ފަނޑިޔާރުންގެ ޖިނާއީ ކުށެއްގެ ނިޔަތެއް އޮތުމަކީ އެ ފަނޑިޔާރުން ނެރުއްވާ އަމުރު ގޯސްވާނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. ފަނޑިޔާރު މިހެން ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ފާހަގަކުރި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި މިހާރު ބާތިލު ނުކޮށް ހުރި ބައިތައް ބާތިލު ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވީ ފުރަތަމަ އަޑުއެހުމެވެ. އެންމެ ފުރަތަމަ ވެސް ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރެއްވީ އިޖުރާއީ ނުކުތާއެކެވެ.
އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެކެއް ފެބުރުއަރީ އަމުރު ނެރުއްވީ ނާޖައިޒު ފައިދާތަކެއް ހޯދުމަށް ރިޝްވަތުގެ ފައިސާގައި ހިއްޕަވައިގެން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ވެސް އޮޅުވާލައިގެން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައިކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެ ފާހަގަ ކުރެއްވި ނުކުތާއެކެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާތައް ކޮށްފައިވާކަން ވެސް ފާހަގަކުރި އެވެ.
ބަންޑާރަ ނައިބުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވީ، އެ އަމުރަކީ ޖިނާއީ ނިޔަތެއް އޮވެގެން ނެރެފައިވާ އެކެއް ފެބުރުއަރީގެ އަމުރަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު އަމުރަކަށްވާތީ އެ އަމުރު ބާތިލުކޮށްދިނުމަށް އެދޭ ކަމަށެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރެއްވި އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ރިޔާސަތު އިންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މަޝްވަރާ ކުރައްވާފަ އެވެ. ތިން ފަނޑިޔާރުން އިރުކޮޅެއްވަންދެން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ އެ އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށެވެ.
އަޑުއެހުމުގެ ތެރޭގައި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ބަލައި ނުގަތް ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރެއްގެ ޖިނާއީ މައްސަލަތަކެއް ހުރުމަކީ ބެންޗަކުން ނެރެފައިވާ އަމުރެއް ގޯސް ކަމަށް ބުނެވޭނެ ކަމެއް ނޫން ކަމަށެވެ. ޖިނާއީ ކަންކަމަކީ ޝަހުސީ ކަންކަން ކަމަށާއި ޖިނާއީ ތުހުމަތެއްވާނަމަ އެކަން ހިނގާނީ އެމީހެއްގެ މައްޗަށް ކަމަށެވެ.
"ފަނޑިޔާރަކަށް ޖިނާއީ ނިޔަތެއް އޮތް ކަމަށް ތުހުމަތުވުމަކީ އެ ހުކުމް ބާތިލުވާނެ ކަމެއް ނޫން، ނުވަތަ ގޯސްވާނެ ކަމެއް ވެސް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ހުކުމެއް ނުވަތަ އަމުރެއްގައި މައްސަލައެއް އުޅޭނަމަ ބާތިލުކުރަން ޖެހޭނީ އެކަމެއް ރިވިއު ކުރުމަށްފަހު ކަމަށެވެ. ފެބުރުއަރީ އެކެއްގެ އަމުރުގައިވާ ބައެއް ބައިތައް މިހާރު ވެސް ބާތިލުކޮށްފައިވަނީ އެގޮތުގެ މަތިން ކަމަށާއި އެ ބައިތައް ބާތިލުކުރީ ރިވިއުކުރުމަށްފަހު ކަމަށެވެ. އެ ބައިތައް ބާތިލުކުރީ ފަނޑިޔާރުންގެ ޖިނާއީ ނިޔާތެއް އޮވެގެން އެކަމަށް ރިޔާއަތްކޮށްގެން ނޫން ކަމަށެވެ.
ފަނޑިޔާރެއްގެ ނިޔަތުގައި މައްސަލައެއް އުޅުމަކީ އޭގެ ޒާތުގައި ބެންޗަކުން ނެރޭ އަމުރުތައް ގޯސްވާނެ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވާއިރު ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އަމުރަކީ މުޅިން ގޯސް އަމުރެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.