މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓުކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ލަވަތަކުގެ ރިންގުޓޯން އައިޑީ އާންމުކޮށްފި އެވެ.
ޓެކްނޯ މީޑިއާގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމުގައި ހަތަރު ލަވައެއް ހިމެނެ އެވެ. ފިލްމުގެ ތީމް ލަވަގެ މަސައްކަތްކޮށްފައި ވަނީ އިބްރާހިމް ނިފަރް އެވެ. ދެން އިން ތިން ލަވައިގެން މަސައްކަތްކޮށްފައި ވަނީ އިކްރާމް އަދި ކުޑަ ޝިހާމް އެވެ.
ތީމް ލަވަ "ތިޔަ ލޯތްބާ ދުރަށް" ކިޔާފައި ވަނީ އިބްރާހިމް ނިފަރް އެވެ. ދެން ހިމެނޭ ލަވަތައް ކަމަށްވާ "އާވޭ ހަނދާނޭ" ކިޔާފައި ވަނީ އަލީ ރަމީޒް އަދި ފަޒީލާ އާމިރް އެވެ. "އަބަދުމެ ފަހަތުން" ކިޔާފައި ވަނީ ފަޒީލާ އާމިރް އަދި އިބްރާހިމް އާމިރް އެވެ. ލަވަ "ދީވާނާ" ކިޔާފައި ވަނީ އަލީ ރަމީޒް އެވެ.
މައިޓޯންސް އަދި ރީތި ޓިއުންސް ބޭނުންކުރާ ފަރާތްތަކަށް މިހާރު ފޯނުގެ ކޯލް ރިންގުޓޯންއަށް މި ލަވަތައް ލެވޭނެ އެވެ.
ލޯތްބާއި އައިލީ ކަންކަމާއި އަދި ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދާ (މަލް)، މަރިޔަމް ޝަހްޒާ (ޝަހޫ)، އަހްމަދު އަމަން (ޓޮމް) އަދި ލަންކާގެ ބަތަލާ އުދޭނީ އެވެ.
ލަންކާގައި ޝޫޓުކުރި މި ފިލްމުގެ ޓިކެޓްވެސް މިހާރު ވަނީ ބުކޮށްދޭން ފަށާފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ޓިކެޓް ބޭނުންވާ ފަރާތްތަކަށް ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހު އެވެ.
އޮލިމްޕަހުގެ އިތުރުން މި ފިލްމު ފުވައްމުލަކު، އައްޑޫ، ލ.ގަން އަދި ކުޅުދުއްފުށީގައިވެސް އަޅުވާނެ އެވެ. ލަންކާވެސް ފިލްމުދެއްކުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.