަރައެވެ. ވަގުތު ފާއިތުވާ ފަހުން އަރްސަލް އަޔަސް ދެން ކުރެވޭނޭ ކަމެއް ނޯންނާނެއެވެ.

"ރާދުބެ" ބިލާލުގެ ކޮޓަރިއަށް ވަންނަން އުޅުނު ރާދިން މަޑުޖެހުނީ ހަލަފް ގޮވާލުމުންނެވެ. އެއާއެކު ރާދިން ހޫން ލައްވާލިއެވެ.

"ތި އައީ ވަރަށް އަވަހަށް ދާންވެގެންތަ؟" ހަލަފް އަހާލިއެވެ.

"ނޯ!... އައި ވިލް ސްޓޭ... އިހަށް ބައްޕަގެ ހާލު ބަލާލަމާ. އޭގެ ފަހުގައި ވާހަކަދައްކާލަން ތިބޭނީ... އައި މިސްޑް ޔޫ ޓޫ ލިޓްލް ބްރޯ" ހަލަފްގެ ކޮލުގައި ޖަހާލަމުން ރާދިން ބުނެލިއެވެ. އޭނާގެ އެ ހަރަކާތުން ހަލަފްގެ މޫނުން ހިނިތުންވުމަކާއި އުފާވެރިކަން ފާޅުވެގެންދިޔައެވެ. ރާދިންއަށް ވުރެ ކުރިން އޭނާ ދޮރު ހުޅުވާލައި ކޮޓަރިތެރެއަށް ވަނެވެ.

"ޑޭޑް ލުކް..." އުފާވެރިކަމާއެކު ހަލަފްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ބިލާލުގެ މަގަތުގައި އިން ޝަރުމީނަށް ރާދިން ފެންނަންވި އިރަށް ދުވެފައި އައިސް ރާދިންގެ ގައިގާ އޮޅުލައިގަތެވެ.

"ރާދިން..." ޝަރުމީނަށް ރޮވުނީއެވެ.

"ޝަރޫ!... އެ ސޮރަށް ނޭވާލާނޭ ފުރުޞަތެއް ދީބަލަ... އަހަންނަށް މާބޮޑުކަމެއް ނުވެއޭ" އެނދުގައި އޮތް ބިލާލު ބުނެލިއެވެ.

"ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ... އާނާ" ޝަރުމީނުގެ ގައިގާ ހިފަހައްޓާލަމުން ރާދިން ބުނެލިއެވެ. އަދި ބިލާލުގެ ވައަތްފަރާތުގައި އިން މުއްޠަލިބުގެ ދަރިފުޅު ޝިހާނާއަށް ރާދިން ގޮވާލީ ވީ ގޮތެއް އޮޅުން ފިލުވުމަށެވެ. ޝިހާނާއަކީ އެތެރެހަށީގެ ޑަކްޓަރެކެވެ. ޝިހާނާ ޑަކްޓަރުކަން ކިޔަވައިގެން އައިސް މަސައްކަތް ކުރަން ފެށިފަހުން މުއްޠަލިބާއި ބިލާލުގެ ޢާއިލާއަށް ޑަކްޓަރެއްގެ އެހީތެރިކަމާއި ލަފާ ބޭނުންވާ ކޮންމެ ވަގުތަކު އެހީތެރިވެދެއެވެ.

"ބޭބެގެ ޝުގާ މަތީގައި ހުންނަތާ ދެ ދުވަހެއްވަރު ވެއްޖެއޭ ބައްޕަ ބުނި... މިއަދު ބެލިއިރު ބީޕީ ވެސް ނޯމަލްއަށްވުރެ ހައި... އެހެންވެ ޑިޒީވެ ފެއިންޓްވާން އުޅުނީ. ކާޑިއެކް އެރެސްޓެއްނޫން... ޗެކަޕްއަށް ގެންދާނީ ބޭބެ ކުޑަކޮށް ވަރުޖެހިލީމަ. ނަސީބެއް ބައްޕަ އެވަގުތު ބޭބޭ ގާތުގައި ހުރިކަން.... އަސްލު! ބޭބެ މާބޮޑަށް ފިކުރު ކުރަނީ... ނޫންތޯ ބޭބޭ" ޝިހާނާ ކުޑަކޮށް ހިނިތުންވެލަމުން އެނދުގައި އޮތް ބިލާލަށް ބަލާލިއެވެ.

"މުއްޠަލިބު! ޑަކްޓަރުންނަށް އެއްވެސް ކަމެއް ސިއްރު ނުވަނީތަ؟" ސަމާސާ ގޮތަކަށް ބިލާލު ބުނެލިއެވެ. އެއާއެކު މުއްޠަލިބު ލުއި ގޮތަކަށް ހީނލިއެވެ. އެންމެންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވި ނަމަވެސް ރާދިން ހުރީ ކަންބޮޑުވެފައެވެ. އެކަން ބިލާލަށް ފާހަގަވިއެވެ.

"ބައްޕަ އަރާމުކޮއްލަން އިރުކޮޅަކު ބާއްވަމާ... ހިނގާ ހުރިހާ ކުދީން" މުއްޠަލިބު ބުނެލިއެވެ. ރާދިން ހުރި ފިޔަވަޅުމަތިން ގުޑާ ނުލުމުން މުއްޠަލިބު އައިސް އޭނާގެ އަތުގެ މުއްލައްދަނީގައި ހިފާލިއެވެ. އަނެއްކޮޅުން ހަލަފް އައިސް ރާދިން ކޮނޑުގައި ޖަހާލިއެވެ. އެމީހުންނާއެކު ރާދިންނަށް ވެސް ހިނގައިގަންނަން މަޖުބޫރުވީއެވެ.

"އާނާ! ބައްޕަ ގެއަށް ގޮސްލާފައި އަންނަންކަމަށް މިދަނީ. ދަރިފުޅު ގެއަށް ލާދެންތަ؟" ބޮޑުކޮޓަރިއަށް އާދެވުމުން މުއްޠަލިބު އަހާލިއެވެ. އެއާއެކު ޝިހާނާ ނިކަން އަވަހަށް ބޯހޫރާލިއެވެ. އޭނާ ހުރީ ރާދިންއާ ވާހަކަދައްކާލާ ހިތްވެފައެވެ.

"އެންމެ ރަނގަޅު... ބައްޕަ ގޮސްލީ" މުއްޠަލިބު މިހެންބުނެ ނުކުންނަން ދިޔައެވެ.

"ރާދިން! އަހަރެން ހިޔެއްނުކުރަން އަވަހަކަށް ފެންނާނޭ" ނިކަން ބޮޑަށް ހިނިތުންވެލައިގެން ހުރި ޝިހާނާ ބުނެލިއެވެ. ރާދިން ކުޑަކޮށް ހިނިތުންވެލީއެވެ. ތިންމީހުން އައިސް ސޯފާތަކުގައި އިށީނެވެ.

"އަދިވެސް ތީ ކުޑަކުޑަ ޝައި ބޯއީތަ؟ ހޫ ހޭވް އަ ކްރަޝް އޮން މީ" ޝިހާނާ ދިމާކޮއްލިއެވެ.

"ވަޓް! ރާދުބެ... އާނާދައްތައަށް" ހަލަފްއަށްވީ ވަރަށް ހޫނު ޚަބަރަކަށެވެ.

"އާނާ!... އަހަރެން ކުޑަ ނޫންކަން ބަލާލާފާ ނޭނގުނުތަ؟" ރާދިން ވެސް ބޭނުންވީ ޝިހާނާ ދިމާކުރަން ފުރުޞަތެއް ނުދޭށެވެ. އޭނާއަށްވުރެ ދެ އަހަރު ޝީހާނާ ބޮޑެވެ. އެހެންނަމަވެސް ފުރާވަރުގައި ރާދިންއަށް އެންމެ ކަމުދިޔަ އަންހެންކުއްޖަކީ ޝިހާނާއެވެ. ލޯބިވެރިންގެ ދުވަހުގެ ވާހަކަ އެންމެ ވެސް ދައްކާތީ ރާދިން ވެސް ޝިހާނާއަށް ރަތް ފިނިފެންމަލެއް ދިނެވެ. ހިތުގެ ހާލު ބަޔާންކުރާން ނިންމައިގެންނެވެ. އެހެންވިޔަސް ޝިހާނާއާއި އޭނާގެ ރައްޓެހިންގެ ދިމާކުރުމުގެ އަމާޒު ފަތްގަނޑަކަށް އޭނާ ވީއެވެ.

"ނޯ! ނޯ! މައި ގޯޑް!... ކުޑައެއްނޫން އެއްގޮތަކަށް ވެސް... އޭރުގެ ކުޑަކުޑަ ޝައި ބޯއީ މިހާރު ވަރަށް ހެންޑްސަމް. ޕާސަނަލިޓީ ވެސް ބަދަލުވެއްޖެހެން ހީވޭ. މިހާރު ވަރަށް ފިރިހެން އިނގޭ" ހެމުންހެމުން ޝިހާނާ ބުނެލިއެވެ.

"ޔޫ ލަވް ބާޑްސް" ހަލަފް އިނދެފައި ބުނެލިއެވެ.

"ހަލަފް! މައިންޑް ޔޯ ޓަންގް... އާނާ އިޒް އަ ބުލީ" ރާދިން މޫނަށް ޖައްސާލި ވައްތަރުން އިތުރަށް ޝިހާނާއަށް ހެވުނެވެ. ހަލަފް ކުއްލިއަކަށް ރާދިންގެ ގައިގާ ބައްދާލިއެވެ.

"ޕްލީޒް ސްޓޭ" ހަލަފް މަޑުމަޑުން ބުނެލިއެވެ. ކުޑަ ވަގުތުކޮޅަކަށް ވިޔަސް އެގެއަށް ދިރުން އައި ކަހަލަ އިހުސާސެއް ހަލަފްއަށް ކުރެވުނީއެވެ. ހިމޭންވެ އެކެނިވެރިކަން ރަސްކަންކުރާ ކިއްލާއަށް އަލިކަމުގެ ދޯދި ފަށެއްހާ ހިސާބު ފޯރިކަމުގެ އިހުސާސް ހަލަފްއަށް ކުރެވުނީއެވެ.

"ހަލަފް! މިހާރު ތީ ކުޑަކުއްޖެއްނޫނެއްނު... ބީ އަ މޭން ހަލަފް. އާނާދައްތައަކީ ބުލީއެކޭ ބުނީމެއްނު. ހަލަފް ތިހެން އުޅުނީމަ އާނާދައްތަ ފަހުން ދިމާކުރާނޭވަރު ވިސްނާލަބަލަ. އަހަރެމެން ފިރިހެނުން ވަރަށް ހިތްވަރުގަދަ ބަޔަކަށް ވާންޖެހޭނެ. އެހެންނޫނި މިތިބަ އަންހެނުން އަހަރެމެން ކާލަފާނެ" ހަލަފްގެ ބުރަކަށީގައި ޖަހާލަމިން ރާދިން ބުނެލިއެވެ.

"ޑޭޑް ކީއްވެތަ ނުބުނަނީ ދޮންބެ ގާތުގައި އަންނާށޭ. ޑޭޑް ބުނީމަނޫނީ ނާނަން ދޮންބެ އެ ހުންނަނީ. އަހަންނާއި މަންމައާ ހެދި ދޯ ދޮންބެ އެހެން އެ އުޅެނީ... ރާދުބެ!... އައި މިސް ހިމް... ބައްޕަ އަބަދު ހުންނަނީ ދެރަވެފައި. ބައްޕަގެ ހާލާމެދު މަންމަ ހުންނަނީ ހާސްވެ ކަންބޮޑުވެފައި... އަހަރެން ބޭނުންވަނީ ދޮންބެއާއި ރާދުބެ ވެސް އަހަރެމެންނާއެކު އުޅެން. މިގޭގައި... ރާދުބެ! ބައްޕަ މުސްކުޅިވާ ދުވަހު އަހަރެމެންނަށް އެވަރުކޮއްނުދެވޭނެތަ؟ ޑޭޑްގެ ޓެންޝަންއަކީ ދޮންބެ... ޕްލީޒް ރާދުބެ! އަބަދުވެސް ހުރިހާ ކަމެއް އޯކޭ ކުރާ މީހަކީ ތީއެއްނު... ދޮންބެ ގެނެވޭނީ ރާދުބެއަށް. ދޮންބެ އަހަންނަށް އެއްފަހަރު ވެސް ގުޅާނުލާ، މެއިލް ކުރަނީ ނުގުޅިޔަސް އޮފީސް ވަގުތު މެއިލްތައް ބަލާއިރު އަހަރެންގެ މެއިލް ބަލާފާނޭކަމަށް. އެކަމަކު ދުވަހަކުވެސް ރިޕްލައިއެއްނުދޭ. ދޮންބެގެ އެފްބީ ވެސް ޑީއެކްޓިވޭޓްކޮއްފަ... ނޯކަނެކްޝަން އެޓްއޯލް" ހަލަފް ވާހަކަދެއްކީ ވަރަށް މަޑުންނެވެ.

"ހަލަފްގެ ދޮންބެއަކީ ބޯހަރު މީހެއް... އައި އޭމް ޓްރައިންގ... ޓްރައިން ރިއަލީ ހާޑް... އެކަމަކު އެ ހަރު ހިލަގަނޑެއް ކަހަލަ މީހާ ބަދަލުވާނެ. އެކަމަށް ބޭނުންވަނީ ވަގުތު. މަންމައަށް އަޑު އިވިއްޖެއްޔާ ވަރަށް ދެރަވާނެ. އިހަށް ތި ވާހަކަނުދައްކަމާ. ބައްޕަ ވެސް މިވަގުތު އެހާލުގައި އޮއްވާ އަރްސަލްގެ ޓޮޕިކް ނެގުން ރަނގަޅެއްނުވާނެ. އަހަރެންގެ ލިޓްލް ބްރޯ ވަރަށް ބޮޑުވެއްޖެ. ވަރަށް ވިސްނުން ވެސް ރަނގަޅުވެއްޖެ... އާނާ! ބަލާބަލަ... އަހަރެމެން ދެމީހުން ކުރެ ކާކު އެންމެ ހެންޑްސަމްއީ. އަދިވެސް އަހަރެން މާ ދިގު... އަހަރެންގެ ފަހަތުގައި އަންހެން ކުދީންގެ ލައިން ވެސް ދިގުވާނެ" ރާދިން މައުޟޫޢު ބަދަލުކޮއްލީއެވެ. އޭނާގެ އަތްދަށުން ސަލާމަތްވެގެން ހަލަފް ކޮޅަށް ތެދުވިއެވެ. އަދި ކަސްރަތުކޮއްގެން އަތުގައި ޖަހާލާފައި ހުރި މަސްތައް ދައްކާލީ ނިކަން ފޮނިކޮށެވެ.

"ހީ އިޒް ދި ޕްލޭ ބޯއީ އިން ޔޯ ފެމެލީ... ކުރީން ރޭ ވެސް ފާޑެއްގެ ސޯޓުބުރިއެއް ލައިގެން އިން އަންހެންކުއްޖަކު އޭނާގެ ބޮޑު ސައިކަލަށް އަރުވައިގެން ދަނިކޮށް އަހަންނަށް ފެނުނީ. އޭގެ ދެ ރޭ ކުރީންނޭ އެހެން އަންހެންކުއްޖެއް ގޮވައިގެން ކޮފީ ބޯން އިނީ" ޝިހާނާ ބުނި އެއްޗަކުން ހަލަފްއަށް އަމިއްލަ ދޫ ނެރެލުމާއެކު ދުލުކުރީގައި ދަތްއަޅާލެވުނެވެ. ރާދިން އިނީ ހިނިއައިސްފައެވެ.

"ކޮންމެވެސް މީހަކު އެކަމުގައި ވެސް ކުރީގައި އުޅެން ޖެހޭނެއެއްނު" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.

ކުދީންނަށް ކޮފީ ހަދައިގެން ޖޯޑުތައް ތަބަކުގައި އަތުރައިގެން ޝަރުމީނު އައެވެ. އޭނާއަށް ރާދިންއާއި ޝިހާނާއަށް އަތުގައި ހުރި މަސްތައް ދައްކަމުން ދިޔަ ފިރިހެން ދަރިފުޅު ފެނުމުން ހިނިތުންވެވުނެވެ. ތިން ކުދީންގެ މެދުގައި ހީނ ސަމާސާ ކުރެވޭތަން ފެނުމުން ބުނެދޭން ނޭނގޭ ރިހުމެއް ޝަރުމީނުގެ ހިތުގައި އުފެދުނެވެ.

"އަރްސަލް! ދަރިފުޅު އައީމަ މި ޢާއިލާ ފުރިހަމަވީ" ޝަރުމީނުގެ ހިތުގެ އަޑު އިވުނެވެ. ރެޔާއި ދުވާލު އޭނާ އެދޭ ކަމަކީ އެއީއެވެ. އަބަދުމެ ހިތުގައިވާ ދުޢާއަކީ އެއީއެވެ. ރާދިންއަކީ އެ ޢާއިލާއަށް ލެއްވި ނިޢުމަތެވެ. އަރްސަލްއާއި ހަލަފްއަށް ޓަކައި ޝަރުމީނުގެ ހިތުގައިވާ ލޯބި ރާދިންގެ މައްޗަށް ވެސް އޮވެއެވެ. ބިލާލުގެ ތިން ފިރިހެން ދަރީން ތިބިކަމުގައި އޭނާ ބުނަނީ އެހެންވެއެވެ. ޝަރުޢީގޮތުން ރާދިންއަށް އެއްވެސް އެއްޗެއް ނުލިބޭނޭކަން ބިލާލަށް އެނގޭތީވެ އޭނާ ރާދިންއަށް ހުރިހާ ގޮތަކުން އެހީވެއެވެ. އެ ޢާއިލާއާ ވަކިވާން ޖެހޭ ދުވަހަކުން އެ ކުއްޖާ އުޅޭނޭ ހިޔާވެހިކަމެއް ހޯދާދިނެވެ. ކިޔަވައިދީ ރަނގަޅު ޒުވާނަކަށް އެ ކުއްޖާ ހެދިއެވެ. ފެންކަޅިވެފައިވާ ދެ ލޯ ޝަރުމީނު ފުހެލިއެވެ. ރާދިން އެ ޢާއިލާއާ ވަކިން އުޅޭނޭ ދުވަހެއް ނުދެއްކެވުމަށް ހިތާ ހިތުން ޝަރުމީނު ދުޢާކޮއްލިއެވެ. ސޯފާތައް ކައިރިއަށް ޝިރުމީނު އައުމާއެކު ރާދިން ތެދުވެ އަވަހަށް ތަބަކުގައި ހިފިއެވެ.

"ދައްތަ ވެސް އަޅުގަނޑުމެންނާއެކު ކޮފީ ބޯން މަޑުކޮއްލަންވީނު" ރާދިން ބުނެލިއެވެ.

"ތި ކުދީން ބޯލާ... ބައްޕަ ގާތަށް މިދަނީ" ރާދިންގެ އަތުގައި ޝަރުމީނު ލޯތްބާއެކު ފިރުމާލިއެވެ.

"ހަލަފް! އާނާދައްތަ ގެއަށް ގެންގޮސްދެއްޗޭ... ރާދިން! އިރުކޮޅަކުން ކާން ނަގާނެ. ކައިގެން ދާން މަޑުކުރައްޗޭ" ޝަރުމީނު ބުނެލިއެވެ. އެއާއެކު ރާދިން ބޯޖަހާލިއެވެ.

* * * *

ރޭގަނޑަށް ކާއެއްޗެއް ތައްޔާރުކުރަން ނިމްރާ ނުކުތްއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. އޭނާ އައިސް ރާދިންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބަދިގެއަށް އައިސް ވަނެވެ. އައިސްއަލަމާރި ހުޅުވާލާ އޭގައި ތަރުކާރީ އަޅާފައި ހުރި ބައި ބަލަން ފެށިއެވެ. އިރުކޮޅަކު ބަލަން ހުރެފައި ދެފަރާތަށް ބޯހޫރާލިއެވެ. ހަވީރު އަރްސަލްއާއި ރާދިންގެ ދެމެދުގައި އޭނާ ހައްޔަރުވެފައި ހުންނަން ޖެހުނު ގޮތުގެ ޚިޔާލު ސިކުނޑިން ނެރެ އެއްފަރާތްކޮއްނުލެވުނެވެ.

"ހައު ކޭން ހީ ޑޫ ދެޓް ޓު މީ... ރާދުއާ ދިމާއަށް އަތްނުލާށޭ ބުނިއިރު އޭނާ ވެސް އަހަރެންގެ ގައިގާ އަތްލައިގެންނޫންތަ ހުރީ" ނިމްރާ އަމިއްލަ ހިތާއި ސުވާލުކުރިއެވެ. މީހާ ކުޑަކޮށް ތެޅިގަތީ އަރްސަލްގެ މޭގައި އޭނާ ޖައްސައިލައިގެން ހުރި ގޮތް އިހުސާސްވުމާއެކު ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެންނެވެ. އެ އިހުސާސް ފިލުވާލަން އޭނާ ބޭނުންވީއެވެ. ނިތްކުރީގައި ވައަތުގެ އިނގިލިތަކުން ކުޑަކޮށް މަސާޖުކޮއްލަމުން އައިސްއަލަމާރީގެ ދޮރުފަތް ނިމްރާ ލައްޕާލިއެވެ. އެއާއެކު ދޮރުފަތާ ނިވާވެގެން ހުރި އަރްސަލް ފެނުމުން ބޭއިޚްތިޔާރުގައި ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ. ކުރިއަށް އަޅާލި ފިޔަވަޅާއެކު ނިމްރާގެ ބޮލުގެ ފުއްކިބައިގައި އެއްއަތުން ހިފަހައްޓާލާ އަނެއްއަތް ނިމްރާގެ އަނގަމަތީ އަރްސަލް އެޅިއެވެ. އެ އަވަސް ހަރަކާތުގެ ތެރެއިން ނިމްރާ ތެޅިގަތީ އަރްސަލްގެ ކިބައިން ސަލާމަތްވާށެވެ. އޭނާގެ މޭގައި ދެއަތުން އަޅައި ނިމްރާ ކޮއްޕަން ފެށިއެވެ. ހަމައެއާއެކު އަނގަމަތީ އޮތް އަރްސަލްގެ އަތްތިލަ ނައްޓާލަން މަސައްކަތް ކުރިއެވެ.

"ހަޅޭލަވާނަންތަ؟" އަރްސަލްއަހާލިއެވެ. އޭނާގެ މޫނާއި ނިމްރާގެ މޫނު ޖެހޭ ނުޖެހޭ ހިސާބުގައި ހުރެއެވެ. ނިމްރާގެ ލޮލުން އޭނާ ހުރީ ބިރުގެންފައިކަން އަރްސަލްއަށް ނަގައިގަނެވުނެވެ. އަވަސްއަވަހަށް ދެފަރާތަށް ނިމްރާ ބޯހޫރުވަން އުޅުނެވެ.

"ސްޓޮޕް މޫވިންގ" އަރްސަލް ބުނެލުމާއެކު ނިމްރާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެހެންނަމަވެސް އޭނާގެ ހާސްކަން ހަރުކަށިވެފައިވާ ހަށިގަނޑާއި ހިފަހައްޓާލައިވެފައިވި ނޭވާއިން ހާމަވިއެވެ. މަޑުމަޑުން އަރްސަލްގެ އަތްތިލައަށް ދޫ ދެމުން ނިމްރާއާ ދުރަށް ޖެހިލިއެވެ. އެހިނދު ދެތިން ފިޔަވަޅު ފަހަތަށް ނިމްރާ އަޅާލީ އިތުރަށް އަރްސަލްއާ ދުރަށް ދިއުމަށެވެ.

"މިރޭ އެއްޗެއް ހަދާނެކަމެއްނެތް. އިރުކޮޅަކުން ކީފާ އަންނާނެ... އަހަރެން އެއްޗެއް އޯޑަރު ކުރަން މިއުޅެނީ" އިރުކޮޅަކު ހުރުމަށްފަހު އަރްސަލް ބުނެލިއެވެ. އޭނާގެ ސަމާލުކަން ހުރީ ޖީބުން ނެގި ފޯނަށެވެ.

"ރާދު... ރާދިން" ނިމްރާ އޮޅުން ފިލުވަން ބޭނުންވީއެވެ.

"އޭނާ ވީތަނެއް ކަލޭ ބަލާކަށް ނުޖެހޭނެ. ތި ދުލުން އޭނާގެ ނަން މީގެ ފަހުން ނުކިޔާތި. އެއްވެސް ފިރިހެނެއްގެ ނަން ކިޔައިގެން ނުވާނެ" އަރްސަލް ބުނެލިއެވެ. އޭނާގެ އެ ހުންނަ ހަރުކަށިކަމާއި ސިކުންތުކޮޅެއްގެ ތެރޭ މީހާގެ ޠަބީޢަތަށް އެ އަންނަ ބަދަލު ނިމްރާއަށްވީ ހައްލުކުރަން ނޭނގޭ އަރަތަކަށެވެ.

"ކާކުބުނީ ދާށޭ! އަހަރެން ގޮވާލީމާ އިވޭ ހިސާބުގައި ހުންނާށޭ އަހަރެން ނުބުނަންތަ؟ ދެފަހަރަށް އެއްކަމެއް ތަކުރާރު ކުރުވަން ބޭނުންވަނީތަ؟ އަހަރެން ބުނިން ދޯ އެހެން ނުވާނެއޭ... އޭގެ ނަތީޖާ ރަނގަޅެއްނުވާނެއޭ" އަރްސަލް ބުނެލިއެވެ.

"އަހަރެން މި ހުރީ ނުފެންނަ ހިސާބު ދުރުގައެއްނޫނޭ... ވާހަކަދައްކާއިރު އަހަންނާ ދިމާއަށް ބަލާލިއްޔާ ކަލޭ ފާފަވެރިވާނީތަ؟ ނޫނީ މި ހުރި ކަބަޑާތަ ތި ވާހަކަދައްކަނީ... ރާދިން ބުނީ ރަނގަޅަށް. ކަލޭ ތީ ހުރި ގޮތަށް ހުރި ޑެވިލްއެއް. އަހަރެން ބޭނުންވާ ވަރަށް ފައިސާ ލިބެންދެން ކަލޭ ބުނިހާ ގޮތެއް ހެދިގެން ހުންނާނީ... އަދި ބުނެފިއެއްނު ރާދުގެ ނަން ނުކިޔާށޭ... ހައު ޑެއަރ ޔޫ... ހަމަ ކިޔާނަން... ކިޔާނަން... ކިޔާނަން... ރާދު... ރާދު... ރާދިން... ރާދިން... ޔޫ ޑެވިލް. އަބަދު ރުޅި އައިސް ރަތްވެފަ... ޗެރީއެއްހެން ފަޅާލަފާނަން އިނގޭ... ރާދުއަކީ ޓްރޫ ޖެންޓްލްމޭނެއް... އެހެންނޭ ކިޔާފައި ކަލެއަށް އެކަހަލަ މީހަކަށް ވެވިދާނެތަ... އޯ ޕްލީޒް! ޑެވިލް ބަދަލެއްނުވާނެ... އެންޑް ޔޫ އާ ދި ޑެވިލް... އެނގިއްޖެ... ތީ ހަމަ ޑެވިލް" ތުންފިއްތާލައިގެން ހުރި ނިމްރާގެ ހިތް ބުނެލިއެވެ. އެހިނދު އަރްސަލް އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮއްލާ ނިމްރާއަށް ބަލާލި ގޮތުން އޭނާ ހުއްޓުންއެރިއެވެ. އަވަހަށް ތުންފަތުގައި ކަނާތުގެ އިނގިލިތަކުގެ ކުރީން ހިފަހައްޓާލެވުނީ އޭނާގެ ހިތަށް އެރި ހުރިހާ އެއްޗެއް ދުލުން ބޭރުކޮއްލެވުނީބާއޭ ހިތާއެވެ. އެހެންވެއްޖެނަމަ އޭނާގެ ދުވަސްދިއްޔައީއޭ ނިމްރާ ހިތަށް އެރިއެވެ.

ނިމްރާގެ މޫނު ހުދުވެގެން ދިޔަތަން ފެނި އަރްސަލް ހައިރާންވިއެވެ. އޭނާ ކުރިއަށް ޖެހިލީ ނިމްރާއަށް ގޮތެއްވަނީބާއޭ ހިތަށް އަރައިގެން ހުރެއެވެ. އަރްސަލްގެ އަތްހިލާލެވުނީ ނިމްރާގެ ކޯތާފަތުގައި ޖައްސާލުމަށެވެ.

"ސޮރީ..." ނިމްރާ ދެއަތްޖޯޑުކޮއްލަމުން އަވަސް އަވަހަށް ތަކުރާރުކޮށް ބުނެލިއެވެ. ދެން ވެސް އަރްސަލް ހުރީ ހައިރާންވެފައެވެ. ނިމްރާ ކުއްލިއަކަށް މަޢާފަށް އެދެން ފެށީމައެވެ. އެ އަންހެންކުއްޖާއަށް ވީގޮތެއް ނޭނގެއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑި ކޮންމެވެސް ގޮތަކުން ނިމްރާގެ ހަރަކާތްތައް މާނަކުރިއެވެ. އަރްސަލް ނުރުހޭކަމެއް ކުރެވުނީމާ އެކަމަށް އަވވަހަށް މަޢާފަށް އެދުނީކަމުގައި އަރްސަލް ހީކުރީ އެއީ ޤަބޫލުކުރަން އެންމެ ފަސޭހަކަންތައްވީމައެވެ. ކުޑަކޮށް ތުންފަތުގެ ދެ ފަރާތު ކަން މައްޗަށް ދެމިލިއެވެ. އެހެންނަމަވެސް ނިމްރާއަށް ފުރަގަސްދެމުން އަރްސަލް އައިސް ސޯފާގައި އިށީނެވެ. އެއާއެކު އަނެއްކާ ވެސް ފޯނަށް ބަލަން ފެށިއެވެ. (ނުނިމޭ)