ބޮލީވުޑް

"ސިމްބާ" އަށް ސޯނޫ ސޫދް

މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެއްޓީ އާއި ކަރަން ޖޯހަރު ގުޅިގެން ގެނެސްދޭ ކޮޕް ޑްރާމާ ފިލްމު "ސިމްބާ" ގެ ވިލަންގެ ރޯލަށް ސޯނޫ ސޫދް ނަގައިފި އެވެ.

ކުރިން މި ރޯލަށް ހަމަޖައްސާފައި އޮތީ އާރް މާދަވަން އެވެ. ނަމަވެސް އޭނާ އިންޖަރީއެއްވެ ސާޖަރީއެއް ހެދުމަށްފަހު އެއްކޮށް ރަނގަޅުވަންދެން އެކްޝަން ސީންތައް ނުނެގުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާތީ އެ ރޯލަށް އެހެން ތަރިއަކު ނެގީ އެވެ.

ރަންވީރު ސިންހު އަދި ސާރާ އަލީ ހާން ލީޑުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ. ރަންވީރު އުޅޭ ފިލްމެއްގައި ސޯނޫ ފެނިގެންދާނެ މިއީ ފުރަތަމަ ފަހަރެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ސޯނޫ މި ރޯލަށް ނެގުމުގެ ކުރިން އާރް މަދަވަންގެ އިތުރުން އަބީޝޭކް ބައްޗަން އާއެކު ވެސް މަޝްވަރާކޮށްފައިވެ އެވެ.

ސޯނޫގެ ކުރިއަށް ހުރި ފިލްމުތަކަށް ބަަލާއިރު ކަންގުނާ ރަނާއުތް ފެނިގެންދާ ފިލްމު "މަނިކަރްނީކާ" އާއި ޖޭޕީ. ދަތް ޑައިރެކްޓުކުރާ ފިލްމު "ޕެލްޓަން" ހިމެނެ އެވެ.

ރޯހިތްގެ ޝޭޓީ ޕިކްޗާޒް އަދި ކަރަންގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމު ސިމްބާއަކީ ޓެލުގޫ ފިލްމު "ޓެމްޕާ" ގެ ރީމޭކްއެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ ޑިސެމްބަރު 28 ގަ އެވެ.