ބަރުދަން ލުއިކުރުމަށް މީހުން އެތައް ޑައިޓަކާއި ތަފާތު ވައްތަރުގެ ކަސްރަތުތައް ކުރެ އެވެ. ބުރަ މަސައްކަތުން ގިނަ މީހުންގެ ބަރުދަން ލުއިވެސް އެވެ. އެކަމަކު ގިނަ މީހުން ހިތަށް ނާރާނެ ސުވާލަކީ ތިމަންނަ ގައިގައި ހުރި ސަރުބީތަކަށްވީ ކިހިނެއް ހެއްޔެވެ. އެ ބޮޑު ސަރުބީތައް ދިޔައީ ކޮންތާކަށް ހެއްޔެވެ.
ގިނަ މީހުނާއި މި ސުވާލުކުރުމުން ރަނގަޅު ޖަވާބު ނުވެސް ލިބޭނެ އެވެ. އެންމެ ގިނަ ބަޔަކު ބުނަނީ ސަރުބީތައް ހަކަތައަށް ބަދަލުވެ ހަށިގަނޑުން ނެތިގެންދަނީ އެވެ. އަނެއް ބަޔަކު ބުނަނީ މަސުލްސްތަކަށް ނުވަތަ މަހަށް ބަދަލު ވަނީ އެވެ. ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ބޭރުވަނީ ކަމަށްވެސް ބައެއް މީހުން ގަބޫލުކުރެ އެވެ. މި ހުރިހާ ޖަވާބެއްވެސް ގޯހެވެ.
ސަރުބީތައް ހަކަތައަށްވެ ހަށިގަނޑު ނެތިގެންދަނީ އޭ ބުނާ ވާހަކަ ގަބޫލު ނުކުރެވެނީ އެ ބުނުމަކީ ހުރިހާ ކެމިކަލް ރިއެކްޝަންތަކެއް އެއްބަސްވާ ތިއަރީއެއް ކަމަށްވާ "ލޯ އޮފް ކޮންޒަވޭޝަން އޮފް މެޓާ" އާއި ހިލާފުވާތީ އެވެ. އެ ތިއަރީގައި ބުނާ ގޮތުން އެއްވެސް މާއްދާއެއް އަމިއްލައަކަށް ނުއެއް އުފެއްދެނޭ އަދި ނައްތައެއްވެސް ނުލެވޭނެ އެވެ. އެ މާއްދާއެއް އެހެން މާއްދާއަކާ އެކުވެގެން ތަފާތު މާއްދާއަކަށް ބަދަލުވާނީ އެވެ.
ސަރުބީތައް މަސުލްސްއަށް ބަދަލުވުމާއި ހަޖަމުނުވެ ބޮޑު ކަމުދާ ތަކެތީގެ ގޮތުއި ބޭރު ވަނީއޭ ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫންކަން ރަނގަޅަށް ވިސްނާލައިފިނަމަ ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެ އެވެ. އެހެން ވެއްޖެޔާ ދެން ސަރުބީތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ އެ އެއްޗެހި ދަނީ ކޮންތާކަށް ހެއްޔެވެ؟
ސަރުބީ ބަދަލުވަނީ ކާބަން ޑައިއޮކްސައިޑް އަދި ފެނަށް
މި ސުވާލުގެ ރަނގަޅު ޖަވާބަކީ މި އެވެ. ހަށިގަނޑުގައި ހުންނަ ސަރުބީތައް ބަދަލު ވަނީ ކާބަން ޑައިއޮކްސައިޑް އަދި ފެނަށެވެ. ސަރުބީ ހަށިގަނޑުން ބޭރުވަނީ ނޭވާ ލުމުން ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ ގޮތުގައި އާއި ކުޑަކަމު ދިއުމުންނާއި ދާހިތްލުމުން ބޭރުވާ ފެނުގެ ގޮތުގަ އެވެ.
ހަށިގަނޑުން ހަތަރު ކިލޯ ލުއިވެއްޖެނަމަ އޭގެ މާނައަކީ އެ ހަތަރު ކިލޯގެ ތެރެއިން ތިން ކިލޯ އެ ލުއިވީ ނޭވާ ބޭރުކުރުމުންނެވެ. ބާކީ އެއް ކިލޯ ލުއި އެވީ ކުޑަކަމު ދިއުމުންނާއި ދާހިތްލުމުން ބޭރުވި ފެނުގެ ގޮތުގަ އެވެ. އެހެންކަމުން ބަރުދަން ލުއިވާ އެންމެ ބޮޑު އެއް ސަބަބަކަށް ވާނީ ނޭވާ ބޭރުކުރާވަރު އިތުރުވުމެވެ.
މިއީ ހައިރާން ކުރަނިވި ޖަވާބަކަށް ވެދާނެ އެވެ. އަހަރެމެން މި ކާ އެއްޗެއްހީގެ ސަބަބުން ހަށިގަނޑުގައި ޖަހާ ސަރުބީތައް ވިރިގެން ގައިން ބޭރުވަނީ ނޭވާލުމުންނޭ ބުނުމުން ހައިރާންވާންވެސްޖެހެ އެވެ.
ހަށިގަނޑުގައި ހަޖަމުވާ ކޮންމެ ކާބޯހައިޑްރޭޓްގެ މާއްދާތަކާއި ސަރުބީތައް ބަދަލުވާނީ ކާބަން ޑައިއޮކްސައިޑް އަދި ފެނަށެވެ. ޕްރޮޓީންގެ މާއްދާތަކަށްވެސް ވަނީ ދާދި އެއްގޮތެކެވެ. ނަމަވެސް ޕްރޮޓީންގެ މަދުބައެއް ޔޫރިއާ އަދި އިތުރު ހަރު މާއްދާތަކަށް ބަދަލުވެ އެވެ. މި އެއްޗެހިވެސް ހަށިގަނޑު ބޭރުވަނީ ކުޑަކަމުދާ ތަކެތީގެ ގޮތުގަ އެވެ.
ހަޖަމުނުވެ ހަށިގަނޑުން ބޭރުވާނީ ހަމައެކަނި ޑައިޓެރީ ފައިބާ އެވެ. މި އެއްޗެހި ފިޔަވާ ދެން ކާ ހުރިހާ އެއްޗެއްސެއްގައި ހިމެނޭ މާއްދާތައް ހަށިގަނޑުގައި ދައުރުވާ ލޭއާއި އެކި ގުނަވަންތަކުގެ ތެރެއަށް ދަމައިގަންނާނެވެ. އެ އެއްޗެހި ހަށިގަނޑު ބޭރުވިއްޔާ ބޭރުވާނީ ވައިގެ ގޮތުގަ އެވެ.
ގިނައިން ނޭވާ ބޭރުކުރީމާ ބަރުދަން ލުއިވާނެ؟
ހަށިގަނޑުން ސަރުބީ އެންމެ ގިނައިން ނެތިގެންދަނީ ނޭވާ ބޭރުކުރުމުންކަން މިހާރު އިނގިއްޖެ އެވެ. ދެން ސުވާލަކީ ހަމަ ބަރުދަން ލުއިކުރާށޭ ކިޔާފައި އެއްވެސް އިތުރު ކަމެއް ނުކޮށް ގިނަ ގިނައިން ނޭވާ ބޭރުކުރުމުން ހަމަ ބަރުދަން ލުއިވާނެ ހެއްޔެވެ؟ ނޫނެކެވެ.
އަވަސް އަވަހަށް ނޭވާލާންވެއްޖެއްޔާ މީހާ ނޭވާލާންޖެހޭ ވަރަށްވުރެ އިތުރަށް ނޭވާ ލެވިދާނެ އެވެ. އޭރުން މީހާއަށް ކުރިމަތިވާނީ "ހައިޕަވެންޓިލޭޝަން" ކިޔާ ސިއްހީ މައްސަލައެކެވެ. މި ހާލަތަށް މީހާ ގޮސްފިނަމަ ބޮލަށް އެނބުރުން އެރުމާއި ހޭނެތުންފަދަ ކަންކަން ކުރިމަތިވާނެ އެވެ.
ހަށިގަނޑުން ބޭރުވާ ކާބަން ޑައިއޮކްސައިޑް އަދަދު އެންމެ ރަނގަޅު ގޮތުގައި ބޭރުކުރެވޭނީ ތަފާތު ކަސްރަތުތައް ކޮށްގެންނެވެ.
ސީދާ ކަސްރަތުކުރަން ވަގުތު ހުސްނުކޮށް ވަރަށް ފަސޭހައިން މިކަން ކުރެވިދާނެ ގޮތްތައްވެސް އެބަހުއްޓެވެ. ހިނގާލަން ދިއުމާއި ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅެލުން ނުވަތަ ގޭތެރޭގައި ކުރާ ކެއްކުމާއި ތަންތަން ސާފުކުރުމުގެ މަސައްކަތްކުރާއިރުވެސް ހަށިގަނޑުން ކާބަން ޑައިއޮކްސައިޑް ބޭރުވާ މިންވަރު އިތުރުވާނެ އެވެ.