ޑިޕްލޮމެޓިކް މައްސަލައަކާ ހެދި ރަޝިއާގައި މި އަހަރު ޖޫން މަހު ބާއްވާ ވޯލްޑްކަޕުގައި ވާދަ ނުކުރަން އޮސްޓްރޭލިއާއިން ނިންމަފާނެ ކަމުގެ އިޝާރާތެއް އެ ގައުމުގެ ސަރުކާރުން ދީފި އެވެ.
އޮސްޓްރޭލިއާ ވަނީ މި އަހަރުގެ ވޯލްޑްކަޕުން ޖަގަ ހޯދާފަ އެވެ. ވޯލްޑްކަޕު ބޮއިކޮޓް ކޮށްފާނެ ކަމަށް އިއުލާން ކުރީ އެ ގައުމުގެ ހާރިޖީ ވަޒީރު ޖޫލީ ބިސްހޮޕް އެވެ.
އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓަކަށް ރަޝިއާއިން ވިހަ ދިން ކަމަށް ތުހުމަތުކޮށް، އިނިގޭސި ވިލާތުން ވަނީ އެ ގައުމަށް ވާގިވެރިވާ ގައުމުތަކަށް ރަޝިއާގެ ޑިޕޮލޮމެޓުން ގައުމަށް ފޮނުވާލުމަށް އަންގާފަ އެވެ. އިނގިރޭސި ވިލާތުގެ އެންގުމަށް އެ ގައުމަށް ވާގިވެރިވާ 20 ގައުމަކުން އަމަލު ކުރި އެވެ. ރަޝިއާގެ ޑިޕޮލޮމެޓިކުން ފޮނުވާލި ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާވެސް ހިމެނެ އެވެ.
އޮސްޓްރޭލިއާއިން ވަނީ ރަޝިއާގެ ދެ ޑިޕްލޮމެޓުންނަކީ ޖާސޫސޫ ކުރާ ބައެއް ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.
"އޮސްޓްރޭލިއާއިން ފަހްރުވެރިވޭ މި ގައުމުން ދުނިޔޭގެ އެންމެ ބޮޑެތި ކުޅިވަރު މުބާރާތްކުގައި ވާދަ ކުރާތީ، އެންމެ ބޮޑެތި މުބާރާތްތަކުގައި ވާދަ ކުރުމުގެ ދިގު ތާރީހެއް އޮސްޓްރޭލިއާގައި އެބައޮތް، ސިޔާސީ ކަންކަމުގައި އެއްވަރަށް އިންސާފު ނުލިބުނު ނަމަވެސް އޮސްޓްރޭލިއާ ވާނެ މިހާތަނަށް ބޭއްވި ހުރިހާ އޮލމްޕިކްސް މުބާރާތެއްގައި ވާދަ ކުރި ގައުމަށް އޭގެ ތެރޭގައި [ރަޝިއާގެ ވެރިރަށް] މޮސްކޯގައި 1980 ގައި ބޭއްވި އޮލިމްޕިކްސްވެސް ހިމެނޭނެ،" އޮސްޓޤރޭލިއާގެ ހާރިޖީ ވަޒީރު ޖޫލީ ބިސްހޮޕް ވިދާޅުވި އެވެ.
"ރަޝިއާ އާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް ހުންނާނެ، އޭގެ ތެރޭގައި ވޯލްޑްކަޕު ބޮއިކޮޓް ކުރުންވެސް އެއީ ކުރެވިދާނެ ކަމެއް."
އޮސްޓްރޭލިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައި ވަނީ އިނގިރޭސި ވިލާތްފަދަ ގައުމުތަކާއެކު އޮންނަ ގުޅުން ދެމެހެއްޓުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ގެންގުޅޭ ޑިޕޮލަމަސީއަށް އިހްތިރާމު ކުރާ ކަމަށެވެ.
ނަމަވެސް އިނގިރޭސި ވިލާތަށް ސީދާ މައްސަލަ ދިމާވެފައިވާއިރުވެސް އެގައުމުންވެސް ވޯލްޑްކަޕަށް ދާނެ ކަމަށާއި އެހެންވެ އޮސްޓްރޭލިއަންއިން ވޯލްޑްކަޕަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ.
ވޯްލޑްކަޕު ކޮލިފައިންގައި އޮސްޓްރޭލިއާ ހިމެނެނީ، ފްރާންސް، ޕެރޫ އަދި ޑެންމާކާ އެކު ގުރޫޕް "ސީ" ގަ އެވެ.